Ads by Exprox

ޚަބަރު

ކުންފުނީގެ ޤާނޫނަށް ގެނައި އިސްލާޙު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވައިފި

ކުންފުނީގެ ޤާނޫނަށް ގެނައި އިސްލާޙު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު

farudhun logo

ފަރުދުން

18 ސެޕްޓެމްބަރު 2024، 11:05

18 ސެޕްޓެމްބަރު 2024، 11:05

ކުންފުނީގެ ޤާނޫނަށް 1 ވަނަ  އިސްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ތަސްދީގުކުރައްވައިފި އެވެ.

މި އިސްލާޙަކީ 20 ވަަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން ބޭއްވުނު 3ވަނަ ޖަލްސާއިން ފާސްކޮށްފައިވާ އިސްލާޙެކެވެ.

މި އިސްލާޙުގައި، ޤާނޫނުގެ 100 ވަނަ މާއްދާގައި ބަޔާންކުރާ ޖަލްސާ ބޭއްވުމަށް އެދި ލިޔުން ލިބޭތާ 21 ދުވަހުގެ ތެރޭގައި ޖަލްސާއަށް ދަޢުވަތު ދިނުމަށް ކަނޑައަޅާފައިވާ މުއްދަތު 3 ދުވަހަށް ބަދަލުކޮށް އަދި އެ މާއްދާގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާ ޖަލްސާ ބޭއްވުމަށް އެދި ހުށަހަޅާތާ 3 މަސް ދުވަހުގެ ތެރޭގައި ޖަލްސާ ބާއްވަން ޖެހޭނެ ކަމުގައި ކަނޑައަޅާފައިވާ މުއްދަތު 10 ދުވަހަށް ބަދަލުކޮށްފައިވެއެވެ.

މީގެ އިތުރުން 100 ވަނަ މާއްދާގެ (ށ) ގައިވާގޮތުން ޕްރައިވެޓް ކުންފުނިތަކުން ޚާއްޞަ އާންމު ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހު މަދުވެގެން 14 ދުވަސް ކުރިން އެ ކުންފުންޏެއްގެ މެންބަރުންނަށް ނޯޓިސް ފޮނުވުމަށް ކަނޑައަޅާފައިވާ މުއްދަތު މަދުވެގެން 7 ދުވަސް ކުރިން ފޮނުވަން ޖެހޭގޮތަށް ބަދަލުކޮށް، އެ މާއްދާގެ (2) ވަނަ ނަންބަރުގައި ކަނޑައަޅާފައިވާ ޕަބްލިކް ކުންފުނިތަކުން ޚާއްޞަ ޢާންމު ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހުގެ، މަދުވެގެން 14 ދުވަސް ކުރިން އެ ކުންފުންޏެއްގެ މެންބަރުންނަށް ނޯޓިސް ފޮނުވަން ކަނޑައަޅާފައިވާ މުއްދަތުވެސް މަދުވެގެން 7 ދުވަސް ކުރިން ނޯޓިސް ފޮނުވަން ޖެހޭގޮތަށް ވަނީ ބަދަލުކޮށްފައެވެ.

މި އިސްލާޙުގައި، މި ޤާނޫނުގެ 113 ވަނަ މާއްދާގެ (ށ) ގައި، ކޮންމެ ޕަބްލިކް ކުންފުންޏެއްގައި، މަދުވެގެން 2 ޑިރެކްޓަރުން ތިބެންވާނެ ކަމަށާއި މި މާއްދާގެ (ނ) ގައި، ކޮންމެ ސަރުކާރުގެ ކުންފުންޏަކާއި، ލޯކަލް އޮތޯރިޓީ ކުންފުންޏެއްގައި މަދުވެގެން 3 ޑިރެކްޓަރުން ތިބެންވާނެ ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، އެހެން ޤާނޫނެއްގައި، ނުވަތަ ސަރުކާރުގެ ކުންފުންޏެއް އުފައްދާ ޤާނޫނެއްގައި ނުވަތަ ޤަރާރެއްގައި، ނުވަތަ ކުންފުނީގެ ހިންގާ ގަވާއިދުގައި، އެ ކުންފުންޏެއްގައި މަދުވެގެން ތިބެންޖެހޭ ޑިރެކްޓަރުންގެ ޢަދަދު އިތުރުކުރުމަށް މި މާއްދާ ހުރަސް ނާޅާނެކަމަށް ކަނޑައަޅާފައިވެއެވެ. އަދި މި ޤާނޫނުގެ 126 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާގޮތަށް ރަޖިސްޓަރާރގެ އެންގުމެއް ކުންފުންޏަކަށް ލިބޭތާ 30 ދުވަހުގެ ތެރޭގައި ޑިރެކްޓަރުން ޢައްޔަން ކުރުމަށް ދީފައިވާ މުއްދަތު 10 ދުވަހަށް ބަދަލުކޮށް، އެ މަޢުލޫމާތާއެކު ރަޖިސްޓްރާރއަށް އަންގަންޖެހޭނެ ކަމަށް ކަނޑައަޅައި، އަދި މި މާއްދާގެ (ށ) ގައި ބަޔާންކުރާގޮތަށް ރަޖިސްޓަރާރގެ އެންގުމެއް ކުންފުންޏަކަށް ލިބޭތާ 30 ދުވަހުގެ ތެރޭގައި މެނޭޖިންގ ޑިރެކްޓަރެއް ޢައްޔަން ކުރުމަށް ދީފައިވާ މުއްދަތު 10 ދުވަހަށް ބަދަލުކޮށް، އެ މަޢުލޫމާތާއެކު ރަޖިސްޓްރާރއަށް އަންގަންޖެހޭނެ ކަމަށް ކަނޑައަޅައިފައިވެއެވެ.

ކުންފުނީގެ ޤާނޫނު އަށް 1 ވަނަ އިސްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަޞްދީޤުކުރެއްވުމާ ގުޅިގެން މި ޤާނޫނު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ. އެހެންކަމުން މިއަދުން ފެށިގެން މި ޤާނޫނަށް ޢަމަލުކުރަން ފަށާނެއެވެ. 

.

މި ލިޔުން ކިޔާލުމުން

Ads by Stelco