ޚަބަރު
އދ.ގެ އާންމު މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ ތަޤުރީރު ކުރައްވަނީ
ރައީސުލްޖުމްހޫރިއްޔާ، އ.ދ. ގެ ސެކްރެޓަރީ ޖެނެރަލްއާ ބައްދަލުކުރެއްވުން (27 މޭ 2024)- ފޮޓޯ: ރައީސް އޮފީސް
ފަރުދުން
19 ސެޕްޓެމްބަރު 2024، 09:33
19 ސެޕްޓެމްބަރު 2024، 09:33
އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަނުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެމެރިކާއަށް ފުރާވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ.
މިއީ ރައީސުލްޖުމްހުރިއްޔާ އދ. ގެ ޢާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މި ދަތުރުފުޅުގައި އދ. ގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ރައީސުލްޖުމްހޫރިއްޔާ ތަޤުރީރު ކުރައްވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ. މީގެ އިތުރުންވެސް އދ. ގެ ސަލާމަތީ މަޖިލީހުގެ ޚާއްޞަ އޯޕެން ޑިބޭޓެއްގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވުމަށްވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން އ.ދ.ގެ އާންމު މަޖިލީހުގެ ހަވާސާގައި ހިނގަމުންދާ ސަމިޓް އޮފް ދަ ފިއުޗާގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާނެ ކަމަށްވެސް ރައީސް އޮފީހުން މަޢުލޫމާތު ދެއްވައެވެ. އަދި ޕްރިންސްޓަން ޔުނިވަރސިޓީގެ ދަރިވަރުންނާއި މުޚާތަބުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ތަޤުރީރު ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިއީ ރާއްޖޭގެ ތާރީޚުގައި އ.ދ. ގެ ސަލާމަތީ މަޖިލީހުގެ ބަހުސެއްގައި ދިވެހިރާއްޖޭގެ ރައީސަކު ތަޤުރީރުކުރައްވާ ފުރަތަމަ ފަހަރެވެ.