ޚަބަރު
ހޮޅުދޫގައި މަރުވެފާ އޮއްވާ ފެނުނު ޒަކިއްޔާގެ ވާރޗުއަލް އޮޓޮޕްސީއެއް ހަދައިފި

ހޮޅުދޫގައި މަރުވެފާ އޮއްވާ ފެނުނު ޒަކިއްޔާ މޫސާ ---
މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހު ނ. ހޮޅުދޫއިން ޒަހަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ ވާރޗުއަލް އޮޓޮޕްސީއެއް ހަދައިފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޒަކިއްޔާގެ ވާރޗުއަލް އޮޓޮޕްސީ ހަދާފައިވަނީ މިދިޔަ ހަފްތާގައެވެ. އަދި މިކަމަށްތަކައި ފުލުހުންގެ ޓީމެއް އިންޑިއާއަށް ވަނީ ގޮސްފައެވެ. ނަމަވެސް މި އޮޓޮޕްސީގެ ނަތީޖާ އަދި ހާމަކޮށްފައެއް ނުވެއެވެ.
ވާރޗުއަލް އޮޓޮޕްސީ ނުވަތަ ވާރޓޮޕްސީއަކީ މަރުވެފައިވާ ނުވަތަ މަރާލެވިފައިވާ މީހެއްގެ މަރުގެ ހަޤީޤަތް އެމީހާގެ ސީޓީ ސްކޭން އަދި އެމްއާރުއައި ފަދަ ތަކެތި ބޭނުންކޮށްގެން ހަދާ ތަހުލީލުތަކެކެވެ. އަދި މި ތަހުލީލުތައް ކުރިޔަށް ގެންދަނީ، އެމީހެއްގެ ހަށިގަނޑުގެ ތުރީޑީ މޮޑެލްއެއް ތައްޔާރުކުރުމަށްފަހު، އެ މޮޑެލްގެ އެހީގައެވެ. މިއީ ފޮރެންސިކް ތަހުލީލުތަކުގައި މިހާރު ބޭނުންކުރަމުން އަންނަ މޮޑެލެކެވެ.
މި މޮޑެލް ބޭނުންކޮށްގެން ޔޫރަޕްގެ ޤައުމުތަކުގަ އާއި އެމެރިކާގައި މިހާރު ފޮރެންސިކް ތަހުލީލުތައް ކުރެއެވެ. އެގޮތުން ޔޫރަޕުން އިނގިރޭސިވިލާތާއި ޖަރުމަނުވިލާތާއި އަދި ސްވިޑްންގައި ވާރޗުއަލް އޮޓޮޕްސީ ލެބޯޓްރީތައް ޤާއިމްކޮށްފައި ވެއެވެ.
ޒަކިއްޔާ މަރުވެފައިއޮއްވާ ފެނުނީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ 10ވަނަ ދުވަހެވެ.
މި މައްސަލާގައި ޑިސެންބަރުމަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޮސްޕިޓަލާ ހަވާލާދީ ފުލުހުންގެ ޗީފް އިންސްޕެކްޓަރު މުހައްމަދު ސާމިޙް ވިދާޅުވީ، ޒަކިއްޔާ މަރުވީ ކަރަށް ލިބުނު ޒަޚަމްތަކަކާ ގުޅިގެން ކަމަށެވެ. އެގޮތުން ކަރުގެ ވާތްފަރާތުގައި ފުންކޮށް ތިން ޒަޚަމެއް އަދި ކަނާތްފަރާތުގައި ފުން ދެ ޒަޚަމެއް ހުރިކަމަށް ވެއެވެ. އަދި ކަރުގެ މެދުގައި ތިލަކޮށް ހުރި ޒަޚަމުގެ އިތުރުން، އިތުރު އެއްވެސް އަނިޔާއެއް ފެންނަން ނެތްކަމަށް ސާމިޙް ވިދާޅުވިއެވެ.
މިހާގިނަ ޒަޚަމްތަކެއް ހުރި ނަމަވެސް، އެއީ މީހަކު ދިން އަނިޔާތަކެއްކަން ބެލެވޭނެ އެއްވެސް ހެއްކެއް ފެނިފައި ނުވާކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.
އޭގެ ފަހުން ހޮޅުދޫގައި މިކަމާ ގުޅިގެން އިހުތިޖާޖު ކުރާތީ، އެ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއެހުމަށް ހޯމް މިނިސްޓަރ ޢަލީ އިޙްސާނާއި، ކޮމިޝަނަރ އޮފް ޕޮލިސް، ޢަލީ ޝުޖާއު ހޮޅުދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވާފައި ވެއެވެ. އެގޮތުން، އެ ރަށު ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކަށްވީ ޒަކިއްޔާގެ އޮޓޮޕްސީ ނުހެދުމަށް ނިންމުމެވެ. އަދި ހޮޅުދޫގެ ރައްޔިތުންނާ މުޙާތަބު ކުރައްވަމުން ޕޮލިސް ކޮމިޝަނަރ ވިދާޅުވީ، ފުލުހުންގެ އިޙުމާލެއް އޮތްނަމަ އެކަން ބައްލަވާނެކަމަށެވެ.