ދުނިޔެ
ހޮންގ ކޮންގ އިންޓަނޭޝަނަލް އެއަރޕޯޓު: ދޮންކެޔޮވަކެއްވެސް 10 ޑޮލަރަށް

ހޮންކޮންގް އިންޓަރނޭޝަނަލް އެއަރޕޯޓް ފޮޓޯ: އިންޓަނެޓް
ހޮންގ ކޮންގ އިންޓަނޭޝަނަލް އެއަރޕޯޓަކީ ދުނިޔޭގެ އެންމެ އަގުބޮޑު އެއް އެއަރޕޯޓްކަމަށް ވަނީ ފާހަގަކުރެވިފައެވެ. މި އެއަރޕޯޓް އިމާރާތްކުރުމަށް ޖުމްލަ 20 ބިލިއަން އެމެރިކާ ޑޮލަރު ޚަރަދުވެފައިވާކަމަށް ވަނީ ރިޕޯޓުކުރެވިފައެވެ.
1991 ވަނަ އަހަރު ފެށުނު މި މަޝްރޫޢު ނިމި، އާންމުންނަށް ހުޅުވާލެވުނީ 1998 ވަނަ އަހަރުގެ ޖުލައި 6 ވަނަ ދުވަހުއެވެ. މި އެއަރޕޯޓް އިމާރާތްކުރުމަށް "ޗެކް ލަޕް ކޮކް" ނަމަކަށް ކިޔާ އާޓިފިޝަލް ޖަޒީރާއެއް ހެދުމާއެކު، 31 ކިލޯމީޓަރުގެ ދިގު ރޭލްވޭއަކާއި ބިމުގެ އަޑިން ދަތުރުކުރެވޭ ޓަނަލްތަކެއްވެސް ވަނީ އިމާރާތްކޮށްފައެވެ. މީގެ އިތުރުން، މުވައްޒަފުންނަށް ދިރިއުޅެވޭނެ އައު ސިޓީއެއްވެސް ވަނީ ތަރައްޤީކޮށްފައެވެ.
މި އެއަރޕޯޓަކީ ހަމައެކަނި އެއަރޕޯޓެއްގެ ގޮތުގައި ތަރައްޤީކުރެވުނު ތަނެއްނޫނެވެ.މިއީ ފުރިހަމަ އޭވިއޭޝަން ސިޓީއެއްގެ ގޮތުގައި ތަރައްޤީކޮށްފައިވާ ތަނެކެވެ. މީގެ ތެރޭގައި ބޮޑު ދެ ރަންވޭއާއި، އޮޓޮމޭޓެޑް ޗެކް-އިން ސިސްޓަމްތަކާއި، ބައިނަލްއަޤްވާމީ ފެންވަރުގެ ރެސްޓޯރަންޓްތަކާއި ޝޮޕިންގ މޯލްތަކާއި، ކުޑަކުދިންނަށް ޚާއްޞަ މުނިފޫހިފިލުވުމުގެ ސަރަޙައްދުތަކާއި، ދުނިޔޭގެ އެންމެ އުސް ކޮންޓްރޯލް ޓަވަރުތަކުގެ ތެރެއިން އެއް ޓަވަރު ހިމެނެއެވެ.
މި އެއަރޕޯޓުގެ އަގުބޮޑުކަން ފާހަގަކުރެވެނީ ހަމައެކަނި އިމާރާތްކުރުމަށް ހިނގި ޚަރަދުތަކަށް ނުވަތަ ވަސީލަތްތަކަށް އެކަނި ނޫނެވެ. އެއަރޕޯޓުން ލިބެންހުންނަ އާދައިގެ ތަކެތީގެ އަގުވެސް ވަރަށް ބޮޑުވެފައިވާކަން ފާހަގަކުރެވެއެވެ. މިސާލަކަށް، އެންމެ ދޮންކެޔޮއެއް ނުވަތަ އާފަލެއްގެ އަގު 10 އެމެރިކާ ޑޮލަރާ ހަމައަށް އަރާފައިވާކަމަށް ވަނީ ރިޕޯޓުކުރެވިފައެވެ.
ހޮންގ ކޮންގ އިންޓަނޭޝަނަލް އެއަރޕޯޓަކީ އިންޖިނިއަރިންގގެ ގޮތުން ފާހަގަކޮށްލެވޭ ތަނަކަށްވުމުގެ އިތުރުން، ދުނިޔޭގެ އެންމެ ތަރައްޤީވެފައިވާ އަދި މާލީގޮތުން އެންމެ ފުދުންތެރި އެއަރޕޯޓުތަކުގެ ތެރެއިން އެއް އެއަރޕޯޓެވެ. މިއީ ޒަމާނީކަމާއި ފަސޭހަކަމުގެ ޙަޤީޤީ ނިޝާނެކެވެ.