ޚަބަރު
ރައުދުގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

ރައުދު އަހްމަދު ޒިލާލް ---
މި މަހުގެ 18 ވަނަ ދުވަހުގެރޭ ހ. ފެންޓެނޯއީ ގެއިން ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ޔުމްނުގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި، އުމުރުން 21 އަހަރުގެ ރައުދު އަހްމަދު ޒިލާލްގެ ބަންދަށް އިތުރު 10 ދުވަސް ކްރިމިނަލް ކޯޓުން މިއަދު އިތުރުކޮށްފިއެވެ.
ގ. އެރިޔަދޫ އުމުރުން 21 އަހަރުގެ ރައުދު ހައްޔަރުކުރީ ހާދިސާ ހިނގިތާ 6 ވަނައަށްވީ ދުވަހު، އެޕްރީލް 24 ގައެވެ. އަދި ޖެހިގެން އައި ދުވަހު ކޯޓަށް ގެންދިއުމުން އޭނާ 5 ދުވަހަށް ބަންދުކުރުމަށް އަމުރުކުރިއެވެ. އަދި އޭގެ ފަހުން މިއަދަށް ރައުދުގެ ބަންދުގެ މުއްދަތު ހަމަވާތީ ކޯޓަށް ގެންދިއުމުން، އިތުރު 10 ދުވަހަށް އޭނާ ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ރައުދުގެ މައްޗަށް ފުލުހުން ގިނަ ތުހުމަތުތަކެއް ކުރެއެވެ. އޭގެ ތެރޭގައި ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭކަމުގެ ތުހުމަތާއި، އެ ހާދިސާ ހިނގި ވަގުތު އޭނާ މަސްތުގެ ހާލަތުގައި ހުރުމާއި އަދި ބަދުއަޚުލާގީ ޢަމަލު ހިންގިކަމުގެ ތުހުމަތު ވެސް ވަނީ އޭނާގެ މައްޗަށް ކޮށްފައެވެ.
ނޫސްވެރިންނަށް މަޢުލޫމާތު ދިނުމަށް ފުލުހުން ބޭއްވި ބައްދަލުވުމުގައި ވިދާޅުވީ، އަންހެން މީހާ ވެއްޓުނުކަމަށް ބެލެވޭ އިމާރާތުގައި އެވަގުތު އޭނާއާއެކު ރައުދު އުޅުފައިވާކަމަށެވެ. އަދި މި ދެ މީހުން އެއްކޮށް އެ ގޭގައި އުޅޭ މަންޒަރު ފެންނަ ވީޑިއޯ ފުޓޭޖްތައް ވެސް ފުލުހުން ވަނީ އާންމުކޮށްފައެވެ.
އިތުރަށް ފުލުހުން ހާމަކުރެއްވި ގޮތުގައި، ރައުދު އާއި ޔުމްނު އެރޭ އިތުރު ދެ ގެއަކަށް ގޮސްފައިވާ ކަމަށާއި އެ ދެ މީހުންނާއެކު އެ ރޭ އިތުރު ބަޔަކުވެސް އުޅުނުވެ. އެގޮތުން މި މައްސަލައިގައި ހިމެނޭ ހުރިހާ ފަރާތްތަކެއްގެ ބަޔާން ނަގައި، އެ މީހުންނަށް ރާއްޖެއިން ބޭރަށް ނުދެވޭގޮތަށް ޕާސްޕޯޓް ވަނީ ހިފަހައްޓާފައެވެ.
މީގެ އިތުރުން، ވެއްޓުނު 21 އަހަރުގެ އަންހެން މީހާ ހިމެނޭހެން 7 މީހެއްގެ ފޯނުވެސް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ ހިފަހައްޓާފައެވެ. އަދި މި މައްސަލައާ ގުޅިގެން ޔުމްނު އެރޭ ހަރަކާތްތެރިވިކަމަށް ބެލެވޭ މއ. މާންދޫގެ ދެކުނުގޭގެ ޓެރަސްއާއި އެގޭ ދެވަނަ އަދި ހަތަރުވަނަ ފަންގިފިލާ އަދި ގ. ކަށިވެލިގޭގެ ތިންވަނަ ފަންގިފިލާ ބަލައި ފާސްކޮށްފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
އޭގެފަހުން، މި މައްސަލަ މިނިވަންކަމާއެކު ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ރިޔާސީ ކޮމިޝަނެއް ވެސް އުފައްދަވާފައެވެ. އެ ކޮމިޝަނުގެ މަސައްކަތްތައް މިހާރު ފަށާފައިވާކަމަށް، ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއަދު ވަނީ ހާމަކޮށްފައެވެ.