Ads by Exprox

ޚަބަރު

ގަސް އިންދުން އިތުރުކުރުމަކީ، ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުތަކުން ސަލާމަތްވުމަށް ޚަރަދުކުޑަ ޔަޤީންކަން ބޮޑު ޙައްލެއް- ރައީސް

ގަސް އިންދުން އިތުރުކުރުމަކީ، ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުތަކުން ސަލާމަތްވުމަށް ޚަރަދުކުޑަ ޔަޤީންކަން ބޮޑު ޙައްލެއް- ރައީސް

"ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް" 5 ޖޫން 2024- ފޮޓޯ:ރައީސް އޮފީސް

farudhun logo

ފަރުދުން

17 ސެޕްޓެމްބަރު 2024، 12:05

17 ސެޕްޓެމްބަރު 2024، 12:05

ދިވެހިރާއްޖޭގެ ފެހިކަން އިތުރުކޮށް ގަސް އިންދުން އިތުރުކުރުމަކީ، ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކުން ސަލާމަތްވުމަށް ޚަރަދުކުޑަ ޔަޤީންކަން ބޮޑު ޙައްލެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

 ދުނިޔޭގެ އޯޒޯން ދުވަހާއި ގުޅިގެން މީސް މީޑިއާގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައި ދިވެހި ރާއްޖޭގެ ފެހިކަން އިތުރުކޮށް ގަސް އިންދުން އިތުރުކުރަންޖެހޭކަމަށެވެ. ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތާއި ގުޅިގެން، ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ މުހިންމު ރިޔާސީ ވައުދެއްކަމުގައިވާ، ފަސް މިލިއަން ގަސްއިންދުމުގެ ޕްރޮގްރާމް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، އިފުތިތާހުކޮށްދެއްވީ މި އަހަރުގެ ޖޫން މަހުއެވެ.

މި ޕްރޮގްރާމުގެ އަމާޒަކަށް ވެފައިވަނީ، ރާއްޖޭގެ ނާޒުކު ތިމާވެށީގެ ނިޒާމުތައް ޙިމާޔަތްކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މިހާރުގެ ޖީލުތަކާއި، އަންނަން އޮތް ޖީލުތަކުގެ ލާބައާއި މަންފާއަށްޓަކައި މޫސުމަށް އަންނަ ބަދަލުތަކުންކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް މަސައްކަތް ކުރުމެވެ. މި ޕްރޮގްރާމަކީ މިހާތަނަށް ރާއްޖޭގައި ގަސް އިންދުމަށްޓަކައި ހިންގާ އެންމެ ބިޔަ މަޝްރޫޢެވެ.

ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ އޯޒޯން ފަށަލަ ހިމާޔަތްކުރުމުގެ ދުވަހަށް މިއަހަރު އ.ދ. އިން ހުށަހަޅާފައިވާ ޝިއާރަކީ "އެޑްވާންސިންގ ކްލައިމެޓް އެކްޝަން" ނުވަތަ ތިމާވެއްޓަށްކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ކުރާ މަސައްކަތް އިތުރަށް ކުރިއެރުވުމެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco