ޚަބަރު
ތަޢުލީމީ ވަޒީރު މާލޭ ސަރަޙައްދުގެ ބައެއް ސްކޫލްތަކަށް ޒިޔާރަތްކުރައްވައިފި

ތަޢުލީމީ ވަޒީރު ޑޮކްޓަރ އިސްމާއިލް ޝަފީޢު އިމާދުއްދީން ސްކޫލްގެ ހެނދުނު ދަންފަޅީގެ އެސެމްބްލީއެއްގައި ވާހަކަފުޅު ދައްކަވަނީ، ފޮޓޯ: ތަޢުލީމީ ވުޒާރާ
ތަޢުލީމީ ވަޒީރު ޑޮކްޓަރ އިސްމާއިލް ޝަފީޢު މާލޭ ސަރަޙައްދުގެ ބައެއް ސްކޫލްތަކަށް ޒިޔާރަތްކުރައްވައިފިއެވެ. މިއީ ދިރާސީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި އެ މަނިކުފާނު ސްކޫލްތަކަށް ކުރެއްވެވި ޒިޔާރަތެއްކަމަށް ތަޢުލީމީ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
ވަޒީރު ޒިޔާރަތް ކުރެއްވީ ތާޖުއްދީން ސްކޫލާއި އިމާދުއްދީން ސްކޫލަށެވެ. މި ދެ ސްކޫލަށް ވަޑައިގެން މި ސްކޫލްތަކުގެ ދަރިވަރުންނާއި އަދި މުދައްރިސުންނާ ވަނީ ބައްދަލުކުރައްވާފައެވެ.
ވަޒީރު ވަނީ އިމާދުއްދީން ސްކޫލްގެ ހެނދުނު ދަންފަޅީގެ އެސެމްބްލީއެއްގައި ވެސް ބައިވެރިވެވަޑައިގެންފައެވެ. މި އެސެމްބްލީގައި ދަރިވަރުންނާ މުޙާތަބުކޮށް ވަޒީރު ވާހަކަފުޅު ވެސް ދެއްކެވިއެވެ.
އެސެމްބްލީގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ އުގެނުމުގެ މަސަތްކަތަކީ ހިތްވަރު ކުރަށްޖެހޭ މަސައްކަތެއް ކަމަށާއި، އެކަމަށްޓަކައި ގަދައަޅާ މަސައްކަތް ކުރަންޖެހޭނެ ކަމަށެވެ. މީގެ އިތުރުން މުދައްރިސުންގެ އަގުހުރި މަސައްކަތަށް އެ މަނިކުފާނު ޝުކުރު ދެންނެވިއެވެ.
ދިރާސީ އާ އަހަރު ފެށުމުގެ މުނާސަބަތުގައި މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު އަދި މިނިސްޓްރީގެ އިސްވެރީން، މާލެ ސަރަހައްދުގެ ބައެއް ސްކޫލު ތަކަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން މިއަދު ތާޖުއްދީން ސްކޫލަށް ވަޑައިގަތުން. pic.twitter.com/TaKi9UjQJf
— Ministry of Education (@MoEdumv) April 8, 2025
ދިރާސީ އައު އަހަރު ފެށުމުގެ ކުރިން، ތަޢުލީމު ފޯރުކޮށްދިނުމުގައި ސްކޫލްތައް ވާދަވެރި ނުވުމަށް ވެސް ވަޒީރު އެދިވަޑައިގެންފައިވެއެވެ. ޕީއެސްއެމް ނިއުސްއަށް އާދީއްތަ ދުވަހުގެރޭ ދެއްވި އިންޓަވިއުއެއްގައި ވަޒީރު ވިދާޅުވީ، ސްކޫލުތަކުގެ އަމާޒަކަށް ވާންވާނީ އެއް ސްކޫލުން އަނެއް ސްކޫލާ ވާދަވެރިވުން ނޫން ކަމަށާއި، ނަމަވެސް ތަޢުލީމީ ނިޒާމުގެ ތެރެއިން ދަރިވަރުން ދިރިއުޅުމަށް ތައްޔާރުކޮށްދީ، ދީނާ ގައުމުދެކެ ލޯބިވާ އަދި އަމިއްލަ ފައިމައްޗަށް ތެދުވެ އަމިއްލަ ދިރިއުޅުމެއް ބިނާކުރެވޭނެފަދަ ދަރިންތަކެއް ބިނާކުރުމުގެ މަސައްކަތުގައި ކަމަށެވެ.
މި ދިރާސީ އަހަރު ގާތްގަނޑަކަށް 90،000 އެއްހާ ދަރިވަރުން އެކި މަރުހަލާތަކުގައި ކިޔަވަމުންދެއެވެ. އަދި މި ދަރިވަރުންގެ ޚިދުމަތުގައި ގާތްގަނޑަކަށް 11،000 މުދައްރިސުން ހަރަކާތްތެރިވަމުން އަންނަކަމަށް ތަޢުލީމީ ވުޒާރާއިން ހާމަކޮށްފައިވެއެވެ.