Ads by Exprox

ޚަބަރު

އަމިއްލައަށް ހެދޭ ގޯހަކުން ކަންކަން ރަނގަޅުކޮށް އިސްލާހުވުމަށް ދެވަނަ ފުރުޞަތެއް ނުލިބުމަކީ ދުރުގައިވާ ކަމެއް ނޫން- ރައީސް

އަމިއްލައަށް ހެދޭ ގޯހަކުން ކަންކަން ރަނގަޅުކޮށް އިސްލާހުވުމަށް ދެވަނަ ފުރުޞަތެއް ނުލިބުމަކީ ދުރުގައިވާ ކަމެއް ނޫން- ރައީސް

ޔާމީން ރަޝީދު ތައްޔާރުކޮށްފައިވާ އެނިމޭޓެޑް ވީޑިއޯގެ ސްކްރީންޝޮޓްއެއް

farudhun logo

ފަރުދުން

18 ސެޕްޓެމްބަރު 2024، 01:08

18 ސެޕްޓެމްބަރު 2024، 01:08

އަމިއްލަ އަތުން ހެދޭ ގޯހަކުން ކަންކަން ރަނގަޅުކޮށް އިސްލާހުވުމަށް ދެވަނަ ފުރުޞަތެއް ނުލިބުމަކީ ދުރުގައިވާ ކަމެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

މަޝްހޫރު އެނިމޭޓަރ ޔާމިން ރަޝީދު ތައްޔާރުކޮށްފައިވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ހިއްސާކުރައްވާ ލިޔުއްވި މެސެޖެއްގައި ރައީސް ވިދާޅުވީ މަގުތަކަކީ ރައްކާތެރި ތަނެއްގެ ގޮތުގައި ހެދުމަށް އެންމެ އެކުގައި ގުޅިގެން މަސައްކަތްކުރުމަށެވެ. އަދި ފަރުވާކުޑަކަމުން ގޯސްކޮށް ކުރާ ކަންކަން، ރަނގަޅުކުރަން ދެވަނަ ފުރުޞަތެއް ނުލިބުމަކީ ދުރުގައިވާ ކަމެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓްގައި ލިޔުއްވާފައިވެއެވެ. 

"ލައިފް އިޒް ޕްރެޝަސް، ޑްރައިވް ސޭފް" މި މެސެޖު މުޖުތަމަޢަށް ދޫކޮށްލުމަށް ޔާމީން ރަޝީދު ތައްޔާރުކޮށްފައިވާ މި ވީޑީއޯއާއެކު ކުރެއްވި ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާވެސް އެކަަން ފާހަގަ ކުރެއްވިއެވެ. 

ރައީސް ސޯޝަލް މީޑިއާއަށް ދޫކޮށްލެއްވި މި ވީޑިއޯއިން ފެނިގެންދަނީ ބައްޕައަކު އޭނާގެ ހަމައެކަނި ދަރިފުޅަށް ހަދިޔާއެއް ހިފައިގެންދާ މަންޒަރެވެ. ސައިކަލުގައި ދަރިފުޅު ގާތަށް ހަދިޔާ ދިނުމަށް ކުރާ ދަތުރު ނިމެނީ ބާރު ސްޕީޑުގައި ދުއްވާފައި އައި ކާރަކުން ޖެހި އެކްސިޑެންޓު ވުމުންނެވެ. އެވަގުތު ސައިކަލާއި  ދުއްވަން އިން މީހާ މާ ދުރަށް ވިއްސައިގެން ގޮސް ވެއްޓެއެވެ. ވީޑިއޯއިން ފެންނަ ގޮތުގައި ކާރު ދުއްވަން އިނީ ބައްޕަ ހަދިޔާ ދޭން ދިޔަ ލޯބިވާ ދަރިފުޅެވެ.  ވެއްޓިފައި އޮތް މީހާގެ މޫނު ފެނުމާއެކު ކާރު ދުއްވަން އިން މީހާއަށް ކުއްލި ސިހުމެއް ލިބިގެންދަނީ އެއީ އޭނާގެ ބައްޕަކަން އެނގުމުންނެވެ. އޭނާގެ ކާރުން ޖެހި މަރުވެފައިވަނީ އޭނާއާއި ބައްދަލުކުރަން ގެއިން ނުކުތް އޭނާގެ ބައްޕައެވެ. އަކަމާ ދެރަވެ ހިތާމަ ކުރިނަމަވެސް އޭރު ވަނީ ވަގުތު ފާއިތު ވެފައެވެ.



ވީޑިއޯއިން ބުނެދެނީ ކޮންމެ މީހެއްގެ ފުރާނައަކީ ވެސް މުހިންމު އެއްޗެއް ކަމެވެ. އަމިއްލައަށް ދުއްވާ ކާރު ނުވަތަ ސައިކަލުން ޖެހި ގެއްލުން ވާނީ މާދަމާ ތިމާގެ އާއިލާ މީހަކަށްވެސް ވެދާނެއެވެ. އެހެންކަމުން މި ވީޑިއޯއިން ފިލާވަޅު ލިބިގަތުން މުހިންމެވެ.

ދާދިފަހުން މާލޭ ސަރަޙައްދުގައި ބާރު ސްޕީޑުގައި ދުއްވި އުޅަނދުތަކުގެ ސަބަބުން ވަނީ ނުރައްކާތެރި ގިނަ އެކްސިޑެންޓްތަކެއް ހިނގާފައެވެ. އަދި ބައެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. 

ޤަވާއިދާ ޚިލާފަށް ދުއްވާ މީހުންނާއި ނުރައްކާތެރިކޮށް އަދި އަޑުގަދަކޮށް އުޅަނދު ދުއްވަަމުންދާ މީހުންނާމެދު ފިޔަވަޅު އެޅުމަށް ސަރުކާރުން ވަނީ މަސައްކަތް ފަށާފައެވެ. އަދި ފުލުހުންގެ ޤަވާއިދުތަށް ހަރުކަށިކޮށް މަގުތަކަށް ނުކުމެ ވަގުތުން ފިޔަވަޅު އަޅަންވެސް ވަނީ ފަށާފައެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco