ޚަބަރު
ވިލިމާލޭގެ ގޮނޑުދޮށް ގިރާ މައްސަލައިގެ ރިޕޯޓަށް މިނިސްޓްރީން އަވަސް އިޖާބައެއްދީ މަސައްކަތް ފަށައިފި

ވިލިމާލެއިން ގިރަމުންދާ ސަރަޙައްދު، ފޮޓޯ: ޑެޕިއުޓީ މޭޔަރު މުޙައްމަދު އަރީޝް

ފަރުދުން
16 އޭޕްރީލު 2025، 03:59
16 އޭޕްރީލު 2025، 03:59
ވިލިމާލޭގެ ގޮނޑުދޮށް ގިރާ މައްސަލައިގެ ރިޕޯޓު ކުރިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރއިން އަވަސް އިޖާބައެއްދީ، އެކަން ހައްލު ކުރުމުގެ މަސައްކަތް ފަށައިފިކަމަށް، މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު މުޙައްމަދު އަރީޝް ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އަރީޝް ވިދާޅުވީ، އެ މައްސަލަ ރިޕޯޓުކުރީ ވިލިމާލޭގެ އިރުއުތުރު އަދި އިރުދެކުނު ސަރަޙައްދުގެ ގޮނޑުދޮށް ހަލާކުވެ، އެ ސަރަޙައްދުގެ ގަސްތަކަށް ވެސް އެކަމުގެ ނޭދެވޭ އަސަރުކުރަމުން ދާތީކަމަށެވެ.
އަދި މައްސަލަ ރިޕޯޓުކުރިތާ ދެ ގަޑިއިރުގެ ތެރޭގައި އެ މައްސަލައަށް ޙައްލެއް ހޯއްދެވުމުގެ މަސައްކަތް ފަށްޓަވާފައިވާކަމަށް އަރީޝް ވަނީ ވިދާޅުވެފައެވެ.
ވިލިމާލޭގެ އިރުއުތުރު އަދި އިރުދެކުނު ސަރަޙައްދުގެ ގޮނޑުދޮށް ހަލާކުވެ، އެ ސަރަޙައްދުގެ ގަސްތަކަށް ލިބެމުންދާ ގެއްލުން ހުއްޓުވުމަށް ހުށަހެޅުނު މައްސަލައަށް އަވަސް އިޖާބައެއް ދެއްވައި، ދެ ގަޑިއިރުގެ ތެރޭގައި އަމަލީ މަސައްކަތް ފެއްޓެވި ކަމަށްޓަކައި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، އަލްފާޟިލް ޑރ. ޢަބްދުﷲ މުއްޠަލިބަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ.
މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު މުޙައްމަދު އަރީޝް ސޯޝަލް މީޑިއާގައި ޙިއްސާ ކުރެއްވި މެސެޖުގައި ވެއެވެ.
މީގެ އިތުރުން، ތިމާވެށީގެ މިފަދަ މައްސަލަތަކަށް އަވަސް އަދި ދާއިމީ ޙައްލެއް ހޯއްދެވުމަކީ މުހިންމު ކަމެއް ކަމަށާއި، ވިލިމާލެއަށް ދިމާވެފައިވާ ތިމާވެށީގެ މި މައްސަލައަށް އަވަސް ޙައްލެއް ހޯދުމަށް ކުޑަހިނދުކޮޅެއްގެ ތެރޭގައި މިނިސްޓްރީއިން މަސައްކަތް ފެށުމުން، މިނިސްޓަރުގެ ލީޑަރޝިޕް ހާމަވެގެންދިޔަކަމަށް އަރީޝް ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރއިން ވަނީ މިހާރު އެ ސަރަޙައްދުތަކުގައި ޖިއޯބޭގް ޖެއްސުމުގެ މަސައްކަތް ފަށާފައެވެ.