ޚަބަރު
އިމިގްރޭޝަނުގެ ރަސްމީ މަސައްކަތު ގަޑިއަށް ބަދަލުގެނަސްފި

އިމިގްރޭޝަނަށް 2024 ވަނަ އަހަރު ވެއްދި މުވައްޒަފުންތަކެއްގެ ތަމްރީނު ޕްރޮގްރާމެއްގެ ތެރެއިން، ފޮޓޯ: އިމިގްރޭޝަން

ފަރުދުން
08 އޭޕްރީލު 2025، 07:27
08 އޭޕްރީލު 2025، 07:27
މޯލްޑިވްސް އިމިގްރޭޝަނުގެ ރަސްމީ މަސައްކަތު ގަޑިއަށް ބަދަލުގެނަސްފިއެވެ.
އިމިގްރޭޝަނުން ސޯޝަލް މީޑިއާގައި ޙިއްސާކުރި ޕޯސްޓެއްގައި ބުނީ، މިއަދުން ފެށިގެން އެ އިދާރާގެ ރަސްމީ ގަޑިއަކީ ހެނދުނު 8 އިން މެންދުރުފަހު 2 އަށް ކަމަށެވެ. އަދި މިއީ ސިވިލް ސާރވިސްގެ ރަސްމީ މަސައްކަތު ގަޑިއާ އެއްގޮތަށް ބަދަލުކުރުމަށް ގެނަސްފައިވާ ބަދަލެއްކަމަށް ވަނީ ފާހަގަކޮށްފައެވެ.
ރަސްމީ ގަޑިއަށް ބަދަލު އައި ނަމަވެސް، ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ގަޑިތަކަށް ބަދަލެއް ނާންނަކަމަށް އިމިގްރޭޝަނުން ހާމަކޮށްފައި ވެއެވެ.
ސަމާލުކަމަށް!
— Maldives Immigration (@ImmigrationMV) April 7, 2025
މި އިދާރާގެ ރަސްމީ މަސައްކަތު ގަޑި ސިވިލް ސަރވިސްގެ ރަސްމީ މަސައްކަތު ގަޑި ކަމުގައިވާ ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށް މާދަމާ (08 އެޕްރީލް 2025) އިން ފެށިގެން ވަނީ ބަދަލުކުރެވިފައެވެ.
ނަމަވެސް، މި އިދާރާއިން ދެމުންގެންދާ އެންމެހައި ޚިދުމަތްތައް މިހާރުވެސް… pic.twitter.com/Uj7TFtDsJe
ދިވެހިރާއްޖޭގެ ތަންފީޒީ އިދާރާތަކުގެ ތެރެއިން، ސިވިލް ސާރވިސްގެ ބެލެނިވެރިކަމުގެ ދަށުން ހިންގަމުން އަންނަ ހަމައެކަނި ތަނަކީ އިމިގްރޭޝަނެވެ. ނަމަވެސް 2023 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން އެ އިދާރާގެ ރަސްމީ ގަޑިއަކީ ހެނދުނު 8 އިން މެންދުރުފަހު 4 އަށެވެ. އަދި އޭގެ ކުރިން ކަނޑައަޅާފައި އޮތީ ހެނދުނު 8 އިން މެންދުރުފަހު 3 އަށެވެ.
އިމިގްރޭޝަނުން އާންމުކޮށް ދެމުން އަންނަ ހުރިހާ ޚިދުމަތެއްހެން މިހާރު ފޯރުކޮށްދެނީ އޮންލައިންކޮށެވެ. އެގޮތުން ދިވެހި ޕާސްޕޯޓަށް އެދި ހުށަހެޅުމާއި ބިދޭސީ މަސައްކަތްތެރިންނާ ގުޅުންހުރި ޚިދުމަތްތައް ހިމެނެއެވެ.