ޚަބަރު
ވެލިދޫގައި އައިޑީކާޑު ޕްރިންޓުކޮށް ދޫކުރަން ފަށައިފި

ވެލިދޫ ކައުންސިލް އިދާރާ، ފޮޓޯ: ފަރުދުން
ނ. ވެލިދޫގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ފަށައިފިއެވެ. މިއީ އައިޑީ ކާޑުގެ ޚިދުމަތް، ރަށުގައި ޕްރިންޓުކޮށްގެން ދޭންފެށި 16 ވަނަ ރަށެވެ.
މި ޚިދުމަތާ ގުޅިގެން ވެލިދޫ ކައުންސިލުން "ފަރުދުން" އަށް މަޢުލޫމާތު ދެމުން ހާމަކޮށްފައިވާ ގޮތުގައި، މިހާރު އައިޑީ ކާޑަށް ފައިސާދައްކަވާ ދުވަހު އައިޑީ ކާޑު ކައުންސިލުން ދޫކުރާނެއެވެ. އަދި މިކަމަށް ވަކި ޓޯކަން ނަގަން ނުޖެހޭނެކަމަށް ވެސް ކައުންސިލްގެ ފަރާތުން ވަނީ ހާމަކޮށްފައެވެ.
އެހެންކަމުން، އައިޑީކާޑު ޕްރިންޓްކޮށް ނިމުމުން، ކައުންސިލް އިދާރާގެ ރިސެޕްޝަނަށް ދުރުވުމުން ކާޑު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
އަސާސީ މިފަދަ ޚިދުމަތްތައް ހޯދުމަށް މާލެ ނައިސް، އެ ރަށަކުން ނުވަތަ ކައިރި ރަށަކުން އެ ޚިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒެވެ. އަދި މިކަމުގައި ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
އައިޑީކާޑާއި ޕާސްޕޯޓުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަސައްކަތް ރަސްމީކޮށް މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ފެށުމުގެ ކުރިން އައިޑީކާޑު ހެއްދުމުގެ ޚިދުމަތް ދެމުން ދިޔައީ މާލެއިން ޕްރިންޓްކޮށް ރަށްރަށަށް ފޮނުވައިގެންނެވެ. އެހެންނަމަވެސް މިއީ ވަގުތު ނަގާ އަދި އެކަމުގެ ތަކުލީފު ބޮޑުކަމެކެވެ.
އެހެންކަމުން ރައްޔިތުންނާ ގާތުން މި ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސަވާ ނިމިދިޔަ ނޮވެމްބަރު މަހުން ފެށިގެން މިވީ މުއްދަތުގެ ތެރޭގައި އެކި ރަށްރަށުގައި އައިޑީކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް މިހާރުވަނީ ޤާއިމުކޮށްފައެވެ. މިގޮތުން މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް އައިޑީކާޑު ޕްރިންޓުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސަރުކާރުން ކަނޑައަޅާފައިވާ އަމާޒެކެވެ.