ވިޔަފާރި / ޚަބަރު
ޖީއެސްޓީ ނުދައްކާ ގިނަ ޢަދަދެއްގެ ބައެއްގެ ނަން ޢާންމުކޮށްފި

މޯލްޑިވްސް އިންލޭންޑް ރެވެނިޔު އޮތޯރިޓީގެ އޮފީސް. ފޮޓޯ: މީރާ
ޖީއެސްޓީ ނުދައްކާ ގިނަ ޢަދަދެއްގެ ބައެއްގެ ނަން މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ އިން އާންމުކޮށްފިއެވެ.
މީރާއިން ޢާންމުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު ބަހާއި ހަމައަށް ޖީއެސްޓީ ދައްކަން ޖެހޭ މުއްދަތަށް ޖީއެސްޓީ ދައްކައިފައިނުވާ 146 މީހެއްގެ ނަމެވެ.
މީރާއިން ހާމަކޮށްފައިވަނީ މުދަލާއި ޚިދުމަތުން ނަގާ ޓެކްސް ނުދައްކާ ފަރާތްތަކުގެ ނަންތަކެވެ. ނަން އާންމުކޮށްފައިވާ ފަރާތްތަކަކީ ދައްކަން ޖެހޭ ޓެކުހުގެ އަދަދު 600،000 އަށް ވުރެ މަތިވެފައިވާ ފަރާތްތަކެވެ.
މި ފަރާތްތަކުން ދައްކަން ޖެހޭ ޓެކުހުގެ ސީދާ އަދަދެއް މީރާއިން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މި ހުރިހާ ފަރާތްތައް ދައްކަން ޖެހޭ ޖުމްލަ އަދަދު މަދުވެގެން 87.6 މިލިޔަން ރުފިޔާއަށް އަރާނެ ކަމަށް މީރާއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައެވެ.
ޓެކްސް ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރާ އުސޫލުގެ ދަށުން މީރާއިން އެ ކުންފުނިތަކުގެ ލިސްޓު އާންމުކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މި ލިސްޓުގައި ރާއްޖޭގައި ހޯލްސޭލް ވިޔަފާރި ކުރާ ކުންފުތިކާއި، މަޝްހޫރު އުޅަނދު ވިއްކާ ވިޔަފާރިތައް ފަދަ ތަންތަންވެސް ހިމެނެއެވެ.
މީރާއިން ޓެކްސް ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރަނީ އެ ފަރާތްތަކުގެ ނަން ހާމަކުރުމުގެ ކުރިން ފައިސާ ދެއްކުމަށް ތަކުރާރުކޮށް ހަނދާންކޮށްދީ ތަފާތު ނޯޓިސްތައް ފޮނުވައި އިތުރު މުއްދަތުތަކާއި ފުރުސަތުތައް ވެސް ދިނުމަށް ފަހުއެވެ. އަދި އުސޫލުގެ ތެރެއިން ތަފާތު އެކި ލުއިތައް އެފަރާތްތަކަށް ފަހިކޮށްދެއެއެވެ.