ޚަބަރު
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް ސަރަޙައްދުތަކުން މިއަދު ކަރަންޓު ކެނޑޭނެ: ސްޓެލްކޯ

ސްޓެލްކޯގެ މުވައްޒަފެއް ---
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައަށް ދިމާވެފައިވާ ކްރިޓިކަލް މައްސަލަތަކެއް ހައްލުކުރުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ފަށާފައިވާ މަސައްކަތުގެ ތެރެއިން، އެ ސަރަޙައްދުގެ އެކި ހިސާބުތަކުން މިއަދު ވެސް ކަރަންޓު ކެނޑޭނެކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
އެ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި މިއަދު ހެނދުނު 10:00 އިން 11:00 އަށް ކަރަންޓު ކެނޑޭނީ ހިޔާ ޓަވަރުތަކުގެ ތެރެއިން H1, H2, H3, H4, H5, H6, H7 އަދި H8 އިންނެވެ. މީގެ އިތުރުން މި ގަޑީގައި ކާމިލް ދީދީ ސްކޫލުން ވެސް ކަރަންޓު ކެނޑޭނެކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.
މި މަސައްކަތުގެ ތެރެއިން މެންދުރުފަހު 13:00 އިން 14:00 އަށް ކަރަންޓު ކަނޑާލުމަށް ހަމަޖެހިފައިވަނީ ވިނަރެސް ފްލެޓް V1, V2, V3, V4, V5, V6, V7, V8, V9 އަދި V10 އިންނެވެ. މި ފްލެޓްތަކުގެ އިތުރުން، އެމްޕީއެލް ޓަވަރުތަކާއި އަދި ސަލާހުއްދީން ސުކޫލުން ވެސް މި ވަގުތުގައި ކަރަންޓު ކެނޑޭނެއެވެ.
މިގޮތަށް ވަކި ގަޑިތަކެއް ކަނޑައެޅިފައިވީނަމަވެސް، މަސައްކަތް ނިމުނުހާ އަވަހަކަށް ކަރަންޓުގެ ޚިދުމަތް އަނބުރާ ދޭނެކަމަށް ސްޓެލްކޯއިން ހާމަކުރެއެވެ.
މި މަސައްކަތުގެ މުހިންމުކަމަށް އަލިއަޅުވާލަމުން ސްޓެލްކޯއިން ބުނެފައިވަނީ މިއީ ޚިދުމަތް މެދުނުކެނޑި، އެންމެ ފުރިހަމަ ގޮތުގައި ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަިނުމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތްތަކެއް ކަމަށެވެ.