ޚަބަރު
ތިން މަޝްރޫއަކަށް ބޭނުންވާ ތަކެތި ވެލިދޫއަށް ފޮނުވައިފި

ވެލިދޫގެ ތިން މަޝްރޫއަކަށް ތަކެތި ގެންދިއުން، ފޮޓޯ: އާރުޑީސީ
ނ. ވެލިދޫގައި ސަރުކާރުން ކުރިޔަށްގެންދިއުމަށް ނިންމާފައިވާ ތިން މަޝްރޫއަކަށް ބޭނުންވާ ތަކެތި އެ ރަށަށް ފޮނުވައިފިއެވެ.
މި ތަކެއްޗަކީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލުކޮށްގެން އެ ރަށުގައި ކުރިޔަށް ގެންދިއުމަށް ނިންމާފައިވަނީ ހޮސްޕިޓަލް އިމާރާތް ކުރުމުގެ މަސައްކަތާއި، ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ސެންޓަރާއި އަދި ޕޮލިސް ސްޓޭޝަން ޤާއިމްކުރުމުގެ މަސައްކަތަށް ބޭނުންވާ ތަކެއްޗެވެ.
ނ.ވެލިދޫ ހޮސްޕިޓަލްގެ އައު އިމާރާތުގެ މަސައްކަތާއި އެރަށުގައި ޤާއިމްކުރެވޭ ކޮމިޔުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ސެންޓަރުގެ މަސައްކަތުގެ އިތުރުން ޕޮލިސް ސްޓޭޝަންގެ މަސައްކަތް ފެށުމަށް ބޭނުންވާ ސާމާނު މިހާރުވަނީ އެރަށަށް ފޮނުވިފައި.#TeamRDC pic.twitter.com/mLBN9esCl8
— Road Development Corporation Ltd (@rdcmaldives) April 10, 2025
މި ހުރިހާ މަޝްރޫޢެއްގެ ވެސް އަމަލީ މަސައްކަތް މިހާރު ފަށާފައިވާކަމަށް އާރުޑީސީގެ ވެލިދޫ ބްރާންޗުގެ މެނޭޖަރު "ފަރުދުން"އަށް ދެއްވި އިންޓަވިއުއެއްގައި މިދިޔަ އަންގާރަ ދުވަހު ވަނީ ވިދާޅުވެފައެވެ.
އެގޮތުން ހޮސްޕިޓަލް އިމާރާތްކުރުމަށް ނިންމާފައިވާ ސަރަޙައްދުގައި މިހާރު ކުރިޔަށްދަނީ އިމާރާތް ކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން ކުރަންޖެހޭ އެންމެހާ ކަންތައްތައްކަމަށާއި، އޭގެ ތެރޭގައި ބިމުގެ އިން ވަކިކުރުމާއި، ބިން ސާފުކުރުން ހިމެނޭކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ސެންޓަރާއި އަދި ޕޮލިސް ސްޓޭޝަން ޤާއިމްކުރުމަށް ނިންމާފައިވާ ސައިޓުތަކުގެ ބިމުގެ އިން ވަކިކުރުމާޢި ބިން ސާފުކޮށް ނިންމާފައިވާކަމަށް އާރުޑީސީގެ ވެލިދޫ ބްރާންޗުގެ މެނޭޖަރު ވިދާޅުވިއެވެ. އަދި މަގު ހެދުމުގެ މަޝްރޫޢުގެ ތެރެއިން އެ ކުންފުންޏާ ހަވާލުކޮށްފައިވާ މަސައްކަތްތަކުގެ ގާތްގަނޑަކަށް %90 މިހާރު ނިމިފައިވާކަމަށް ވެސް ވިދާޅުވިއެވެ.
މި ކަންކަމުގެ އިތުރުން، ވެލިދޫގައި ޤާއިމްކޮށްފައިވާ ޑަޔަލިސިސް ސެންޓަރުގެ މަސައްކަތް ނިމި، އެތަން ހުޅުވުމަށް ވަނީ ތައްޔާރުވެފައެވެ.