ޚަބަރު
ހުޅުމާލެ އޮރެންޖު ހިޔާގެ މަސައްކަތް ނިންމައި ހެލްތު މިނިސްޓްރީއާ ހަވާލުކޮށްފި

އޮރެންޖު ހިޔާގައި ސިފައިން ލޭ ހަދިޔާ ކުރަނީ، ފޮޓޯ: އެމްއެންޑީއެފް
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ގައުމީ ޚާއްޞަ މަސައްކަތެއްގެ ގޮތުގައި ސިފައިންނާ ހަވާލުކުރި އޮރެންޖު ހިޔާގެ މަސައްކަތް ނިންމުމަށްފަހު ހެލްތު މިނިސްޓްރީއާ މިއަދު ހަވާލުކޮށްފައިވާކަމަށް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފްއިން ހާމަކޮށްފިއެވެ. އެގޮތުން ތެލެސީމިއާ ސެންޓަރު މިހާރު ވަނީ އޮރެންޖު ހިޔާއަށް ބަދަލުކުރެވިފައިކަމަށް ވެސް އެމްއެންޑީއެފްއިން ވަނީ ހާމަކޮށްފައެވެ.
ތެލަސީމިއާ ސެންޓަރާއި ގުޅިފައިވާ ގިނަ ޝަކުވާތަކާއި ކަންބޮޑުވުންތަކެއް ހުރިއިރު، އެ ސެންޓަރު ބަދަލު ކުރުމަށް ހުޅުމާލޭގައި އިމާރާތް ކުރަމުންދިޔަ އޮރެންޖު ހިޔާގެ މަސައްކަތް އެކަށިގެންވާ ގޮތަށް ކުރިއަށް ނުދާކަން ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށް އައިސްފައިވާތީ، އެ މަސައްކަތް ސިފައިންނާއި ހަވާލުކޮށްފައިވަނީ މިދިޔަ މާޗު މަހުގެ ތެރޭގައެވެ.
ރައީސުލްޖުމްހޫރިއްޔާ، ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު، ގައުމީ ޚާއްޞަ މަސައްކަތެއްގެ ގޮތުގައި ސިފައިންނާ ހަވާލުކުރައްވައިގެން ތެލެސީމިއާ ސެންޓަރު ހުޅުމާލޭ އޮރެންޖްހިޔާއަށް ބަދަލުކުރުމަށް ފެށި މަސައްކަތް ނިންމައި، މިއަދު މިނިސްޓްރީ އޮފް ހެލްތާ ހަވާލުކޮށްފި. pic.twitter.com/HFWg9KJryT
— Maldives National Defence Force (@MNDF_Official) May 8, 2025
މި މަސައްކަތް ސިފައިންނާ ހަވާލުކުރިއިރު އެ ތަނުގެ އެތެރޭގެ ސްޓްރަކްޗަރގެ ބޮޑުބައެއް އޮތީ ނުނިމިއެވެ. އެހެންކަމުން އެމްއެންޑީއެފް ސަރވިސް ކޯރގެ މިލިޓަރީ އިންޖިނިއަރުންނާއި ހަވާލުކޮށް، އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރުންނާއި އަދި ސިގްނަލްސްގެ ޓެކްނިކަލް ސިފައިން ވަނީ މި މަސައްކަތަށް ނިކުމެ، އިމާރާތުގެ ކަރަންޓާއި އޭސީގެ މަސައްކަތްތަކާއި އަދި އައިޓީސީއާ ގުޅުންހުރި ހުރިހާ މަސައްކަތެއް ނިންމުމުގެ މަސައްކަތް ފަށާފައެވެ.
މީގެ އިތުރުން އިމާރާތުގައި ޢަމަލީ މަސައްކަތް ފެށުމުގެ ކުރިން، އެމްއެންޑީއެފް އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރސްގެ ޑިޒައިނިން ޓީމުން އަލުން އެ ސެންޓަރުގެ ޑިޒައިނަށް ކުޑަކުދިން ގަޔާވާ ކަހަލަ ބައެއް ބަދަލުތައް ގެނައިކަމަށް ވެސް އެމްއެންޑީއެފްއިން ވަނީ އޭރު ހާމަކޮށްފައެވެ.
ހަމައެއާއެކު، އޮރެންޖު ހިޔާއަށް ދަތުރުކުރުމުގައި ފަސޭހަކޮށްދިނުމުގެ ގޮތުން، މޯލްޓިވްސް ޓްރާންސްޕޯޓު އެންޓް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އިން ވަނީ އޮރެންޖު ހިޔާއަށް ޚާއްސަކޮށްގެން ބަސް ހުއްޓިއެއް އިތުރުކޮށް، މި މަހުގެ 5 ވަނަ ދުވަހުން ފެށިގެން އެ ރޫޓުގެ ދަތުރުތައް ފަށާފައެވެ.
މި އިމާރާތް ނިމުމާއެކު ތެލެސީމިއާ ސެންޓަރަށް ތެލަސީމިއާ ކުދިންނާއި އެކުދިންގެ އާއިލާތަކަށް ދަތުރުކުރެވޭނެ ފަސޭހަ އިންތިޒާމުތަކެއް ކަނޑައަޅުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ތެލަސީމިއާ ސެންޓަރުގެ ބައެއް ޚިދުމަތްތަކާއި ގުޅިގެން ތެލަސީމިއާ ކުދިންނާއި އެކުދިންގެ ބެލެނިވެރިންގެ ކަންބޮޑުވުންތައް ފާޅުކުރުމާއި ގުޅިގެން މައްސަލަތައް ހައްލުކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ދެއްވި އިރުޝާދުގައެވެ.
ރާއްޖޭގައި އޮތް ތެލަސީމިއާގެ ޙާލަތު ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަޢުދުވެވަޑައިގަންނަވާފައިވާ ސްޓޭޓް އޮފް ދަ އާޓް ތެލަސީމިއާ ހޮސްޕިޓަލުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް ސަރުކާރުން ވިދާޅުވެއެވެ. މިގޮތުން ޢަމަލީ މަސައްކަތް ފެށުމަކާއި ގާތްވެފައިވާކަން ސަރުކަރުން ފާހަގަކުރައްވައެވެ.