ޚަބަރު
ރާއްޖެއިން އިންވެސްޓްމަންޓްތައް ހޯދުމާއި، ޑިޖިޓަލް ޚިދުމަތްތައް ފުޅާކުރުމަށް ސިންގަޕޫރުގެ ޚާރިޖީ ވަޒީރާ މަޝްވަރާކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ، ސިންގަޕޫރުގެ ޚާރިޖީ ވަޒީރާ ބައްދަލުކުރެއްވުން- ފޮޓޯ: ރައީސް އޮފީސް
ފަރުދުން
26 ސެޕްޓެމްބަރު 2024، 07:20
26 ސެޕްޓެމްބަރު 2024، 07:20
ދިވެހިރާއްޖެއިން އިތުރު އިންވެސްޓްމަންޓްތައް ހޯދުމަށާއި، ޑިޖިޓަލް ޚިދުމަތްތައް ފުޅާކުރުމަށާއި މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ސިންގަޕޫރުގެ ޚާރިޖީ ވަޒީރާ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ޙިއްސާ ކުރައްވައިފިއެވެ.
އދގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ސިންގަޕޫރުގެ ޚާރިޖީ ވަޒީރު، ޑޮކްޓަރ ވިވިއަން ބާލާކްރިޝްނާންއާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ވިދާޅުވީ އާންމު ބޯހިޔާވަހިކަމުގައި ފަންނީ އެހީތެރިކަން ބޭނުންވާކަމަށެވެ. އަދި ރަސް މާލެއަކީ ޑިޖިޓަލް، ތިމާވެށްޓާ ރައްޓެހި ސިޓީއަކަށް ހެދުމަށް ރާއްވަވާފައިވާ މަސައްކަތްތަކުގެ މަޢުލޫމާތުވެސް އެ މަނިކުފާނާ ޙިއްސާކުރެއްވިއެވެ.
ޑިޖިޓަލް އިންފްރާސްޓްރަކްޗަރ އިތުރަށް ވަރުގަދަކުރުމަކީ ޤައުމުގެ އާބާދީގެ ފަންސާސް އިންސައްތަ ޙިއްސާކުރާ ޒުވާނުންނަށް ވަރަށް މުހިންމު ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެގޮތުން ޕޭޕާލް ފަދަ އެކިއެކި ޕްލެޓްފޯމްތަކުގެ ބޭނުން ހިފާނެ ފުރުޞަތު ދިވެހި ޒުވާނުންނަށް ލިބުމަކީ ޒުވާން ވިޔަފާރިވެރިންނަށް ބޭރު ދުނިޔޭގެ މާކެޓްތަކަށް ވަނުމަށާއި އެ ޒުވާނުންގެ އީޖާދީ އުފެއްދުންތައް ކުރިއެރުވުމަށް ބާރަކަށް ވެގެންދާނެ ކަމެއް ކަމުގައި ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު އަދި ސިންގަޕޫރުގެ ޚާރިޖީ ވަޒީރު، ޑޮކްޓަރ ބާލާކްރިޝްނާން ވަނީ ބައިނަލްއަޤްވާމީ މައިދާނުގައި ދެ ޤައުމަށް މުހިންމު ކަންކަމުގައި؛ ޚާއްޞަގޮތެއްގައި އެލަޔަންސް އޮފް ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (އެއޯސިސް)އާ ގުޅުންހުރި ކަންކަމުގައި މަސައްކަތްކުރުމަށް މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރައްވައި، ދެޤައުމުގެ މަސްލަޙަތު ހިމެނޭ ކަންކަމުގައި ގުޅިގެން މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައިވެއެވެ.