ޚަބަރު
ސޭފް ހޯމް ފެސިލިޓީ ތަރައްޤީ ކުރުމަށް ހުޅުމާލެއިން ބިމެއް ގަނެފި

ސޭފް ހޯމް އެޅުމަށް ހުޅުމާލެއިން ބިން ގަނެފައިވަނީ ސަރުކާރުން، ފޮޓޯ: އެޗްޑީސީ
ގެވެށި އަނިޔާ ތަހައްމަލު ކުރަންޖެހިފައިވާ މީހުން ބެއިތިއްބުމަށް ހަދާ "ސޭފް ހޯމް" ފެސިލިޓީއަށް ސަރުކާރުން ބިމެއް ގަނެފިއެވެ.
މި ބިން ގަނެފައި ވަނީ ހުޅުމާލެއިން، 31.5 މިލިއަން ދިވެހި ރުފިޔާގެ އަގަކަށެވެ. ސަރުކާރަށް މި ބިން ވިއްކާފައިވަނީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިންނެވެ.
ފައިސާގެ މި މުޢާމަލާތާ ގުޅިގެން ސިވިލް ކޯޓުން ކޮށްފައިވާ ހުކުމުގައިވާ ގޮތުން މި ބިން އެޗްޑީސީން ވިއްކާފައި ވަނީ މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓާއި، ފިނޭންސް މިނިސްޓްރީއާ އެކު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ. އަދި މިފައިސާ އެޗްޑީސީއަށް ދައްކާ ހަލާސްކޮށްފައިވާކަމަށް ވެސް ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައިވެއެވެ. އެހެންކަމުން މި ބިމުގެ މިލްކުވެރި ފަރާތަކީ މިހާރު މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓެވެ.
ސޭފް ހޯމް އެޅުމަށް ސަރުކާރުން މި ގަތް ބިމަކީ ހުޅުމާލޭ ލޮޓް ނަމްބަރު 11707 (A2-1) އެވެ. އަދި މި ބިމުގެ ބޮޑު މިނުގައި 10،000 އަކަފޫޓު ހުރެއެވެ.
މި ޕްރޮޖެކްޓަކީ 2022 ގައި ރާއްޖެ އާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކާ ދެމެދުވެފައިވާ އެއްބަސްވުމެއްގެ ދަށުން ލިބިފައިވާ އެހީއެއްގައި އަޅާ ފެސިލިޓީއެކެވެ.