ޚަބަރު
ވެލިދޫގައި ޑަޔަލިސިސް ޚިދުމަތް މިއަދު ފަށައިފި

ވެލިދޫ ޑަޔަލިސިސް ސެންޓަރު ---
ނ. ވެލިދޫގައި ޑަޔަލިސިސްގެ ޚިދުމަތް މިއަދު ފަށައިފިއެވެ. މިއީ މަނަދޫގައި ހުންނަ ނ. އަތޮޅު ހޮސްޕިޓަލްގެ އިތުރުން، މި ޚިދުމަތް އެ އަތޮޅުގައި ފެށި ދެވަނަ ރަށެވެ.
މި ޚިދުމަތް ފެށުމާ ގުޅިގެން ވެލިދޫ ސިއްޙީ މަރުކަޒު ހިންގުމާ ހަވާލުވެ ހުންނެވި ސީނިއާރ ޕޮލިޓިކަލް ޑިރެކްޓަރ އަލްފާޟިލާ އާމިނަތު ރުއުފާ "ފަރުދުން" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އެ ސެންޓަރުން މާލެއެކޭ އެއްފެންވަރަށް ޑަޔަލިސިސްގެ ޚިދުމަތް ފޯރުދެވޭނެ ކަމަށެވެ. އެގޮތުން އެ ސެންޓަރުގައި ބޭނުންކުރާނީ، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ބޭނުންކުރާ ފެންވަރުގެ މެޝިންތައް ކަމަށް ވިދާޅުވިއެވެ.
ޚިދުމަތް މި ފެށީ މިކަމަށް ވަރަށް ބޮޑަށް ތައްޔާރުވެގެން. ޚިދުމަތް މިއަދު ފެށިއިރު މިކަމަށް ޙާއްސަ ނަރުހުން ވަނީ ތަމްރީނުކުރެވިފަ. އަދި އިމާރާތުގެ ހުރިހާ މަސައްކަތެއް ނިމި، މަސައްކަތަށް ބޭނުންވާ ހުރިހާ އިކުއިޕްމެންޓެއް ހުރީ ތައްޔާރުވެފައި.
ރުއުފާ ވިދާޅުވިއެވެ.
ވެލިދޫ ޑަޔަލިސިސް ސެންޓަރުގައި ތިން އެނދާއި ތިން މެޝިން ވަނީ ޤާއިމުކޮށްފައެވެ. މީގެ ތެރެއިން އެއް އެނދަކީ އެކަހެރިކޮށްގެން ފަރުވާ ދޭންޖެހޭ ފަރާތްތަކަށް ޙާއްސަ އެނދެކެވެ. އަދި ބާކީ ދެ އެނދު ކަނޑައަޅާފައިވަނީ އާންމު ކޭސްތަކަށެވެ.
މިއަދު މި ޙިދުމަތް ވެލިދޫގައި ފެށިއިރު، އެ ސެންޓަރުން ވަނީ ދެ ބަލިމީހަކަށް ފަރުވާދީފައެވެ. އެއީ ވެލިދޫއަށް ނިސްބަތްވާ މީހަކަށާއި، އެ އަތޮޅު ލަންދޫ މީހަކަށެވެ. މީގެ ތެރެއިން ވެލިދޫއަށް ނިސްބަތްވާ މީހަކީ، ޑަޔަލިސިސް ހަދަން ޖެހުމުގެ ސަބަބުން މާލެ ބަދަލުވުމަށްފަހު، ރަށުން އެ ޚިދުމަތް ލިބެން ފެށުމުން އަނބުރާ ރަށަށް ބަދަލުވި މީހެކެވެ.
ބަލިމީހާގެ ފަރާތުން ވާހަކަ ދެއްކި، ބަލިމީހާގެ ފިރިމީހާ ޢަލީ ނަޖީބު ވިދާޅުވީ، މި ޚިދުމަތް ރަށުން ފެށުމަކީ ވަރަށް ބޮޑު ފަސޭހައެއް ކަމަށާއި، އަދި މިއީ ވަރަށް އިންތިޒާރުކުރި ދުވަހެއް ކަމަށެވެ.
އައު ޚިދުމަތްތައް ފުޅާކުރުމަށް ކުރެވޭ މަސައްކަތްތަކާ އެކުއެކީގައި ޞިއްޙީ ނިޒާމަކީ ދެމެހެއްޓެނިވި ނިޒާމެއްކަން ކަށަވަރުކުރުމަށްޓަކާ މި ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ގެންނަންޖެހޭ ބަދަލުތައް މި ސަރުކާރުން ދަނީ ގެންނަމުންނެވެ.