ޚަބަރު
ޖެނެރޭޝަން ބޭންއާ ގުޅޭ ކަރުދާސް އެކުލަވާލުމަށްފަހު ކެބިނެޓަށް ހުށަހަޅަން ތައްޔާރުވެއްޖެ

ނޫސްވެރިންގެ ބައްދަލުވުމުގައި ސިއްޙީ ވަޒީރު ---
ދުންފަތުގެ އިސްތިއުމާލުކުރުމުގެ ތެރެއަށް އަލަށް މީހުން ވަނަނުދިނުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، ވަކިއުމުރުފުރާއަކަށް އަމާޒުކޮށް ގެންނަން އުޅޭ ޖެނެރޭޝަން ބޭންއާ ގުޅޭ ކަރުދާސް ނިންމައި ކެބިނެޓަށް ހުށަހެޅުމަށް ތައްޔާރުވެއްޖެއެވެ.
މިކަމާ ގުޅިގެން ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުޢިއްޒު ވަނީ ފޭސްބުކް އަދި އެކްސްގައި ޕޯލެއް ނަގާފައެވެ.
ސޯޝަލް މީޑިއާގައި ރައީސުލްޖުމްހޫރިއްޔާ ޙިއްސާކުރެއްވި ޕޯލްގައި އެ މަނިކުފާނު ރައްޔިތުންނަށް ހުޅުވާލީ، ޖެނެރޭޝަން ބޭން ކަނޑައެޅުމަށް އެ މަނިކުފާނު ވިސްނަވާ ތިން އުމުރުފުރާގެ ތެރެއިން ކޮންމެވެސް އެއް އުމުރުފުރާއަކަށް ހިޔާލު ފާޅުކުރުމަށެވެ.
ޖެނެރޭޝަނަލް ބޭން، ކަނޑައެޅުއްވުމުގައި އެ މަނިކުފާނު ހުށައަޅުއްވާ ގޮތްތަކަކީ:
- 2007 ވަނަ އަހަރުގެ ޖެނުއަރީ 1އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން
- 2004 ވަނަ އަހަރުގެ ޖެނުއަރީ 1އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން
- 2000 ވަނަ އަހަރުގެ ޖެނުއަރީ 1އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން
މި ޕޯލް މިހާރު ނިމިފައިވާއިރު، މި ޕޯލްގެ ނަތީޖާ ދައްކާގޮތުން ވޯޓު ދިން ފަރާތްތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު ބޭނުންވަނީ 2000 ވަނަ އަހަރުން ފެށިގެން އުފަންވި ފަރާތްތަކަށް ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކުރުމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސިއްޙީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާޙިމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އެ ނިންމެވުމާ ގުޅިގެން ސިއްޙީ ވުޒާރާއިން އެ ކަމުގެ ފަންނީ ބޭފުޅުންނާއި މަޝްވަރާކުރައްވާފައިވާ ކަމަށާއި، އަދި އެ މަޝްވަރާތަކުގެ އަލީގައި ކެބިނެޓަށް ހުށަހަޅާ ކަރުދާސް ތައްޔާރުކޮށް ނިންމާފައިވާކަމަށެވެ.
ދުންފަތުގެ އިސްތިއުމާލުކުރުމާ ދެކޮޅަށް މި ފަހުން ސަރުކާރުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން ރާއްޖޭގައި ވޭޕް މަނާކުރުމާއި ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ސަރުކާރުން ވަނީ ބޮޑުކޮށްފައެވެ.