ޚަބަރު
ސްޓެލްކޯ މުވައްޒަފުންގެ އަޚްލާޤީ އެއް އަސާސް ކަމުގައިވި، އެ ކުންފުނީގެ ރެކްރިއޭޝަން ކްލަބް އަލުން ވުޖޫދަށް ގެނަސްފި

ސްޓެލްކޯގެ ރެކްރިއޭޝަން ކްލަބު އިފްތިތާޙު ކުރުމުގެ ގޮތުން ބޭއްވި ޖަލްސާގެ ތެރެއން، ފޮޓޯ: ސްޓެލްކޯ
ހުލާސާ
ސްޓެލްކޯ ރެކްރިއޭޝަން ކްލަބުން ހޯދައިދިން ކާމިޔާބީތަކުގެ އެންމެ ބޮޑު ފައިދާއެއް ކުރީ ސްޓެލްކޯގެ މުވައްޒަފުންނަށްކަމަށް ފަޙުމީ ވިދާޅުވި.
ސްޓެލްކޯ މުވައްޒަފުންގެ އަޚްލާޤީ އެއް އަސާސް ކަމުގައިވި، އެ ކުންފުނީގެ ރެކްރިއޭޝަން ކްލަބް އަލުން ވުޖޫދަށް ގެނަސްފިއެވެ.
ސްޓެލްކޯ ރެކްރިއޭޝަން ކްލަބް އަލުން އެފެއްދުމަށްފަހު، ކްލަބު ރަސްމީކޮށް ހަރަކާތްތެރިވާން ފެށުމުގެ ގޮތުން މިދިޔަ އަންގާރަ ދުވަހު ވަނީ އެ ކްލަބުގެ އިފްތިތާޙީ ޖަލްސާ ބާއްވާފައެވެ. މި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އަދި ސްޓެލްކޯ ރެކްރިއޭޝަން ކްލަބްގެ ބޯޑުގެ ޗެއާޕަރސަން ޙުސައިން ފަހުމީއެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، އެ ކުންފުނީގެ ރެކްރިއޭޝަން ކްލަބް ކުރިން ހިނގަމުން އައި ގޮތަށް އަލިއަޅުވާލައްވައި ފަޙުމީ ވިދާޅުވީ، އޭރު ސްޓެލްކޯ ރެކްރިއޭޝަން ކްލަބުން ހޯދައިދިން ކާމިޔާބީތަކުގެ އެންމެ ބޮޑު ފައިދާއެއް ކުރީ ސްޓެލްކޯގެ މުވައްޒަފުންނަށް ކަމަށެވެ.

