ޚަބަރު
އުތީމުގައި ހުރި ބިނާއާއި ރަށުގެ ކޮންމެ ވެލިފުކަކުން ބުނެދެނީ ޤައުމީ ތަރިކައިގެ ވާހަކަ: ރައީސުލްޖުމްހޫރިއްޔާ
ރައީސުލްޖުމްހޫރިއްޔާ ހއ. އުތީމުގެ ރައްޔިތުންނާ ބައްދަލުކުރެއްވުން، ފޮޓޯ: ރައީސް އޮފީސް
ހުލާސާ
ސަރުކާރުގެ ތަރައްޤީގެ ދުވެލީގައި ގިނަ ކަންތައްތަކެއް އުތީމަށް ކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި.
ޤައުމީ ދުވަސް ދެ އަހަރަށް ޤައުމީ މަޝްރޫޢެއްގެ ގޮތުގައި ކުރިޔަށް ގެންދަވާނެކަމަށް ވެސް ވިދާޅުވި.
އުތީމުގައި ހުރި ގަނޑުވަރާއި، ރަށުގެ ކޮންމެ ވެލިފުކަކާއި، ރަށުގެ ކޮންމެ ރައްޔިތެއްގެ ހިތުން އެ ކިޔާ ނިދާ އާއި ރަށުގެ ކޮންމެ ރައްޔިތެއްގެ ލޮލުން އެ ބުނެދޭ ވާހަކައަކީ ޤައުމީ ތަރިކަ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެ މަނިކުފާނު ހއ އަތޮޅުގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު އުތީމަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހިރާއްޖޭގެ ޤައުމިއްޔަތު އިއާދަކޮށް، އާލާކޮށް، އަދި ކުރިއަށް އަންނާން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގައި ސަރުކާރުން ފަށާފައިވާ މަސައްކަތުގައި އުތީމަކީ މުހިންމު ރަށެއް ކަމަށެވެ. އެހެންކަމުން ސަރުކާރުގެ ތަރައްޤީގެ ދުވެލީގައި ގިނަ ކަންތައްތަކެއް އުތީމަށް ކޮށްދެއްވާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މި ރަށުގެ ހުރިހާ ރައްޔިތުން އެކުއެކީގައި ބުނެދޭކަހަލަ، އަޅުގަނޑުމެންގެ ޤައުމުގެ ޤައުމިއްޔަތު ހިމާޔަތްކުރާނަމަ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، މި ރަށުގެ ކަންކަމުގައި ސަރުކާރުތަކުން އެބަޖެހެއޭ، ވަރަށް ސަމާލުކަންދޭން. އެހެންވީމާ، އަޅުގަނޑުމެންގެ މި ސަރުކާރުގެ ތަރައްޤީގެ ދުވެލީގައި، މި ރަށަކީ ވަރަށް މުހިންމު ދައުރެއް، ހަމަ ޔަޤީނުންވެސް ވަރަށް ފުރިހަމަގޮތެއްގައި އަދާކުރާނެ ރަށެއްކަން އަޅުގަނޑު ހަމަ ވަރަށް ސާފުކޮށް ތިޔަބޭފުޅުންގެ އަރިހުގައި ދަންނަވަން.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އުތީމުގެ ތާރީޙާ ގުޅިފައި އޮތް ދިވެހިރާއްޖޭގެ ޤައުމިއްޔަތުގެ ވާހަކަ އިތުރަށް ކުރިޔަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އުތީމު ގަނޑުވަރު ހިމާޔަތްކުރުމަކީ ދިވެހިރާއްޖޭގެ ޤައުމީ އައިޑެންޓިޓީ ހިމާޔަތް ކުރުމުގައި މުހިންމުކަމެއް ކަމަށެވެ.
އާދެ، އޭގެ އިތުރުން، ގަނޑުވަރުގެ ބެލެހެއްޓުންތެރިކަން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، އަޅުގަނޑުމެންގެ ނެޝަނަލް އައިޑެންޓިޓީ ހިމާޔަތްކުރާނަމަ، ސަރުކާރުން ވަރަށް އިސްކަންދޭންޖެހޭ، އެތަން ރަނގަޅަށް ބަލަހައްޓަން. ރަނގަޅަށް ޓްރީޓްމަންޓް ދީގެން، ޙަޤީޤަތުގައި އެ ހުންނަންވާ އޮރިޖިނަލިޓީގައި ތަން ބެލެހެއްޓުމަށްޓަކައި، މިހާތަނަކަށް އެކަށީގެންވާ ސަމާލުކަމެއް ދެވިފައެއް ނެތް. .
