ކުޅިވަރު
ދިގުލައިދިޔަ މަޝްވަރާތަކަށްފަހު ސަލާޙް ގޮތް ނިންމައިފި

ސަލާޙް އަކީ މިސްރުގެ ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ޤަބޫލުކުރާ ކުޅުންތެރިޔާ، ފޮޓޯ: ސަލާޙް
އިންގްލިޝް ޕްރިމިއާރ ލީގުގެ ތަށި މި ސީޒަނުގައި ކާމިޔާބު ކުރާނެކަމަށް ބެލެވޭ ލިވަޕޫލް ފުޓްބޯޅަ ކްލަބާއެކު، މިސްރުގެ ތަރި މުޙައްމަދު ސަލާޙް ހަދާފައިވާ އެއްބަސްވުން މި ސީނަޒުގެ ނިޔަލަށް ހަމަވުމުގެ ކުރިން، އިތުރު ދެ އަހަރަކަށް އޭނާގެ ކޮންޓްރެކްޓު އައުކޮށްފިއެވެ.
ރިޕޯޓުތައް ބުނާގޮތުން، ކޮންޓްރެކްޓުގެ ވާހަކަތައް ދިގުލައި ދިޔައީ، ސަލާޙް ބޭނުންވާ ބަދަލުތައް މުސާރައަށް ގެނައުމަށް ކްލަބާއެކު އެއްބަސްވުމަކަށް ނާދެވިގެންނެވެ. ނަމަވެސް، މި މައްސަލަ ޙާއްލުކޮށް، މިހާރު އޭނާ ވަނީ އައު އެގްރީމެންޓުގައި ސޮއިކޮށްފައެވެ.
އިނގިރޭސިވިލާތުގެ ނޫހެއް ކަމުގައިވާ ޓެލެގްރާފުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ސަލާޙް ކޮންޓްރެކްޓު އައުކުރީ އަހަރަކު 20 މިލިއަން ޕައުންޑަށެވެ.
އުމުރުން 32 އަހަރުގެ ސަލާޙް ވަނީ މި ސީޒަނުގައި މިހާތަނަށް ކުޅުނު 45 މެޗުން 32 ގޯލު ކާމިޔާބުކޮށްދީފައެވެ. މީގެ ތެރެއިން 27 ގޯލަކީ ޕްރިމިއާރ ލީގުގައި ކުޅުނު 31 މެޗުން އޭނާ ހަމަކުރި ގޯލުގެ އަދަދެވެ. މީގެ އިތުރުން، އޭނާ ވަނީ ގޯލު ޖެހުމަށް 22 ފުރުސަތު އެ ޓީމުގެ ކުޅުންތެރިންނަށް ތަނަވަސްކޮށްދީފައެވެ.
އައު އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ސަލާޙް ބުނީ، އޭނާ ކޮންޓްރެކްޓު އައުކުރީ ލިވަޕޫލްއާއެކު އިތުރު ކާމިޔާބީތައް ހޯދަން ބޭނުންވާތީކަމަށެވެ. މީގެ އިތުރުން، އޭނާގެ ފުޓުބޯޅަ ކެރިއަރުގެ އެންމެ މުހިންމު ދުވަސްތައް ގެނަސްދިނީ ލިވަޕޫލުން ކަމަށާއި، މިހާރު އެ ކްލަބުގައި 8 އަހަރު ހޭދަވާން ކައިރިވެފައިވާއިރު، މި އަދަދު 10 އަކަށް ބަދަލުކުރުމަށް އުއްމީދުކުރާކަމަށް އޭނާ ބުންޏެވެ.
ސަލާހް ލިވަޕޫލަށް ބަދަލުވީ 2017 ވަނަ އަހަރު އޭ. އެސް. ރޯމާއިންނެވެ. އަދި އެ ކްލަބުގެ ލެޖެންޑަކަށްވުމަށް އޭނާއަށް މާގިނަ ދުވަސްތަކެއް ނުނެގިއެވެ.
ލިވަޕޫލްގައި މިހާރު ސަލާޙް 8 ވަނަ އަހަރު ގުނަމުންދާއިރު، އޭނާ ވަނީ އެ ޓީމަށް ކުޅެދިން 394 މެޗުން 243 ގޯލު ކާމިޔާބުކޮށްފައެވެ. މި ކާމިޔާބާއެކު އޭނާއަކީ ލިވަޕޫލްގައި ތިންވަނައަށް އެންމެ ގިނަ ގޯލު ކާމިޔާބުކޮށްފައިވާ ކުޅުންތެރިއާގެ މަޤާމު ހޯދާފައެވެ.
އަދި ލިވަޕޫލްއާއެކު އޭނާވަނީ ބޮޑު 7 މުބާރާތް ކާމިޔާބުކޮށްފައެވެ. އޭގެ ތެރޭގައި ޕްރިމިއަރ ލީގާއި، ޗެމްޕިއަންސް ލީގާއި، ފީފާ ކްލަބް ވޯލްޑް ކަޕާއި، ޔޫއެފާ ސުޕަ ކަޕާއި، އެފްއޭ ކަޕްގެ އިތުރުން ދެ ލީގު ކަޕް ހިމެނެއެވެ.
މީގެ އިތުރުން، ތިން ސީޒަންގައި ޕްރިމިއާރ ލީގުގެ ގޯލްޑަން ބޫޓު ހާސިލްކޮށްފައިވާއިރު، ޕީއެފްއޭ (ޕްރޮފެޝަން ފުޓްބޯލް އެސޯސިއޭޝަން) ޕްލޭޔަރ އޮފް ދަ އިޔާ ދެ ފަހަރު އަދި އެފްޑަބްލިއުއޭ (ފުޓްބޯލް ރައިޓާރސް އެސޯސިއޭޝަން) ޕްލޭޔަރ އޮފް ދަ އިޔާ ދެ ފަހަރު ކާމިޔާބުކޮށްފައިވެއެވެ.