ކުޅިވަރު
ރާޒުވާގެ ބައިނަލްއަޤްވާމީ މުބާރާތެއްގައި ރާއްޖޭގެ ޖޫނިއާރ ޓީމް ބައިވެރިވަނީ

ވެސްޓާން އޭޝިއާ ޔޫތު ޗެސް ޗެމްޕިއަންޝިޕު 2022 ގައި ރާއްޖޭގެ މުޖާހިދު، ފޮޓޯ: ރާއްޖެއެމްވީ
ތަޖިކިސްތާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ ވެސްޓާން އޭޝިއާ ޔޫތު ޗެސް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ޖޫނިއަރ ގައުމީ ރާޒުވާ ޓީމު ވާދަކުރުމަށް ތައްޔާރުވެއްޖެއެވެ.
އެ ޤައުމުގައި މި މަހުގެ 20-29 އަށް ކުރިޔަށްގެންދިއުމަށް ނިންމާފައިވާ މި މުބާރާތުގައި ފަސް އުމުރުފުރާއަކުން ބައިވެރިވުމަށް ވަނީ ނިންމާފައެވެ. އެއީ 10 އަހަރުން ދަށާއި، 12 އަހަރުން ދަށާއި، 14 އަހަރުން ދަށާއި، 16 އަހަރުންދަށުގެ އިތުރުން 18 އަހަރުންދަށުގެ އުމުރުފުރާއިންނެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ޗެސް އެސޯސިއޭޝަންގެ ހަޒާންދާރު އަލީ ނޫހު ވިދާޅުވީ މި މުބާރާތުގައި ވާދަކުރާނީ ޖޫނިއަރ ގައުމީ ރާޒުވާ ޓީމުގެ ކޮންމެ ކެޓަގަރީއަކުން އެއްވަނަ ކުޅުންތެރިޔާ ކަމަށެވެ.
މި މުބާރާތުގައި މީގެ ކުރިން ވެސް ރާއްޖޭގެ ޓީމުން ވަނީ ބައިވެރިވެފައެވެ. އަދި މިދިޔަ އަހަރު ވާދަކުރި މުބާރާތުގައި ރާއްޖޭގެ ޓީމުންވަނީ 3 ރިހި މެޑެއްޔާއި، 4 ލޯ މެޑަލް ހިމެނޭހެން ޖުމްލަ 7 މެޑެލް ކާމިޔާބުކޮށްފައެވެ.