އުތީމު ގަނޑުވަރު ހިމާޔަތްކުރެއްވުމަށް އިސްކަންދެއްވާނެކަން ހާމަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި މޭރުމުން ވާހަކަފުޅު ކުރިޔަށް ގެންދަވަމުން އެ މަނިކުފާނު ވިދާޅުވީ، ގަނޑުވަރު ހިމާޔަތްކުރުމަށް ސަމާލުކަންދޭންޖެހޭ ކިތަންމެ ކުޑަކަމެއް ވިޔަސް، އެ ކަމަކަށް އިސްކަން ދެއްވައިގެން ސަރުކާރުން ކުރިޔަށް ގެންދަވާނެ ކަމަށެވެ.
މީގެ އިތުރުން، މިހާތަނަށް ސަރުކާރުތަކުން ނުދޭ ސަމާލުކަމެއް ދީގެން، ޖެހިޖެހިގެން ދެ އަހަރު، ޤައުމީ ފެންވަރުގައި ޤައުމީ ދުވަސް ފާހަގަކުރާނެ ރަށަކީ އުތީމު ކަމުގައި ވެސް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި މިއީ ޤައުމީ ތަރިކަ ހިމާޔަތްކުރުމުގެ ބޮޑު މަޝްރޫޢެއްގެ ސިފައިގައި ކުރިޔަށް ގެންދެވޭނެކަމެއްކަމަށް ވެސް ވިދާޅުވިއެވެ.
އެގޮތުން ޤައުމީ މަޝްރޫޢެއްގެ ސިފައިގައި އެކަން ކުރިޔަށް ގެންދާއިރު، އުތީމު ގަނޑުވަރާއި އަދި ރަށުގައި ހުރި ތާރީޚީގޮތުން ޙިމާޔަތްކޮށް ބަލަހައްޓަންޖެހޭނެ ތަންތަން ހިމާޔަތްކުރުމުގެ މަސައްކަތާއި، ޤައުމީ ވިސްނުމެއްގައި ކުރިއަށް ގެންދެވިދާނެ އެކިކަހަލަ ޕްރޮގްރާމްތައް ކުރިޔަށްގެންދިއުންފަދަ ކަންކަން ހިމެނޭނެކަމަށް ވިދާޅުވިއެވެ.
އޭގެ ނަތީޖާއަކަށް ވާނީ، އަޅުގަނޑުމެންނަށް ފިކުރީގޮތެއްގައި، މި ޤައުމީ ވިސްނުން، އަޅުގަނޑުމެންގެ ޤައުމުގައި ފެތުރުމުގައި، މި ރަށުން އަދާކުރެވޭނެ ފުރިހަމަ ދައުރު އަދާކުރުމުގެ މަގު ފަހިކޮށްދިނުން. އެކަމަށް އޮންނަ، ކޮށޭ މަގެއްގެ ގޮތުގައި، ކެޓަލިސްޓެއް ގޮތުގައި، މި ދެ އަހަރު، ޖެހިޖެހިގެން ދެ އަހަރު، ޤައުމީ ދުވަސް މިތާ ފާހަގަކުރަން މި ނިންމި ނިންމުމާ އެކީގައި، ކަންތައްތައް ފަހިވެގެންދާނެ ގޮތަށް ގެންދިޔުން.
އުތީމުގައި ޤައުމީ ދުވަސް މަޝްރޫޢެއްގެ ސިފައިގައި ކުރިޔަށް ގެންދިއުމުގެ ނަތީޖާއަށް އަލިއަޅުވާލައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ބައްދަލުކުރެއްވުމުގައި އުތީމުގެ އުމްރާނީ ތަރައްޤީއާއި ގުޅޭ ގޮތުން ގެންގުޅުއްވާ ވިސްނުންފުޅު ވެސް ޙިއްސާކުރައްވާފައިވެއެވެ.