ޚަބަރު
މި އަހަރުގެ ޙައްޖަށްފަހު، ގިނަ އަހަރުތަކަކަށް ހައްޖު މޫސުން ދިމާވާނީ ފިނި ދުވަސްވަރާ

ޙައްޖުގެ އަޅުކަމުގައި ހޫނުން ސަލާމަތްވުމަށް ޙައްޖުވެރިއަކު ކުޑަ ނަގައިގެން، ފޮޓޯ: ގެޓީއިމޭޖަސް
މި އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމަށްފަހު ގިނަ އަހަރުތަކެއް ވަންދެން މި ދުވަސްވަރު ދިމާވާނީ ސައުދީ އަރަބިއްޔާއަށް ފިނި މޫސުމާ ކަމުގައި އެ ޤައުމުގެ ނެޝަނަލް މެޓިއޮރޮލޮޖިކަލް ސެންޓަރުން ހާމަކޮށްފިއެވެ.
އެ ސެންޓަރުން ހާމަކޮށްފައިވާ ގޮތުގައި، މި އަންނަ އަހަރުން ފެށިގެން ޙައްޖުގެ އަޅުކަމުގެ ދުވަސްވަރާ އެންމެ ފުރަތަމަ ދިމާވާނީ ބަހާރު މޫސުން (ސްޕްރިންގް)އެވެ. އަދި އެއަށްފަހު އެންމެ ފިނި މޫސުން ކަމުގައިވާ ވިންޓަރއާ ޙައްޖު ދުވަސްވަރާ ދިމާވާނެއެވެ.
އެގޮތުން 2026 އިން 2033 އަށް ޙައްޖު ދުވަސްވަރު ބަހާރު މުސުމާ ދިމާވާއިރު، 2024 އިން ފެށިގެން 2041 އާ ހަމައަށް ޙައްޖު ދުވަސްވަރު ދިމާވާނީ ވިންޓަރއާއެވެ. އަދި އެއަށްފަހު 2042 އިން ފެށިގެން ކުރިޔަށް އޮތް 9 އަހަރު އަނެއްކާ ވެސް ޙައްޖު ދުވަސްވަރު ދިމާވާނީ ހޫނުމޫސުމާއެވެ.
މިދިޔަ އަހަރުގެ މި ދުވަސްވަރު ސައުދީގެ ފިނިހޫނުމިން ހުރީ 46 ޑިގްރީ ސެލްސިއަސްއާ 51 ޑިގްރީ ސެލްސިއަސްއާ ދެމެދުގައެވެ. މި ހޫނުގެ ސަބަބުން އެއް ދުވަހުގެ ތެރޭގައި 2،760 މީހުންނަށް މިކަމުގެ ނޭދެވޭ އަސަރުކޮށް، ގިނަ ބަޔަކު ނިޔާވެފައިވެއެވެ. އެހެންކަމުން މި އަންނަ އަހަރުން ފެށިގެން ހޫނުގެ ސަބަބުން ޙައްޖުވެރިން ތަޙައްމަލް ކުރަމުން އައި ދަތިތަކަށް ލުޔެއް ލިބޭނެއެވެ.