ޚަބަރު
ޝަރީއަތް ނިމެންދެން ބަންދުކުރަން ނިންމުމުން ޝަމްޢާންގެ ފަރާތުން އަނެއްކާ ވެސް ހައި ކޯޓަށް

ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު، ފޮޓޯ: މޯލްޑިވްސް އިމިގްރޭޝަން

ފަރުދުން
14 އޭޕްރީލު 2025، 08:43
14 އޭޕްރީލު 2025، 08:43
މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލަރ ޖެނެރަލްގެ މަޤާމުގައި ކުރިން ހުންނެވި މުޙައްމަދު ޝަމްޢާން ވަޙީދު ޝަރީޢަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކުރުމާ ގުޅިގެން، އެ މައްސަލަ އިސްތިއުނާފު ކުރުމަށް އަނެއްކާ ވެސް ހުށަހަޅައިފިއެވެ.
މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ކޮރަޕްޝަން ހިންގާފައިވާކަމަށް ތުޙުމަތުކޮށް މިދިޔަ މަހުގެ 21 ވަނަ ދުވަހު ބަންދު ކުރުމަށްފަހު، ޖެހިގެން އައި ދުވަހު ކޯޓަށް ހާޒިރުކުރުމުން ޝަމްޢާންގެ ބަންދަށް 15 ދުވަސް ޖެހުމާ ގުޅިގެން އެ މައްސަލަ ވެސް މީގެ ކުރިން ހައި ކޯޓުގައި އިސްތިއުނާފު ކުރުމަށް ހުށަހަޅާފައި ވެއެވެ. ނަމަވެސް އެ ފަހަރު ކޯޓުން ނިންމީ އެ މައްސަލަ ބަލައިނުގަތުމަށެވެ.
އޭގެ ފަހުން، ކޯޓުން ފުރަތަމަ ދިން މުއްދަތު ހަމަވުމުން މި މަހުގެ 6 ވަނަ ދުވަހު ދެވަނަ ފަހަރަށް ކޯޓަށް ގެންދިއުމުން ވަނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރަން އަމުރުކޮށްފައެވެ.
މި މައްސަލައިގައި ޝަމްޢާންގެ ފަރާތުން ހައި ކޯޓަށް މި މަހުގެ 9 ވަނަ ދުވަހު ހުށަހަޅާފައިވާއިރު، އެ މައްސަލަ ބަލައިގަތުމާ ދޭތެރޭ އެ ކޯޓުން އަދި ގޮތެއް ނުނިންމައެވެ.
ޝަމްޢާން ހައްޔަރުކޮށްފައިވަނީ މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަޤާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒް މަންފާ ހޯދަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުންނެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ކުރިން ނެރުނު ނޫސް ބަޔާނުގައި ވަނީ، ޤަވާއިދާއި ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދާ ޑިޓެއިންކުރުމުގެ ޒިންމާ އާންމުކޮށް އަދާކުރަމުންދާ ޓާސްކް ފޯރސް އަދި ރިސްކު މެނޭޖްމަންޓް ސެކްޝަނުގެ މުވައްޒަފުން ނޫން އިމިގްރޭޝަންގެ އެހެން ސެކްޝަންތަކުގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް އެ މުވައްޒަފުންގެ މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން، ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ ގެއެއް ބަލައި ފާސްކޮށް، އަދި އެ ގެއިން ބިދޭސީއަކު ގިނަ އަދަދެއްގެ ނަގުދު ފައިސާއާއެކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ. އަދި އޭގެ ފަހުން ޝަމްޢާންގެ އެންގުމަށް އޭނާ ދޫކޮށްލުމަށްފަހު، އޭނާގެ އަތުގައި ހުރި ފަސް ލައްކައަށް ވުރެ ގިނަ ފައިސާ އަތުލައިގެން ގެންގޮސް ޝަމްޢާން ދިރިއުޅެމުންދާ ގެޔަށް ވެއްދިކަމަށެވެ.
މި މައްސަލާގައި ޝަމްޢާންގެ އިތުރުން، އިމިގްރޭޝަންގެ 3 އޮފިސަރަކު ވަނީ ހައްޔަރުކޮށްފައެވެ.