ޚަބަރު
އަންތާލިޔާ ޑިޕްލޮމަސީ ފޯރަމްގައި ޚާރިޖީ ވަޒީރު ބައިވެރިވެވަޑައިގެންފި

އަންތާލިޔާގައި މިހާރު ކުރިޔަށްދާ "އަންތާލިޔާ ޑިޕްލޮމަސީ ފޯރަމް" ގެ ތެރެއިން ދިޔަ ޕެނަލް ޑިސްކަޝަން، ފޮޓޯ: ހާރިޖީ ވުޒާރާ
ތުރުކީވިލާތުގެ އަންތާލިޔާގައި މިހާރު ކުރިޔަށްދާ "އަންތާލިޔާ ޑިޕްލޮމަސީ ފޯރަމް"ގެ ހަތަރުވަނަ އެޑިޝަންގައި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ބައިވެރިވެވަޑައިގެންފިއެވެ. ހާރިޖީ ވަޒީރު މި ފޯރަމްގައި ބައިވެރިވެވަޑައިގެންނެވީ ތުރުކީވިލާތުގެ ޚާރިޖީ ވަޒީރު، ހަކާން ފިދާންގެ ދަޢުވަތަކަށެވެ.
މި ފޯރަމްގެ ތެރޭގައި ޖަޕާނުގެ ސަސަކާވާ ޕީސް ފައުންޑޭޝަން އާ ގުޅިގެން "ޖިއޯސްޓްރެޓެޖިކް ޑައިނަމިކްސް އިން ދަ އޭޝިއާ ޕެސިފިކް" ގެ ނަމުގައި ބޭއްވި މަތީ ފެންވަރުގެ ޕެނަލް ޑިސްކަޝަންގައި ފޮރިން މިނިސްޓަރު ޑރ.އަބްދުالله ޚަލީލް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ޕެނަލް ޑިސްކަޝަންގައި ޚާރިޖީ ވަޒީރުގެ އަރިހުގައި ސަސަކަވާ ޕީސް ފައުންޑޭޝަންގެ ރައީސް ޑރ.އަޓްސުޝީ ސުނާމީއާއި ސްޓޮކްހޯމް ސެންޓަރ ފޮރ ސައުތު އޭޝިއަން އެންޑް އިންޑޯ ޕެސިފިކް އެފެއާޒްގެ ހެޑް ޕްރޮފެސަރ ޖަގަނަތު ޕަންޑާވެސް ބައިވެރިވެވަޑައިގަތެވެ.
ޕެނަލް ޑިސްކަޝަންގައި ވާހަކަފުޅު ދައްކަވަމުން ޚާރިޖީ ވަޒީރު ވަނީ ދުނިޔެއަށް ކުރިމަތިވަމުންދާ ނުރައްކާތަކުން އަރައިގަތުމަށްޓަކައި މަޝްވަރާ އާއި ޑިޕްލޮމެސީގެ އުޞޫލުތައް އިސްކުރުމުގެ މުހިންމު ރޯލްގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި މި ސަރަޙައްދުގެ ޖިއޮޕޮލިޓިކަލް ލޭންޑްސްކޭޕްގެ ބަދަލުވަމުންދާ ގޮތުގެ މަޢުލޫމާތު ޙިއްޞާކުރައްވައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުދި ޖަޒީރާ ޤައުމުތަކަށް ކުރަމުންދާ ނޭދެވޭ އަސަރުތަކުގެ މައްޗަށް ވާހަކަފުޅުދައްކަވާފައިވެއެވެ.
މީގެ އިތުރުން ދުނިޔެއަށް ކުރިމަތިވަމުންދާ ނުރައްކާތަކުން އަރައިގަތުމަށްޓަކައި ސަރަޙައްދީ އަދި މަލްޓިލެޓަރަލް ޖަމްޢިއްޔާ ޖަމާޢަތްތަކުން އަދާކުރައްވަމުންގެންދަވާ މުހިންމު ދައުރުވެސް ފާހަގަކުރެއްވިއެވެ. ހަމައެހެންމެ ޖިއޮގްރަފީގެ ގޮތުން ދިވެހިރާއްޖޭގެ އޮތް ސަރަޙައްދުގެ ސްޓްރެޓީޖިކް މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ރާއްޖޭގެ ސަލާމަތާއި ތަނަވަސްކަމަކީ، މި ސަރަޙައްދުގެ ފުޅާ ހަމަޖެހުމާ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ކަމެއްކަން ވަޒީރު. ޑރ. ޚަލީލް ފާހަގަކުރެއްވިއެވެ.
މި ފޯރަމްގައި ކުރިއަށްދާ މުހިންމު ބައްދަލުވުންތަކުގެ އިތުރުން، ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާ ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާއި، ޤައުމުތަކުގެ އިސް މަންދޫބުންނާވެސް ޚާރިޖީ ވަޒީރު ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.