ޚަބަރު
ރެއަކީ ރާއްޖޭގެ ޑިމޮކްރަސީގައި ތާރީޙީ ރެއެއް: ފަޙުމީ

ސްޓެލްކޯގެ އެމްޑީ ޙުސެއިން ފަޙުމީ---
ހުލާސާ
ރައީސުލްޖުމްހޫރިއްޔާ މި ކަނޑައެޅުއްވީ ރާއްޖޭގެ ސިޔާސީ މިނިވަންކަމަށް އިޙްތިރާމްކުރުމުގެ އާ މިންގަނޑެއްކަމަށް ފަޙުމީ ވިދާޅުވި.
ހުކުރުދުވަހުގެރޭ އިދިކޮޅު އެމްޑީޕީ އިން ކުރިޔަށް ގެންދިޔަ އެއްވުމުގައި ސަރުކާރުން ކަން ކުރެއްވި ގޮތަށް އަލިއަޅުވާލައްވަމުން، އެއީ ރާއްޖޭގެ ޑިމޮކްރަސީގައި ތާރީޙީ ރެއެއްކަމަށް، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސެއިން ފަޙުމީ ވިދާޅުވެއްޖެއެވެ.
ފަޙުމީ ވިދާޅިވީ، މަޖިލީހުގެ މެޖޯރިޓީ ވެރިކަންކުރާ ޕާޓީގެ އަތުގައި އޮވެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެ ދައްކުވައިދިނީ ޑިމޮކްރަސީގެ ރީތި މިސާލެއް ކަމަށެވެ. އަދި މިއީ މީގެ ކުރީ ސަރުކާރުތަކުން ކަންކުރައްވާފައިވާ ގޮތެއް ނޫންކަމަށެވެ.
އަދި މިކަމުން އަންގައިދެނީ، ރައީސުލްޖުމްހޫރިއްޔާ ޤާނޫނު އަސާސީއަށް ފުރިހަމައަށް ބޯލަނބާ ކަމަށާއި، ހުރިހާ ސިޔާސީ ޕާޓީއަކަށް ވެސް ހަމަހަމަ އުސޫލެއްގެ ތެރެއިން، ޤާނޫނާއި ޤަވާއިދުތަކާ އެއްގޮތަށް ރާއްޖޭގައި ހަރަކާތްތައް ކުރިޔަށް ގެންދެވޭނެކަން ކަމަށް ވެސް ފަޙުމީ ޙާމަކުރައްވާފައިވެއެވެ.
މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ މި ކަނޑައެޅުއްވީ ރާއްޖޭގެ ސިޔާސީ މިނިވަންކަމަށް އިޙްތިރާމްކުރުމުގެ އާ މިންގަނޑެއްކަމަށް ވެސް ފަޙުމީ ވިދާޅުވިއެވެ.
އިދިކޮޅުން ރޭ އާޓިފިޝަލް ބީޗަށް އެއްވުމަށްފަހު ކުރިޔަށް ގެންދިޔަ ހިނގާލުމުގައި، ޤާނޫނު ތަންފީޒުކުރާ ފަރާތްތަކުން ވަނީ ފުރިހަމައަށް އެއްބާރުލުންދީފައެވެ.
މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ވިދާޅުވީ، ރައީސުލްޖުމްހުރިއްޔާ ކަންތައްތައް ކުރެއްވެވި ގޮތުން، އެއްވެ އުޅުމުގެ މިނިވަންކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަންފަދަ ހައްޤުތައް ހިމާޔަތްކުރުމަށް މިސަރުކަރުން ދޭ އަހައްމިޔަތު ހާމަވެގެންދިޔަކަމަށެވެ.