ޚަބަރު
ތަޢުލީމު ފޯރުކޮށްދިނުމުގައި ސްކޫލްތައް ވާދަވެރި ނުވުމަށް މިނިސްޓަރު އެދިވަޑައިގެންފި

އެޑިއުކޭޝަން މިނިސްޓަރު ޑޮކްޓަރ އިސްމާއިލް ޝަފީޢު، ފޮޓޯ: ޕީއެސްއެމް ނިއުޒް
ތަޢުލީމު ފޯރުކޮށްދިނުމުގައި ސްކޫލްތައް ވާދަވެރި ނުވުމަށް އެޑިއުކޭޝަން މިނިސްޓަރު ޑޮކްޓަރ އިސްމާއިލް ޝަފީޢު އެދިވަޑައިގެންފިއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމަށް އެޑިއުކޭޝަން މިނިސްޓްރީންނާއި ސްކޫލުތަކުން ވެފައިވާ ތައްޔާރީތަކާ ބެހޭ ގޮތުން ޕީއެސްއެމްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމްގައި ރޭ ވާހަކަފުޅުދައްކަވަމުންނެވެ.
މި މަޢުޟޫއަށް ވާހަކަފުޅު ކުރިޔަށް ގެންދަވަމުން މިނިސްޓަރު ވިދާޅުވީ، ސްކޫލުތަކުގެ އަމާޒަކަށް ވާންވާނީ އެއް ސްކޫލުން އަނެއް ސްކޫލާ ވާދަވެރިވުން ނޫން ކަމަށާއި، ނަމަވެސް ތަޢުލީމީ ނިޒާމުގެ ތެރެއިން ދަރިވަރުން ދިރިއުޅުމަށް ތައްޔާރުކޮށްދީ، ދީނާ ގައުމުދެކެ ލޯބިވާ އަދި އަމިއްލަ ފައިމައްޗަށް ތެދުވެ އަމިއްލަ ދިރިއުޅުމެއް ބިނާކުރެވޭނެފަދަ ދަރިންތަކެއް ބިނާކުރުމުގެ މަސައްކަތުގައި ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، މިއީ ސްކޫލު ތެރެއިން އެކަނި ކުރެވޭނެ ކަމެއް ނޫން ކަމަށާއި، މި ކަމުގައި މުޅި މުޖުތަމަޢު ބައިވެރިވާންޖެހޭ ކަމަށެވެ. އަދި އެފަދަ ދަރިއަކު މުޖުތަމަޢުގެ ތެރެއަށް ނެރެވޭނީ ކުލުނާއި، ލޯތްބާއި، އަޅާލުމާއި އަދި އިހުތިރާމުދީގެން ކަމަށެވެ.
އަޅުގަނޑު ފަހު ބަހެއްގެ ގޮތުގައި ދަންނަވާލަން ބޭނުންވަނީ ތައުލީމަކީ އަޅުގަނޑުމެން ކުރިއަށް ގެންދާ މުބާރާތެއް ނޫނޭ. އެއްކަލަ އެކަކު ވައްޓާލާފައި އެއް ސްކޫލު ބަލިކޮށްފައި އަނެއް ރަށް ފަހަތަށް ޖައްސައިގެން އެގޮތަށް ގެންދާ ކަމެއް ނޫނޭ.
މިނިސްޓަރު ޑޮކްޓަރ އިސްމާއިލް ޝަފީޢު ވިދާޅުވިއެވެ.
މީގެ އިތުރުން، ސަރުކާރުތަކުން ކޮށްފައިވާ މަސައްކަތުން މިހާރު މާލެއެކޭ އެއްގޮތަށް އަތޮޅުތެރޭގެ ރަށްރަށުން ވެސް ރަގަޅު ފެންވަރުގެ ތަޢުލީމު ލިބޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން މީގެ 20 ނުވަތަ 30 އަހަރު ކުރިން ހަމައެކަނި މާލެއިން ރަގަޅު ތަޢުލީމެއް ލިބުނު ނަމަވެސް، މިހާރު އެކަން ބަދަލުވެފައިވާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި ތައުލީމާ ތަޖުރިބާ ލިބިފައިވާ ފެންވަރު ރަނގަޅު އެތަށް ޓީޗަރުންނެެއް އަތޮޅުތެރޭގެ ސްކޫލުތަކުގައި މަސައްކަތް ކުރައްވަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.