ވިޔަފާރި / ޚަބަރު

ޓުއަރިޒަމް ވިޔަފާރިތަކުން މި މަހު 40 މިލިއަން ޑޮލަރު ބޭންކުތަކަށް މާރުކުރާނެކަމަށް ބެލެވޭ: އެމްއެމްއޭ

ޓުއަރިޒަމް ވިޔަފާރިތަކުން މި މަހު 40 މިލިއަން ޑޮލަރު ބޭންކުތަކަށް މާރުކުރާނެކަމަށް ބެލެވޭ: އެމްއެމްއޭ

އެމްއެމްއޭ، ފޮޓޯ: ޕީއެސްއެމް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

18 ޖެނުއަރީ 2025، 04:38

18 ޖެނުއަރީ 2025، 04:38

ހުލާސާ

މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ޑޮލަރު މާރުކުރަންޖެހެނީ ފަހު ކުއާޓާގައި ލިބުނު އާމްދަނީގެ މައްޗަށް ބިނާކޮށް.

ބޭރު ފައިސާއާ ބެހޭ ޤާނޫނަށް ގެނައި އިސްލާހާއެކު، މި މަހުގެ 28ވަނަ ދުވަހުގެ ނިޔަލަށް ޓުއަރިޒަމްގެ ވިޔަފާރިކުރާ ފަރާތްތަކުން ގާތްގަނޑަކަށް 40 މިލިއަން ޑޮލަރު ބޭންކުތަކަށް ޖަމާކުރާނެކަމަށް ބެލެވޭކަމުގައި މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.

މި އަހަރުގެ ޖެނުއަރީ މަހުގެ 1ވަނަ ދުވަހުން ފެށިގެން ބޭރު ފައިސާއާ ބެހޭ ޤާނޫނުގެ 7 ވަނަ އިސްލާޙަށް ޢަމަލުކުރަން ފަށާފައިވާއިރު، މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ޑޮލަރު މާރުކުރަންޖެހެނީ ފަހު ކުއާޓާގައި ލިބުނު އާމްދަނީގެ މައްޗަށް ބިނާކޮށެވެ. އެއީ އޮކްޓޫބަރ، ނޮވެމްބަރ އަދި ޑިސެންބަރުގައި ލިބުނު އާމްދަނީއެވެ.

އެގޮތުން މިހާތަނަށް 138 ރިޒޯޓަކުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ސޭލްސް ރިޕޯޓު އެމްއެމްއޭއަށް ހުށަހަޅާފައިވާކަމަށް އެ އޮތޯރިޓީން ހާމަކޮށްފައިވެއެވެ. އަދި 38 ރިޒޯޓަކުން ކަނޑައަޅާފައިވާ ދުވަހުގެ ކުރިން ބޭންކު ރިޕޯޓު ހުށަހަޅައި، އެ ފަރާތްތަކުން ބޭންކެއްގައި ހުޅުވާފައިވާ ބޭރު ފައިސާގެ އެކައުންޓަކަށް ޓްރާންފާރކޮށް ނުވަތަ ޖަމާކޮށް ނިންމަންޖެހޭނެކަމަށް ވެސް އެމްއެމްއޭ އިން ވަނީ އަންގާފައެވެ.

ބޭރު ފައިސާއާ ބެހޭ ޤާނޫނަށް ގެނައި އިސްލާހާއެކު، ރިސޯޓުތަކުން މާރުކުރަން ޖެހޭނީ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރެވެ. އަދި ގެސްޓް ހައުސްތަކުން ބޭންކުތަކަށް މާރު ކުރަން ޖެހޭނީ އަންނަ ޓޫރިސްޓުންގެ ބޮލަކަށް 25 ޑޮލަރެވެ.

މީގެ އިތުރުން، ރިސޯޓުތަަކަށް ނުވަތަ ގެސްޓްހައުސްތަކަށް ލިބޭ ޖުމްލަ އާމްދަނީގެ 20 ޕަސެންޓަށްވާ ޑޮލަރު މާރުކުރުމަކީ ވެސް އެ ވިޔަފާރިތަކަށް އޮތް އިޚްތިޔާރެކެވެ. 

މި ލިޔުން ކިޔާލުމުން