ޚަބަރު
ށ. އަތޮޅުގައި މޭވާ ގަސް އިންދުމުގެ ޕްރޮގްރާމެއް ފުލުހުން ފަށައިފި

ށ. އަތޮޅުގައި މޭވާ ގަސް އިންދުމުގެ ޕްރޮގްރާމް ފެށުން، ފޮޓޯ: ޕޮލިސް

ފަރުދުން
17 އޭޕްރީލު 2025، 11:25
17 އޭޕްރީލު 2025، 11:25
ށ. އަތޮޅުގައި މޭވާ ގަސް އިންދުމުގެ ޕްރޮގްރާމެއް ފުލުހުން ފަށައިފިއެވެ.
މިއީ ފުލުހުންގެ 92 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގައި ފުލުހުން ގާއިމުވެތިބި ހުރިހާ ސަރަހައްދެއްގައި މޭވާ ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ކޮމިޝަނަރ އޮފް ޕޮލިސް ނިންމާފައިވުމާ ގުޅިގެން އެ އަތޮޅުގައި ފެށި ޕްރޮގްރާމެކެވެ.
އެގޮތުން، އެ އަތޮޅު ކޮމަންޑޫ އާއި ފޯކައިދޫ އަދި ފޭދޫގައި ވެސް ފުލުހުންނާއި ސިވިލް މުވައްޒަފުން ބައިވެރިވެ މޭވާ ގަސް އިންދުމުގެ ހަރަކާތް ކުރިއަށް ގެންގޮސްފައިވެއެވެ.
މީގެ އިތުރުން، ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމެއް މިދިޔަ އަހަރުގެ ތިމާވެށީގެ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ފައްޓަވާފައެވެ.
ފަސް މިލިޔަން ގަސް އިންދުމުގެ މި ޕްރޮގްރާމްގައި އިންދަނީ ރާއްޖެއިން މަދުން ފެންނަ އެކި ބާވަތުގެ ގަސްގަހާގެއްސާއި ހިޔާ ލިބޭ ގަސްގަހާގެއްސެވެ. އަދި އެކި ބާވަތުގެ ކާނާ ލިބޭ ޖުމްލަ 90 ބާވަތެއްގެ ގަސް އިންދުމަށް ކަނޑައަޅުއްވާފައިވެއެވެ.
މި ޕްރޮގްރާމުގެ މަޤްޞަދަކީ ރާއްޖެއިން ނެތެމުންދާ ގަސްތައް އަލުން އާލާކުރުމާއި ފެހިކަން އިތުރުކޮށް މާހައުލީ ނިޒާމު ދަމަހައްޓައިމޫސުމީ ބަދަލުތަކަށް ވިލުންތެރިކަން އިތުރުކުރުމެވެ.