ކުޅިވަރު
ޗެސް އެސޯސިއޭޝަންގެ ރައީސަކަށް ނޫހު އިންތިހާބުކޮށްފި

އެމްސީއޭގެ ރައީސަކަށް އިންތިހާބުވި ޢަލީ ނޫޙު، ފޮޓޯ: ޕީއެސްއެމް ނިއުޒް

ފަރުދުން
28 އޭޕްރީލު 2025، 02:19
28 އޭޕްރީލު 2025، 02:19
މޯލްޑިވްސް ޗެސް އެސޯސިއޭޝަން (އެމްސީއޭ)ގެ ރައީސަކަށް ޢަލީ ނޫޙު އިންތިހާބުކޮށްފިއެވެ. އެ އެސޯސިއޭޝަންގެ ހަޒާންދާރުގެ މަޤާމުގައި ކުރިން ހުންނެވި ނޫޙު އެސޯސިއޭޝަންގެ ރައީސްގެ މަޤާމަށް އައްޔަންކުރީ ހޮނިހިރު ދުވަހުގެރޭ ބޭއްވި ބައި-އިލެކްޝަންގައެވެ.
ހުޅުމާލޭ ޗެސް އާރކޭޑްގައި ކުރިއަށްދިޔަ އިންތިޚާބުގައި އެމްސީއޭގެ ރައީސް ހޮވުމަށް ނެގީ ފެންނަ ނުފެންނަ ވޯޓެކެވެ. އެއީ އެ މަޤާމަށް އެހެން ފަރާތަކުން ކުރިމަތިލާފައި ނުވާތީއެވެ.
މި އިންތިޚާބުގައި އެކްސްކޯއަށްވެސް މެމްބަރަކު އިންތިޚާބުކުރެވުނެވެ. އެމަގާމަށް އަލަށް އިންތިޚާބުކުރެވުނީ މުހައްމަދު ފަޒީލް ހުސައިންއެވެ.
އެމްސީއޭގެ މެންބަރު 9 ކްލަބު އޮވެއެވެ. ނަމަވެސް އިންތިޙާބުގައި ބައިވެރިވީ 6 ކްލަބުންނެވެ.
އެމްސީއޭގެ ރައީސްކަމުގައި ކުރިން ހުންނެވި ހުސައިން ޝިޔާން މިއަހަރުގެ ފެބްރުއަރީ މަހުގެ 26ގައި ކުއްލިގޮތަކަށް އިސްތިއުފާދެއްވުމާ ގުޅިގެން އެސޯސިއޭޝަން ހިންގަވަމުން ގެންދެވީ އެމްސީއޭ ނައިބު ރައީސްއަކަށް ހުންނެވި މަރްޔަމް ދޫމާ މޫސާއެވެ. އެމްސީއޭގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން ޝިޔާން އިސްތިއުފާ ދެއްވާފައިވަނީ އެ ޖަލްސާގައި ބައިވެރިވި ހަ ކުލަބުން އޭނާ އެމަގާމުގައި ބެހެއްޓުމަށް ނުފެންނަ ކަމަށް މައްސަލަ ހުށަހަޅާފައިވަނިކޮށެވެ.
އެމްސީއޭގެ އަހަރީ ކަލަންޑަރުގައި ގިނަ ހަރަކާތްތަކެއް މިއަހަރަށް ރާވާފަވާއިރު، ދެން އެންމެ އަވަހަށް ބޭއްވުމަށް މަސައްކަތްކުރަމުން އަންނަނީ ރާޒުވާގެ ކުލަބު މުބާރާތެވެ. މި މުބާރާތްވަނީ މިދިޔަ އަހަރު ދިމާވި ދަތިތަކާހުރެ ބޭއްވޭ ގޮތް ނުވެފައެވެ. މި މުބާރާތް މިއަހަރުގެ ޖޫންމަހު ބާއްވަން މަސައްކަތްކުރަމުން އަންނައިރު، އެމަހުގެ ތެރޭގައި އިންޓަރ ސްކޫލް ރާޒުވާ މުބާރާތްވެސް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ނޫހުވަނީ މައުލޫމާދެއްވާފައެވެ.