ވިޔަފާރި / ޚަބަރު
ފާއިތުވި 3 މަހެއްހާ ދުވަހުގެ ތެރޭގައި މަސްވެރިންނަށް 385 މިލިއަން ރުފިޔާ ދޫކޮށްފި

ފާއިތުވި 3 މަހެއްހާ ދުވަހުގެ ތެރޭގައި މަސްވެރިންނަށް 385 މިލިއަން ރުފިޔާ ދޫކޮށްފި، ފޮޓޯ: އެންސިސް ފިޝަރީޒް
ފާއިތުވި ތިން މަހެއްހާ ދުވަހުގެ ތެރޭގައި މަސްވެރިންނަށް 385 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ، ރައްޔިތުންނާ ގާތުން މައުލޫމާތުތައް ހިއްސާކުރެއްވުމަށް ފައްޓަވާފައިވާ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަސް، ޑިސެންބަރު 10 ވަނަ ދުވަހުން ފެށިގެން މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރަމުންދާ ކަމަށާއި، އެ ދުވަހުން ފެށިގެން މިހާތަނަށް 385 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށެވެ.
"މަސްވެރިންގެ ވާހަކަ ދައްކާއިރު އަޅުގަނޑުގެ ވައުދެއް އެއީ ރިޔާސީ އިންތިހާބުގަ މަސްވެރިންނަށް 48 ގަޑިއިރުތެރޭގައި ފައިސާ ދިނުން. އެކަން މިދިޔަ ޑިސެމްބަރުން ފެށިގެން މިއަދާ ހަމައަށް މިއާ ކޮންމެ ދުވަހަކު މިއައީ ފައިސާ ދެމުން. ފައިސާ ދެމުން އައިސް އަޅުގަނޑު ހަމަ ދަންނަވާލަންބޭނުން މިހާތަނަށް އައިއިރުގަ ގާތްގަޑަކަށް 385 މިލިޔަން ރުފިޔާ، ދޫކުރެވުނު." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން، އެ މަނިކުފާނު ވެރިކަމާ ހަވާލުވެލެއްވިއިރު، މަސްވެރިން ކިރުވާފައިވާ މަހަށް 250 މިލިއަން ރުފިޔާ ނުދީ ހުރި ކަމަށާއި، ނަމަވެސް އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު އެކިފަހަރު މަތިން އެ ފައިސާ ދޫކޮށް ހަލާސްކޮށްފައިވާކަމަށް ވަނީ ވިދާޅުވެފައެވެ.
އަޅުގަނޑުމެން ހަވާލިވިއިރުގަ މަސްވެރިންނަށް ނުދީ އޮތް 250 މިލިޔަން ރުފިޔާ ވަރު. އެވެސް ދީފަ 10 ޑިސެމްބަރާ ހަމައަށް އެދިޔަ ދުވަސްތަކުގަ އެކިފަހަރުމަތިން މަސްވެރިންގެ ފައިސާ ދީ އެއްކޮށް ކިޔާ ބެކްލޮގް ސާފުކުރިން. ސާފުކޮށްފަ ދެން 10 ޑިސެމްބަރުން ފެށިގެން ދުވަހުން ދުވަހަށް 48 ގަޑިއިރުތެރޭގައި މިދަނީ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
އަދި މަސްވެރިންނަށް ފައިސާ ދޫކުރުމުގައި ސަރުކާރު ބަންދު ދުވަހެއް ވެސް ނުބަލާކަމަށާއި، އެކަން މެދުނުކެނޑި ހަމަޖެހިގެންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކުރުމުގެ ގޮތުން، އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް، އައިއެސްބީޑީގެ އެހީގައި މަސް ބަންދުކުރާ ކާރުހާނާއެއް ހުޅުމާލޭގައި އެޅުމަށް މިފްކޯއިން ދަނީ މަސައްކަތްކުރަމުންނެވެ. އައިއެސްޑީބީއާއި ދިވެހި ސަރުކާރު ގުޅިގެން މިފްކޯގެ މަސް ބަންދުކުރާ ޤާބިލުކަން އިތުރުކުރުމަށް އެޅުމަށް ހަމަޖެހިފައިވާ މި ފެސިލިޓީއަށް 65 މިލިޔަން ޑޮލަރުގެ ލޯނު އެހީ ލިބިފައިވެއެވެ. އަދި މިއީ 35 ޓަނުގެ މަސް ބަންދުކުރުމުގެ ޤާބިލުކަން ލިބިފައިވާ ފެސިލިޓީއެކެވެ.