ޚަބަރު
ސްޓެލްކޯގެ އެމްޑީގެ މަޤާމަށް އައިފަހުން ފްލެޓެއް ގަތްކަމަށް ބުނާ ބުނުން ފަހުމީ ދޮގުކުރައްވައިފި

ސްޓެލްކޯގެ އެމްޑީ ހުސެއިން ފަހުމީ. ފޮޓޯ:ރައީސް އޮފީސް
ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރަކަށް އައްޔަނުކުރި ފަހުން 8.5 މިލިއަން ރުފިޔާއަށް ފްލެޓެއް ގަތް ކަމަށް ބުނާ ބުނުން ހުސެއިން ފަހުމި ދޮގުކުރައްވައިފިއެވެ.
ފަހުމީ މިހެން ވިދާޅުވެފައިވަނީ އޭނާ ކުރެއްވެވި ޓުވީޓެއްގައެވެ.
ފަހުމީ ވިދާޅުވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމާ ހަވާލުވުމަށްފަހު 8.5 މިލިއަން ރުފިޔާއަށް ފްލެޓެއް ގަތްކަމަށް ބުނެ، ބައެއް ފަރާ ފަރާތްތަކުން އަޅުގަނޑުގެ އަބުރަށް އަރައިގަނެ، ސިޔާސީ މަޤްޞަދެއް ހާސިލުކުރުމަށް ފަތުރަމުންދާ ވާހަކައަކީ ޙަޤީޤަތާ ޚިލާފު، އަސާސެއްނެތް ދޮގު ވާހަކައެއްކަމަށެވެ.
މި ދޮގު ވާހަކަ ފަތުރާ ފަރާތްތަކުން އިޝާރާތްކުރާ ފްލެޓަކީ، ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި، މީގެ އަހަރުތަކެއް ކުރިން އަޅުގަނޑު ގަނެ، ފައިސާ ދައްކަމުން އައިސްފައިވާ ފްލެޓެއް ކަމަށާއި، ސިޔާސީ މަޤްޞަދެއް ހާސިލުކުރުމަށް ނަމަވެސް، މީހުންގެ އަބުރަށް ހުތުރުވާފަދަ، މިފަދަ ދޮގު ވާހަކަތައް އުފައްދައި ފަތުރަމުންދާ ފަރާތްތަކުން މިކަން ވަގުތުން ހުއްޓާލުމަށް އިލްތިމާސްކުރާ ކަމަށްވެސް ފަހުމީ ވިދާޅުވެފައިވެއެވެ.
ފަހުމީ އިތުރަށް ވިދާޅުވީ، ސިޔާސީ ގޮތުންނާއި އަދި އެނޫން ގޮތަކުން ވިޔަސް، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ހުރެ އޭނާ ކުރަމުންދާ ޤައުމީ މަސައްކަތާ ގުޅުވައިގެން ދެކެވޭ ބިނާކުރަނިވި ފާޑުކިޔުންތަކަށް އަބަދުވެސް އިޙްތިރާމްކޮށް، މަރުޙަބާ ކިޔާނެކަމަށެވެ.