Ads by Aqeeqa Maldives

ޚަބަރު

ވެލިދޫއިން ޑަޔަލިސިސް ޚިދުމަތް ދިނުމަށް ތައްޔާރުވެއްޖެ

ވެލިދޫއިން ޑަޔަލިސިސް ޚިދުމަތް ދިނުމަށް ތައްޔާރުވެއްޖެ

ވެލިދޫ ޑަޔަލިސިސް ސެންޓަރު ޚިދުމަތް ފޯރުކޮށްދިނުމަށް ތައްޔާރުވެފައި ---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

08 އޭޕްރީލު 2025، 09:52

08 އޭޕްރީލު 2025، 09:52

ނ. ވެލިދޫގައި ސަރުކާރުން ޤާއިމްކުރި ޑަޔަލިސިސް ސެންޓަރު ނިމި، އެ ތަނުން ޚިދުމަތް ދިނުމަށް ތައްޔާރުވެއްޖެއެވެ. މިއީ ސިއްޙީ މަރުކަޒުގެ ލެވެލްގައި މި ޚިދުމަތް ރާއްޖޭގައި ފަށާ ދެވަނަ ރަށެވެ. 

މިކަމާ ގުޅިގެން "ފަރުދުން" މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ވެލިދޫ ސިއްޙީ މަރުކަޒު ހިންގުމާ ހަވާލުވެ ހުންނެވި، ސީނިއާރ ޕޮލިޓިކަލް ޑިރެކްޓަރ އަލްފާޟިލާ އާމިނަތު ރުއުފާ ވިދާޅުވީ، މި ސެންޓަރުން މާލެއެކޭ އެއްފެންވަރަށް ޑަޔަލިސިސްގެ ޚިދުމަތް ފޯރުދެވޭނެ ކަމަށެވެ. އެގޮތުން މި ސެންޓަރުގައި ބޭނުންކުރާނީ، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ބޭނުންކުރާ ފެންވަރުގެ މެޝިންތައް ކަމަށް ވިދާޅުވިއެވެ. 

އަޅުގަނޑުމެނަށް ލިބިފަ މިހުރި މެޝިންތަކަކީ ހަމަ އައިޖީއެމްއެޗްގައި ވެސް ބޭނުންކުރަމުންދާ މެޝިންތައް. އަދި ޚިދުމަތް ފަށާނީ ފިޒީޝިއަންއަކާއި ޓްރެއިންވެފަ ތިބި ނަރުހުންނާއެކު. އެހެންކަމުން އަތޮޅު ހޮސްޕިޓަލްތަކާއި، ރީޖަނަލް ހޮސްޕިޓަލްތަކާއި، މާލޭގެ ހޮސްޕިޓަލްތަކާ އެއް ފެންވަރަށް ވެލިދޫ ޑައިލިސިސް ސެންޓަރުން ޚިދުމަތް ދެވޭނެ.

ވެލިދޫ ޑަޔަލިސިސް ސެންޓަރުން ފޯރުކޮށްދެވޭނެ ޚިދުމަތުގެ ފެންވަރާ ގުޅިގެން އެ ރަށު ސިއްޙީ މަރުކަޒުގެ ސީނިއާރ ޕޮލިޓިކަލް ޑިރެކްޓަރ އަލްފާޟިލާ އާމިނަތު ރުއުފާ ވިދާޅުވިއެވެ.

ރުއުފާ ވިދާޅުވީ، އެ ސެންޓަރުގެ ހުރިހާ މެޝިނަރީއެއް އިންސްޓޯލް ކުރެވި، މުޅި އިމާރާތް މިހާރު ތައްޔާރީ ހާލަތައް ގެނެވިފައިވާ ކަމަށެވެ. އެގޮތުން އެއްފަހަރާ ދެ ޕޭޝެންޓުންނަށް ޚިދުމަތް ފޯރުކޮށްދެވޭ ފެންވަރަށް މި ސެންޓަރު ވަނީ ތަރައްޤީކޮށްފައެވެ. 

ޑަޔަލިސިސް ޚިދުމަތް ފޯރުކޮށްދިނުމަށް މި ސެންޓަރުގައި ދެ އެނދު ބަހައްޓައި، ދެ މެޝިން މިހާރު ވަނީ އިންސްޓޯލްކޮށްފައި. އަދި އައިސޮލޭޓް ކުރަންޖެހޭ ޕޭޝެންޓުންނަށް ވަކި އެނދެއް ބެހެއްޓުމުގެ މަސައްކަތް ވެސް ދަނީ ކުރެވެމުން. އެހެންކަމުން އެއް ފަހަރާ ދެ ޕޭޝެންޓުންނަށް ޚިދުމަތް ދެވޭ ފެންވަރަށް އަޅުގަނޑުމެން މިވަނީ ތައްޔާރުވެފައި.

ރުއުފާ ވިދާޅުވިއެވެ.

ޑަޔަލިސިސްގެ ޚިދުމަތަށް ޙާއްސަކޮށް ދެ ނަރުހުން ތައްޔާރުކުރުމުގެ ގޮތުން، އެ މަރުކަޒުގެ ދެ ނަރުހަކު މިކަމާ ގުޅޭ ތަމްރީނުތަކެއް މާލޭގައި ދަނީ ފުރިހަމަ ކުރަމުންނެވެ. އަދި ޝެޑިއުލްކުރެވިފައިވާ ގޮތަށް ބަލާއިރު، އެ ނަރުހުންގެ ތަމްރީން މި ހަފްތާ ނިމޭ ހިސާބަށް ފުރިހަމަ ކުރެވޭނެއެވެ. 

މީގެ އިތުރުން، ވެލިދޫ ޑަޔަލިސިސް ސެންޓަރާއެކު، އަތޮޅު ހޮސްޕިޓަލްގެ ބާރު ބޮޑުވެގެންދާ ދަނޑިވަޅުތަކުގައި ވެސް، އަތޮޅު ތެރޭގެ އެހެން ރަށްރަށުގެ މީހުންނަށް ބުރޫއެރުމަކާ ނުލާ ޑަޔަލިސިސް ޚިދުމަތް ފޯރުކޯށްދެވޭނެކަމަށް ރުއުފާ ވިދާޅުވިއެވެ.

އަޅުގަނޑުމެން މުޅި އަތޮޅަށް ޚިދުމަތް ފޯރުކޮށްދޭނަން. އެގޮތުން މަނަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުން ޑަޔަލިސިސް ހަދާ ޕޭޝެންޓުންގެ ޝެޑިއުލް ބާރުބޮޑުވެގެންދާ ދުވަސްތަކުގައި، އެ ޕޭޝުންޓުންނަށް ވެލިދޫއިން ޚިދުމަތް ދިނުން އަޅުގަނޑުމެންގެ ވިސްނުމަކީ.

ރުއުފާ ވިދާޅުވިއެވެ.

ވެލިދޫގައި މިވަގުތު ޑައިލިސިސް ހަދާ ބަލިމީހެއް ނެތަސް، ސީދާ މި ޚިދުމަތް ހޯދުމަށް މާލެ އަށާއި އެހެން ތަންތަނަށް ހިޖުރަކޮށްފައިވާ ވެލިދޫގެ ހައެއްކަ މީހުން އުޅެއެވެ. އަދި ވެލިދޫގައި ޤާއިމް މި ކުރެވުނު ސެންޓަރާއެކު، އެ މީހުން އަނބުރާ ރަށަށް ބަދަލުވާނެކަމަށް އުއްމީދު ކުރެވޭކަމަށް ވެސް ރުއުފާ ވިދާޅުވިއެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS