ޚަބަރު
މިނިވަން، މުސްތަޤިއްލު ދައުލަތެއްގެ ގޮތުގައި ފަލަސްޠީނު ބަލައިގަންނަން ޖެހޭ- ރައީސް
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު
ފަރުދުން
25 ސެޕްޓެމްބަރު 2024، 01:00
25 ސެޕްޓެމްބަރު 2024، 01:00
1967 ވަނަ އަހަރުގެ ކުރިން ކަނޑައަޅާފައިވާ ސަރަޙައްދީ ރޮނގުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިރަށް ކަމުގައި ކަނޑައަޅައި، މިނިވަން، މުސްތަޤިއްލު ދައުލަތެއްގެ ގޮތުގައި ފަލަސްޠީނު ބަލައިގަންނަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދުު މުއިއްޒު ވިދާޅުވެއްޖެއެވެ.
އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ތަޤްރީރުކުރައްވަމުން ރައީސް ވިދާޅުވީ އދ.ގެ ޤަރާރުތަކާއި ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފުވެ، އިސްރާއީލުން ހިންގާ ޓެރަރިޒަމްގެ ޢަމަލުތަކަށް އިސްރާއީލު ޖަވާބުދާރީ ކުރުވަން ޖެހޭނެކަމުގައެވެ. ހަމަ އެއާއެކު ޤާނޫނުގެ ވެރިކަން ނެގެހެއްޓުމުގެ މުހިންމުކަން ފާހަގަކުރައްވައި، އދ.ގެ ފުރިހަމަ މެންބަރުކަން ފަލަސްޠީނަށް ދިނުމަށް، ރައީސުލްޖުމްހޫރިއްޔާ ވަނީ ގޮވާލައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ތަޤްރީރުގައި، ޤައުމަކުން އިންސާނީ ޙައްޤުތަކަށް އަރައިގަންނަ ކަމުގައިވަނީނަމަ އެކަން ތަޙައްމަލުކޮށްގެން ތިބެގެން ނުވާނެކަމަށް ވިދާޅުވިއެވެ. އަދި އެފަދަ ޙާލަތެއްގައި، އެ ޤައުމެއްގެ ކުޑަބޮޑުމިނަކީ ނުވަތަ އެ ޤައުމެއްގެ މުއްސަނދިކަމަކީ ބަހަނާއަކަށް ވެގެން ނުވާނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ފަލަސްތީނުގެ ޣައްޒާގެ ޙާލަތުން ދައްކުވައިދެނީ އިންތިހާއީ ނާއިންސާފާއި، ބައިނަލްއަޤުވާމީ ނިޒާމުގެ ނާކާމިޔާބީ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އިސްރާއީލުގެ ޢަމަލުތައް ކުށްވެރިކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ޖަރީމާތަކުގެ ސަބަބުން، އަންހެނުންނާއި ކުޑަކުދިންނާއި ތުއްތު ކުދިން ހިމެނޭހެން، ފަލަސްޠީނުގެ އެތައް ހާސް ރައްޔިތުންނެއް މަރުވެ، ޒަޚަމްވަމުންދާކަން ހަނދާންކޮށްދެއްވާފައެވެ. އަދި ފަލަސްޠީނުގެ ރައްޔިތުންގެ ގެދޮރާއި، ހޮސްޕިޓަލްތަކާއި، ސްކޫލްތަކާއި އަދި އިންސާނީ އެހީތެރިކަމަށް ބޭނުންކުރާ ވަޞީލަތްތަކަށް އަމާޒުކޮށްގެން އިސްރާއީލުން ދޭ ހަމަލާތަކަށް އެމަނިކުފާނު ވަނީ ފާޑުވިދާޅުވެފައެވެ. ޣައްޒާގައި ޢާންމުން މަރުވަމުންދާ މިންވަރު ދުނިޔެއަށް ބަލައިނުގަނެވިގެން އުޅެނިކޮށް، މިހާރު އިސްރާއީލުން ލުބްނާނަށް ޙަމަލާދީ، އެ ޙަމަލާތަކުގައި އެތައް ސަތޭކަ ޢާންމުންނެއް މަރުވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ފަލަސްޠީނާއި ލުބްނާން އަދި އަލްޖަޒީރާގެ ނޫސްވެރިންނަށް އަމާޒުކޮށް ދެމުންދާ ޙަމަލާތަކާއި އަލްޖަޒީރާގެ އޮފީސްތައް ބަންދުކުރި ކުރުމަކީ، ޣައްޒާގައި ހިންގަމުންދާ ޖަރީމާތައް ދުނިޔެއަށް ވަންހަނާކުރުމަށް ކުރާ މަސައްކަތެއް ކަމުގައެވެ.