STELCO MD and Stelco Recreation Club's Chairperson speaking at the inaugural meeting
މި މޭރުމުން ވާހަކަފުޅު ކުރިޔަށް ގެންދަވަމުން ފަޙުމީ ވިދާޅިވީ، އޭރުގަ ހިންގި ރެކްރިއޭޝަން ކްލަބް އަދި މިއަދުގެވެސް ރެކްރިއޭޝަން ކްލަބުން އެންމެ ބޮޑު ފައިދާއެއް ކުރީ މިއަދުގެ ސްޓެލްކޯއަށް ކަމަށެވެ. އެގޮތުން، ގަޑިއަށް ފަރުވާތެރިވުމާއި، ވާހަކަ ދެއްކުމުގެ ރީތިއާދަތަކުން ފެށިގެން، ކުންފުނީގެ މުވައްޒަފުންގެ އަޙްލާޤު ބައްޓަން ކުރުމުގައި މުހިންމު ދަޢުރެއް ކްލަބުން އަދާކުރެއްވިކަމަށް ފަޙުމީ ވިދާޅުވެފައިވެއެވެ.
އޭރުގަ އިސްވެރިން ވަރަށްބޮޑަށް ބާރުއެޅުއްވި ކަމެއް އެ ރެކްރިއޭޝަން ކްލަބް މެދުވެރިކޮށް ކުންފުނީގެ މުވައްޒަފުންގެ އަދަބާ އަޙްލާޤް ވަކި ގޮތަކަށް ބައްޓަންކުރުން. ކުންފުނީގެ ޑިސިޕްލިން ވަކި ގޮތަކަށް ހިފެހެއްޓުން. ގަޑިއެއް ނުޖެހޭނެ ދުވަހަކުވެސް. އަދި ކުންފުނީގެ ތެރޭގަ އެބޭފުޅުންގެ ބޭއަދަބީ ނުވަތަ އެބޭފުޅުން ގޯހޭ ބުނާނެ އެއްވެސް މުވައްޒަފަކު ނޫޅޭނެ. ނަމޫނާ މުވައްޒަފުންތަކެއް އޭރު ކުންފުނީގަ ތިބި ހުރިހާ ބޭފުޅުންނަކީވެސް. އަދި ޚާއްސަކޮށް އަޅުގަނޑުމެންގެ ތެރޭގަ ކުޅިވަރު އޭރު ކުޅުއްވި ބޭފުޅުންނަކީ ނަމޫނާ، ކުޅިވަރުގެ ދާއިރާގަވެސް، މަސައްކަތުގެ ދާއިރާގަވެސް ނަމޫނާ މުވައްޒަފުންތަކެއް. މިހާރުވެސް އެބޭފުޅުން އެބަ ތިއްބެވި.
މުވައްޒަފުންގެ އަޚްލާޤަށް އައި ބަދަލަށް އަލިއަޅުވާލައްވަމުން ފަޙުމީ ވިދާޅުވިއެވެ.
އަދި މިފަދަ މޫރިތި ތާރީޙެއް އޮތް ރެކްރިއޭޝަން ކްލަބު އަލުން ވުޖޫދަށް ގެނައުމުގެ އެއް ބޭނުމަކީ އެ އަޙްލާޤީ ސިފަތައް އަނެއްކާ ވެސް މުވައްޒަފުންގެ އުޅުމަށް ގެނައުންކަމަށް ފަޙުމީ ވިދާޅުވިއެވެ.
މިއަދު އަޅުގަނޑުމެން ހަމަ އެ ކްލަބް ވުޖޫދަށް މި ގެނައީ. އަޅުގަނޑުމެން މެނޭޖްމަންޓުން ބޭނުންވަނީ ހަމަ އެ ވެލިއުޒްތައް އަނެއްކާވެސް ކްލަބުން އެޑްކޮށްދެއްވާށޭ ކުންފުނީގެ މުވައްޒަފުންގެ ތެރެއަށް.
ފަހުމީ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓްލްކޯގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، އަދި ސްޓެލްކޯ ރެކްރިއޭޝަން ކްލަބްގެ ބޯޑުގެ ވައިސް ޗެއާޕަރސަން، ޢަބްދުﷲ ނާޡިރު ވިދާޅުވީ، އެސްއާރްސީ އަކީ ޤައުމީ ފެންވަރުގެ، ޚިދުމަތްތެރި، މޮޅު މީހުން އުފައްދާފައިވާ، ކާމިޔާބު މާޒީއެއް އޮތް ކްލަބެއް ކަމަށެވެ. އަދި އެއީ މުވައްޒަފުންގެ މެދުގައި އެއްބައިވަންތަކަން އުފައްދައި، ކުޅިވަރުގެ ރޫޙުގެ ތެރެއިން ޚިދުމަތް ދިނުމުގެ ރޫޙު ދައްކުވައިދިން ކަމެއްކަމަށް ވެސް ނާޡިރު ވިދާޅުވިއެވެ.
ކްލަބުގެ އަމާޒަށް އަލިއަޅުވާލައްވަމުން ނާޡިރު ވިދާޅުވީ، މުވައްޒަފުންގެ އެއްބައިވަންތަކަމާއި ދުޅަހެޔޮކަމަށްޓަކާ ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ރެކްރިއޭޝަން ކްލަބުގެ ހަރަކާތްތަކުގެ ތެރެއިން ކުރެވިގެންދާނެ ކަމަށެވެ.
މި ރަސްމިއްޔާތުގައި ސްޓެލްކޯ ރެކްރިއޭޝަން ކްލަބުން މި އަހަރު ހިންގުމަށް ހަމަޖެހިފައިވާ ޙަރަކާތްތަކާއި، މި އަހަރު ބައިވެރިވުމަށް ހަމަޖެހިފައިވާ އެކިއެކި މުބާރާތްތައް ހިމެނޭ އެކްޓިވިޓީ ކަލަންޑަރު އިޢުލާނުކޮށްފައިވެއެވެ. އަދި ކްލަބްގެ ވެބްސައިޓާއި ލަވަވެސް މި ރަސްމިއްޔާތުގައި ވަނީ އިފްތިތާޙުކޮށްފައެވެ. މީގެ އިތުރުން ކްލަބްގެ ޙަރަކާތްތައް ޕްރޮމޯޓްކުރުމަށާއި، ކްލަބް ކުރިއެރުވުމަށް ކަނޑައަޅާފައިވާ މަންދޫބުންނާއި އެމްބެސެޑަރުންގެ ގޮތުގައި ހަމަޖެއްސި ފަރާތްތައް އިޢުލާނުކޮށް، އެ ފަރާތްތަކަށް ވަނީ ސެޓްފިކް ހަވާލުކޮށްފައެވެ.

SRC's Annual General Meeting, Photo: Stelco
ކްލަބްގެ ހިންގުން ހަރުދަނާކޮށް، ކްލަބް ހިންގުމުގައި މެންބަރުންގެ ބައިވެރިކަން އިތުރު ކުރުމަށާއި، ކްލަބްގެ ޙަރަކާތްތަކުގެ ތެރެއިން އެކިއެކި ކުޅިވަރު ކުރިއެރުވުމަށް ސްޕޯޓްސް އެމްބެސެޑަރުންކަނޑައަޅާފައިވާ އިރު، ކުޅިވަރުގެ ދާއިރާގައި އަންހެނުންގެ ދައުރު އިތުރުކޮށް، އަންހެނުންގެ ބައިވެރިވުން އިތުރުކުރުމުގެ މަޤުޞަދުގައި ސްޓެލްކޯ ރެކްރިއޭޝަން ކްލަބްގެ ވިމެންސް ވިންގް އުފައްދައި، އެ ވިންގްގެ އެމްބެސެޑަރުންވެސް މި ޖަލްސާގައި ވަނީ ކަނޑައަޅާފައެވެ. އަންގާރަ ދުވަހު ސްޓެލްކޯ ރެކްރިއޭޝަން ކްލަބްގެ އިފްތިތާޙީ ޖަލްސާގެ އިތުރުން ކްލަބްގެ އަހަރީ އާންމު ޖަލްސާވެސް ވަނީ ބާއްވާފައެވެ. މި ޖަލްސާގައި ކްލަބްގެ އައު ދިދަ، ލޯގޯ، ކުލަތައް އަދި ސްލޯގަން ވަނީ ފާސްކޮށްފައެވެ.