ޚަބަރު
މި އަހަރުގެ ތެރޭގައި މާއްދާތަކުގެ މުޤައްރަރުތައް އަލުން މުރާޖާ ކުރެވޭނެ: ތަޢުލީމީ ވަޒީރު

ދ. މާއެނބޫދޫ ސްކޫލްގެ ލައިބްރަރީ، ފޮޓޯ: ބޭންކް އޮފް މޯލްޑިވްސް
މި އަހަރުގެ ތެރޭގައި މާއްދާތަކުގެ މުޤައްރަރުތައް އަލުން މުރާޖާ ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދަވާނެކަމަށް، ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ދިރާސީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި އެ މަނިކުފާނު ފޮނުއްވި ޚިޠާބުގައެވެ.
ވަޒީރު ވިދާޅުވީ، މުޤައްރަރުތައް މުރާޖާ ކުރުމުގެ މަސައްކަތަކީ އެ ވުޒާރާއިން ވަރަށް ބޮޑު އިސްކަމެއްދޭނެ ކަމެއްކަމަށާއި، މިކަމުގެ ބޭނުމަކީ މުޤައްރަރުތަކަށް ކޮންމެހެން ގެންނަންޖެހޭ ބަދަލުތައް ގެނަސް ތަޢުލީމުގެ ފެންވަރު ރަގަޅު ކުރުން ކަމަށެވެ.
މި އަހަރު ތެރޭގައި ޙާއްސަ އިސްކަމެއް ދީގެން ފެށިގެން ކުރިޔަށް ދާނެ އެއްކަމަކީ، މާއްދާތަކުގެ މުޤައްރަރުތައް އަލުން މުރާޖަޢާކޮށް، ކޮންމެހެން ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި ދަރިވަރުންނަށް އުނގަންނަވައިދެވޭ ކޮންޓެންޓުގެ ފެންވަރު ރަގަޅުކުރުން.
ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވިއެވެ.
މީގެ އިތުރުން، ފަންނީ ތަޖުރިބާކާރުންނާއި، ޢިލްމާއި ތަޖުރިބާ ލިބިފައިވާ މުދައްރިސުންގެ އެހީގައި ކީ-ސްޓޭޖު 4 ގެ މާއްދާތަކުގެ ޓެކްސްޓް ފޮތްތަކާއި މަސައްކަތު ފޮތްތަކާއި، ޑިޖިޓަލް ކޮންޓެންޓު އެކުލަވާލުމުގެ ޢަމަލީ މަސައްކަތް ވެސް މި އަހަރު ފެށިގެން ދާނެކަމަށް ވަޒީރު ވަނީ ހާމަކުރައްވާފައެވެ.
2025 ވަނަ އަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން މިއަދު ފަށާފައިވާއިރު، ތަޢުލީމު ފޯރުކޮށްދިނުމުގައި ސްކޫލްތައް ވާދަވެރި ނުވުމަށް ވެސް ވަޒީރު އެދިވަޑައިގެންފައިވެއެވެ. ޕީއެސްއެމް ނިއުސްއަށް ރޭ ދެއްވި އިންޓަވިއުއެއްގައި ވަޒީރު ވިދާޅުވީ، ސްކޫލުތަކުގެ އަމާޒަކަށް ވާންވާނީ އެއް ސްކޫލުން އަނެއް ސްކޫލާ ވާދަވެރިވުން ނޫން ކަމަށާއި، ނަމަވެސް ތަޢުލީމީ ނިޒާމުގެ ތެރެއިން ދަރިވަރުން ދިރިއުޅުމަށް ތައްޔާރުކޮށްދީ، ދީނާ ގައުމުދެކެ ލޯބިވާ އަދި އަމިއްލަ ފައިމައްޗަށް ތެދުވެ އަމިއްލަ ދިރިއުޅުމެއް ބިނާކުރެވޭނެފަދަ ދަރިންތަކެއް ބިނާކުރުމުގެ މަސައްކަތުގައި ކަމަށެވެ.
މި ދިރާސީ އަހަރު ގާތްގަނޑަކަށް 90،000 އެއްހާ ދަރިވަރުން އެކި މަރުހަލާތަކުގައި ކިޔަވަމުންދެއެވެ. އަދި މި ދަރިވަރުންގެ ޚިދުމަތުގައި ގާތްގަނޑަކަށް 11،000 މުދައްރިސުން ހަރަކާތްތެރިވަމުން އަންނަކަމަށް ތަޢުލީމީ ވުޒާރާއިން ހާމަކޮށްފައިވެއެވެ.