ޚަބަރު
ގާތްގާތުގައި ދެ ބިލު ފޮނުވަނީ ބެކްލޮގު ފިލުވުމަށް، މިކަމުން ވާނީ ފައިދާ: ފަޙުމީ

ސްޓެލްކޯގެ އެމްޑީ ޙުސެއިން ފަޙުމީ---
ގާތްގާތުގައި ދެ ބިލު ފޮނުވަނީ ބެކްލޮގު ފިލުވުމަށް ކަމަށާއި، މިކަމުން ސްޓެލްކޯގެ ކަސްޓަމަރުންނަށް ކުރާނީ ފައިދާ ކަމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޙުސެއިން ފަޙުމީ ވިދާޅުވެއްޖެއެވެ.
"އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ފަޙުމީ ވިދާޅުވީ، ދެ ބިލު ފޮނުވާނެ ވާހަކައަކީ މީޑިއާތައް މެދުވެރިކޮށް ކަސްޓަމަރުންނަށް ކުރިން އަންގާފައިވާނެކަމެއް ކަމަށާއި، އަދި މިއީ ކަސްޓަމަރުންގެ ފައިދާއަށް ނިންމި ނިންމުމެއް ކަމަށެވެ.
ފަޙުމީ މިހެން ވިދާޅުވީ، މިކަމުގެ ހަޤީޤަތް އޮޅޭ ގޮތަށް ބައެއް ފަރާތްތަކުން ޚަބަރު ފަތުރަމުންދާތީއެވެ.
ފަހުމީ ހާމަކޮށްފައިވާ ގޮތުގައި، ދެ ބިލަކީ އެއް ޔޫޒޭޖަކަށް ކުރާ ބިލެއް ނޫންކަން، ބިލްގައިވާ ރީޑިން ނެގި ތާރީޙުން ފެންނަން އޮންނާނެ ކަމަށެވެ.
އެއީ ކަސްޓަމަރުންގެ ފައިދާއަށްޓަކަށް ނިންމި ނިންމުމެއް. އަދި އެއީ އެއް ޔޫސޭޖަކަށް ކުރާ ބިލެއްވެސް ނޫން. ބިލްތަކުގެ ރީޑިންގ ނެގި ތާރީހުތައް ބިލުން ފެންނަން ހުންނާނެ.
ފަޙުމީ ވިދާޅުވިއެވެ.
ދެ ބިލު ފޮނުވާ ސަބަބު އޮޅުން ފިލުވާ ދެއްވަމުން ފަޙުމީ ވިދާޅުވީ، މިހާތަނަށް ބިލު ފޮނުވަމުން އައީ ރީޑިން ނަގާތާ 20 ނުވަތަ 25 ދުވަސް ފަހުން ކަމަށާއި، ދެ ބިލު ފޮނުވަނީ އެ ބެކްލޮގް ފިލުވުމަށް ކަމަށެވެ. އަދި ދެ ބިލު ފޮނުވުމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ މާލީ ތަކުލީފު ކުޑަކުރެއްވުމަށް 30 ދުވަހުގެ މުހުލަތެއް ދީފައިވާނެކަމަށް ވެސް ފަޙުމީ ވަނީ ވިދާޅުވެފައެވެ.
މި ފޮނުވާފައިވާ ބިލަކީ މީގެ ކުރިން ސްޓެލްކޯގެ ބިލިންގ ސައިކަލްގައި ހިމެނޭ ރީޑިންގ ނެގުމަށްފަހު ބިލް ޑެލިވާ ކުރުމުގައި އުޅޭ 20 ނުވަތަ 25 ދުވަހުގެ ޑިލޭގެ ބެކްލޮގް ފިލުވާލުމަށް ފޮނުވާ ބިލެއް.
ދެ ބިލު ފޮނުވާ ސަބަބު އޮޅުންފިލުވާ ދެއްވުމުގެ ގޮތުން ފަޙުމީ ވިދާޅުވެފައިވެއެވެ.
ދެ ބިލު ފޮނުވުމުގެ އިތުރު މަޤުސަދެއްކަމުގައި ފަޙުމީ ވިދާޅުވީ، ރޯދަމަހު ކަރަންޓުން ޑިސްކައުންޓު ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވާފައިވާއިރު، ރޯދަ މަހުގެ ޔޫޒޭޖު އެއް ބިލަކަށް ހިމަނައި، ސަރުކާރުން ދޭން ނިންމާފައިވާ ޑިސްކައުންޓުގެ ފުރިހަމަ ފައިދާ ކަސްޓަމަރުންނަށް ހޯއްދަވައިދެއްވުމެވެ.
މި ބިލް ފޮނުވުމުގެ މަގުސަދު ތަކުގެ ތެރޭގައި ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރޯދަމަސް ނިމެންދެން އެއް ބިލެެއްގެ ގޮތުގައި މުޅި ރޯދަ މަހުގެ ޔޫސޭޖަށް ބިލެއް ތައްޔާރުކޮށް، ސަރުކާރުން ދޭން ނިންމާފައިވާ ޑިސްކައުންޓް އެ ބިލްގައި ހިމެނުންވެސް ހިމެނޭ. މީގެ ކުރިން މި ދެންނެވި ބެކްލޮގާއި އެކު އެ ބިލް ފޮނުވާނަމަ ޑިސްކައުންޓް ދެވިގެންދާނީ ރޯދަމަހުގެ ޔޫސޭޖްގެ އެއްބަޔަށް. އެހެންކަމުން އެ ޑިސްކައުންޓުގެ ފައިދާ އެންމެ ފުރިހަމަގޮތުގައި ކަސްޓަމަރުންނަށް ހޯދަ ދިނުމަކީ މީގެ އެއް މަގުސަދު.
ފަޙުމީ ވިދާޅުވިއެވެ.
މީގެ އިތުރުން، މި ބަދަލާ ގުޅިގެން، އެޕްރީލް މަހުން ފެށިގެން ކޮންމެ މަހެއްގެ ފަހު ހަފްތާގައި ރީޑިން ނެގުމަށްފަހު، ޖެހިގެން އަންނަ ދުވަހު ބިލް ޑެލިވަރ ކުރާނެއެވެ. އަދި މިކަމުގެ ސަބަބުން، ކަރަންޓު ބޭނުންކުރެވޭ މިންވަރު ދެނެގަތުމަށް ކަސްޓަމަރުންނަށް ފަސޭހަ ވެގެންދާނެކަމަށް ފަޙުމީ ވަނީ ވިދާޅުވެފައެވެ.