Ads by Exprox

ޚަބަރު

ފްލޯޓިން ސޯލާ މަޝްރޫޢާއެކު އިންޖީނުތައް ބޭނުންކުރާ މިންވަރު %33 ދަށްކުރެވޭނެ: ފަޙުމީ

ފްލޯޓިން ސޯލާ މަޝްރޫޢާއެކު އިންޖީނުތައް ބޭނުންކުރާ މިންވަރު %33 ދަށްކުރެވޭނެ: ފަޙުމީ

ސްޓެލްކޯގެ އެމްޑީ ޙުސެއިން ފަޙުމީ---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

04 މާރިޗު 2025، 10:52

04 މާރިޗު 2025، 10:52

ސަރުކާރުން ފަށާފައިވާ ފްލޯޓިން ސޯލާ މަޝްރޫޢާއެކު، އިންޖީނުތައް ބޭނުންކުރާ މިންވަރު %33 ހަމައަށް ދަށްކުރެވޭނެކަމަށް، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ޙުސެއިން ފަޙުމީ ވިދާޅުވެއްޖެއެވެ. އަދި މިކަމުގެ ސަބަބުން މާލެ ސަރަޙައްދުން ތެލަށްކުރާ ޚަރަދު ބޮޑުތަކުން ކުޑަކުރެވޭނެކަމަށް ވެސް ފަޙުމީ ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި ކަރަންޓު ބޭނުންކުރެވޭ މިންވަރުގެ %33 އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދުގެ ވަޢުދުފުޅެކެވެ. އަދި މިކަން ހާސިލްކުރުމުގެ ގޮތުން، ރާއްޖޭގެ ސްޕެޝަލް އިކޮނޮމިކް ޒޯންގައި އިރުގެ އަލިން 150 މެގަވޮޓުގެ ހަކަތަ އުފައްދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތްކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އަދި އޭގެ ތެރެއިން 100  މެގަވޮޓްގެ ހަކަތަ އުފެއްދުމުގެ މަސައްކަތް މި އަހަރުގެ މެދުތެރޭގައި ކޮންޓްރެކްޓަރާ ހަވާލުކުރެވޭނެކަމަށް ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

ޕީއެސްއެމްއަށް ދިން އިންޓަވިއުއެއްގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވީ، ރާއްޖޭގެ ސްޕެޝަލް އިކޮނޮމިކް ޒޯންގައި އިރުގެ އަލިން 150 މެގަވޮޓުގެ ހަކަތަ އުފައްދާ ނިޒާމު ޤާއިމުކުރުމަށްފަހު، މާލެ ސަރަހައްދަށް ދުވާލު ގަޑީގައި 8 ނުވަތަ 7 ގަޑިއިރު އިންޖީނު ނިއްވާލައިގެން ކަރަންޓު ދެވޭނެކަމަށެވެ.

އަދި ސްމާޓް މީޓަރު ބެހެއްޓުމަކީ ވެސް، މިކަމަށް ތައްޔާރުވުމުގެ ގޮތުން ކުރަންފަށާފައިވާ މަސައްކަތެއްކަމަށް ފަޙުމީ ވަނީ ފާހަގަކުރައްވާފައެވެ. 

ސްމާޓް މީޓަރު ހަރުކުރުމުގެ މަސައްކަތް ރޯދައަށްފަހު ފެށޭނެ. އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެ. ސްމާޓް މީޓަރު ހަރުކުރީމަ އެކި ވަގުތުތަކުގައި ތެލުން އަދި އަވިން އުފައްދާ ހަކަތައިން ކަރަންޓު ދިނުމުގެ މަގު ފަހިވާނީ. އަދި ސްމާޓް މީޓަރުން ރިއަލް ޓައިމްގައި ކަރަންޓު ބޭނުންކުރެވޭ މިންވަރު އެނގެން ހުންނާނެ.

ފަހުމީ ވިދާޅުވިއެވެ.

އެސްއީޒެޑްގައި ޤާއިމުކުރާ ސޯލަރ މަޝްރޫޢުގެ ދަށުން އިޢާދަކުރަނިވި ހަކަތައިން ރާއްޖޭގައި ކަރަންޓު އުފައްދާ މިންވަރު އިތުރުކުރުމަށް "މަގޭ ސޯލަރ" ޕްރޮގްރާމްގެ ދަށުން ގޭބިސީތަކުގައިވެސް ދަނީ ސޯލަރ ޕީވީ ހަރުކޮށްދެމުންނެވެ. މި ކަންކަމަކީ ކޮންމެ އަހަރަކު ރާއްޖެއިން ތެލަށްކުރާ ބޮޑު ޚަރަދު ކުޑަކުރުމުގެ ގޮތުން ސަރުކާރުން ފަށްޓަވާފައިވާ މަޝްރޫޢެކެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco