Ads by Aqeeqa Maldives

ޚަބަރު

ވެލިދޫ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ފަށައިފި

ވެލިދޫ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ފަށައިފި

ވެލިދޫ ހޮސްޕިޓަލް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދު ---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

08 އޭޕްރީލު 2025، 04:10

08 އޭޕްރީލު 2025، 04:10

ނ. ވެލިދޫގައި ސަރުކާރުން އިމާރާތް ކުރުމަށް ނިންމާފައިވާ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ. 

ވެލިދޫގައި 30 އެނދުގެ ހޮސްޕިޓަލެއް އިމާރާތް ކުރުމުގެ ވާހަކަ ދެކެވޭތާ ތިން އަހަރަށް ވުރެ ގިނަ ދުވަސް ވެގެން ގޮސްފައިވާއިރު، އެންމެ ފަހުން އެ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފެށުމަކީ އެ ރަށުގެ ރައްޔިތުން ޒަމާންތަކަކަށް ކުރަމުން އައި ފޮނި އުއްމީދުތަކަކާ ގުޅިފައި އޮތް ކަމެކެވެ.

މި ހޮސްޕިޓަލް އިމާރާތް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ ވެލިދޫ ބްރާންޗުގެ މެނޭޖަރު "ފަރުދުން" މީޑިއާއަށް މަޢުލޫމާތު ޙިއްސާކުރައްވަމުން ވިދާޅުވީ، މިހާރު ސައިޓުގައި ކުރިޔަށްދަނީ އިމާރާތް ކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން ކުރަންޖެހޭ އެންމެހާ ކަންތައްތައްކަމަށެވެ. އެގޮތުން އިން ވަކިކުރުމާއި، ބިން ސާފުކުރުން ހިމެނެއެވެ.

ވެލިދޫ ހޮސްޕިޓަލަކީ ކުރިން ކުވޭތު ފަންޑް ފޯ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކޭއެފްއޭއީޑީ)ގެ އެހީގައި އިމާރާތްކުރަން މަސައްކަތްކުރި ހޮސްޕިޓަލެކެވެ. އެގޮތުން މި މަސައްކަތް ކޮށްދިނުމަށް އާނަންޑް ބިލްޑްޓެކް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާ 2023 ވަނަ އަހަރުގެ އޯގަސްޓު މަހު ހަވާލުކޮށްފައިވެއެވެ. ނަމަވެސް އެ އިމާރާތުގެ އަމަލީ މަސައްކަތް ފަށާފައެއް ނުވެއެވެ.



މި މަސައްކަތް ހުއްޓުނު ސަބަބެއްކަމަށް މި ސަރުކާރުން ބުނަނީ، ކުވޭތު ފަންޑުން ލޯނު ހަމަޖެހުނު ނަމަވެސް، އެ ފަންޑު ހުއްޓިފައިވުމުން ކަމަށެވެ. މި މަޢުޟޫއަށް ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒު ވިދާޅުވީ، އެފަދަ ފަންޑުތަކުން މަޝްރޫއުތައް ހިންގަން ފައިސާ ދޫކުރާ ހާއްސަ އުސޫލުތަކެއް ހުންނަކަމަށާއި، އެ ފައިސާ ހޯދުމަށް ސަރުކާރުން ވަކި އިޖުރާޢަތްތަކެއް ފުރިހަމަ ކުރަންޖެހޭ ކަމަށެވެ. ނަމަވެސް އެކަންކަން ނުކޮށް ކުރީސަރުކާރުން ފަރުވާ ކުޑަކޮށްފައިވާކަމަށް ރައީސް ތުހުމަތު ކުރެއްވިއެވެ.

މިކަމަށް ރައްދު ދެއްވައި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާޙިމް ޢަމީރު ވިދާޅުވީ، ސަރުކާރު ބަދަލު ވިޔަސް އެ ލޯނު ހަމަޖެހޭނެ ކަމުގެ ޔަޤީންކަން ލިބުނު ކަމަށެވެ. އަދި އެ މަޝްރޫޢު އެހާބޮޑަށް ލަސްވެގެން ދިޔައީ ކުވޭތުގެ ދާޚިލީ އަދި ސިޔާސީ ނުތަނަވަސްކަން އެ ދުވަސްވަރު ބޮޑުވެފައި އޮތުމުން، އެ ފަންޑަށް އެކަމުގެ އަސަރުކޮށްގެން ކަމަށް ވެސް ޢަމީރު ވަނީ ވިދާޅުވެފައެވެ.

އެންމެ ފަހުން ދައުލަތުގެ ޚަރަދުގައި މި މަޝްރޫޢު އާރުޑީސީއާ ހަވާލުކުރީ މިދިޔަ މާރިޗު މަހު 28 ވަނަ ދުވަހެވެ. އަދި އެ ކުންފުންޏާ މަސައްކަތް ހަވާލުކުރިތާ 11 ދުވަހުގެ ތެރޭގައި މިވަނީ މަސައްކަތުގެ އަމަލީ މަސައްކަތް ފަށާފައެވެ. 

ހޮސްޕިޓަލް މަސައްކަތާއި މަގު ހެދުމުގެ މަސައްކަތުގެ އިތުރުން ވެސް، ވެލިދޫގައި އެހެން ދެ މަޝްރޫޢެއް ކުރިޔަށް ގެންދިއުމަށް އާރުޑީސީއާ ހަވާލުކޮށްފައިވެއެވެ. އެއީ އެ ރަށު ޕޮލިސް ސްޓޭޝަން އިމާރާތް ކުރުމުގެ މަސައްކަތާއި، ރިހެބިލިޓޭޝަން ސެންޓަރެއް އިމާރާތް ކުރުމުގެ މަސައްކަތެވެ. 

އާރުޑީސީގެ ވެލިދޫ ބްރާންޗުގެ މެނޭޖަރު ހާމަކުރައްވާފައިވާ ގޮތުގައި، މި އިމާރާތްތައް އެޅުމަށް ކަނޑައަޅާފައިވާ ސަރަޙައްދުތަކުގެ އިން ވަކިކޮށް، އެ ތަންތަނުގެ އަމަލީ މަސައްކަތް ވެސް މިހާރު ވަނީ ފަށާފައެވެ. އަދި މަގު ހެދުމުގެ މަޝްރޫޢުގެ ތެރެއިން އެ ކުންފުންޏާ ހަވާލުކޮށްފައިވާ މަސައްކަތްތަކުގެ ގާތްގަނޑަކަށް %90 މިހާރު ނިމިފައިވާކަމަށް ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS