ޚަބަރު
ޤަވާއިދުން ބިދޭސީންގެ ފީތައް ދައްކާ ފަރާތްތައް %50 އަށް ވުރެ އިތުރުވެއްޖެ

ބިދޭސީން މޮނިޓަރ ކުރުމަށް އިމިގްރޭޝަން އޮފިސަރުން ހިންގި ހަރަކާތެއްގެ ތެރެއިން، ފޮޓޯ: އިމިގްރޭޝަން
ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިންނަށް ވަޒީފާދީފައިވާ ފަރާތްތަކުން ސަރުކާރަށް ދައްކަންޖެހޭ ކޯޓާ ފީ އާއި ވާރކް ޕާރމިޓް ފީ ދައްކާ މިންވަރު %50 އަށް ވުރެ އިތުރުވެފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަބްދުލްމަޖީދު އިބްރާހީމް ވިދާޅުވީ، މި ނިސްބަތް 2023 ވަނަ އަހަރު ނިމުނުއިރު ހުރީ %22 ގައި ކަމަށާއި، ނަމަވެސް މި ސަރުކާރުން އެ ފައިސާ ދައުލަތަށް ހޯދުމަށް އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާ ގުޅިގެން އެ މައްސަލަ މަޑުމަޑުން ހައްލުކުރެވެމުންދާ ކަމަށެވެ. މަޖީދު ސިފަ ކުރެއްވީ މިއީ ސަރުކާރުގެ ކާމިޔާބެއްގެ ގޮތުގައެވެ.
" 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އަޅުގަނޑުމެންވާނީ ފިޔަވަޅުތައް އަޅަން ފަށާފައި ގަވާއިދުން ބިދޭސީންނާއި ގުޅުންހުރި ފީތައް ނުދައްކާ ފަރާތްތަކަށް. އެއާއެކު މިއަދުގެ ތަފާސްހިސާބަށް ބަލާއިރު ރާއްޖޭގައި ބިދޭސީން މަސައްކަތްތެރިންގެ ގޮތުގައި ގެންގުޅޭ %55.4 މީހުން ނުވަތަ ކުންފުނިތަކުން ގަވާއިދުން އެބަ ފީތައް ދައްކަމުންދޭ. މިއީ އަޅުގަނޑުމެން ދެކޭގޮތުގައި ބޮޑު ކުރިއެރުމެއް." ސްޓޭޓް މިނިސްޓަރ ޢަބްދުލްމަޖީދު އިބްރާހީމް ވިދާޅުވިއެވެ.
ބިދޭސީ މަސައްކަތްތެރިންނާ ގުޅިގެން ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ސަރުކާރުން ވަނީ ބިދޭސީންނަށް ވަޒީފާދީފައިވާ އާންމު ފަރާތްތަކަށާއި ކުންފުނިތަކަށް މިދިޔަ އަހަރު ލުއިގޮތްތަކެއް ހަމަޖައްސަވައިދެއްވާފައެވެ. މިއާއެކު ދައުލަތަށް ލިބެންޖެހޭ 1.9 ބިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް 1.1 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް ސަރުކާރުން ވިދާޅުވެއެވެ. އެހެންނަމަވެސް އަދިވެސް 900 މިލިއަނެއްހާ ރުފިޔާ ނުލިބިވާކަމަށާއި ކުރިއަށް އޮތް އަހަރުގެ ތެރޭގައި މިމަސައްކަތް އިތުރަށް ވަރުގަދަކުރައްވާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ރާއްޖޭގައި މަސައްކަތްކުރާ ކޮންމެ ބިދޭސީއަކަށް ކޮންމެ މަހަކު ވާރކް ޕާރމިޓް ފީގެ ގޮތުގައި 350ރ. އަދި ކޯޓާ ސްލޮޓް ފީގެ ގޮތުގައި އަހަރަކަށް 2،000ރ. ދައްކަންޖެހެއެވެ. އެހެންކަމުން ވާރކް ވީޒާގައި ރާއްޖޭގައި އުޅޭ ކޮންމެ ބިދޭސީއެއްގެ ބޮލަކަށް އަހަރަކަށް 6،200ރ. ދައުލަތަށް ދައްކަން ޖެހޭނެއެވެ.