ޚަބަރު
ނަޑެއްލާއިން މީހަކު ގެއްލިގެން އެމީހާ ހޯދުމުގެ މަސައްކަތް ފަށައިފި

ގެއްލިގެން ހޯދަމުންދާ ހދ. ނޮޅިވަރަން / ސުހާނީ، އާދަމް އިބްރާހިމް (34އ) ---
ގދ. ނަޑެއްލާއިން ދިވެއްސަކު ގެއްލުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ފަށައިފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ގެއްލިގެން ހޯދަމުން ދަނީ ހދ. ނޮޅިވަރަން، ސުހާނީ، އުމުރުން 34 އަހަރުގެ އާދަމް އިބްރާހިމެވެ.
މި މީހާ ނަޑެއްލާއަށް ގޮސްފައި ވަނީ މި މަހުގެ 11 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ހާއިރެވެ. ނަޑެއްލާއަށް ކައިރިކުރި "އިތުބާރު" ނަމަކަށް ކިޔާ ދޯނިން އެ ރަށަށް ފޭބުމަށްފަހު އަނބުރާ އޭނާ ދޯންޏަށް އައިސްފައިނުވާތީ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ ރޭ 10:30 ހާއިރުކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
މި ރިޕޯޓާ ގުޅިގެން ފުލުހުންގެ ޓީމެއް ރޭގެ ވަގުތެއްގައި އެ ރަށަށް ގޮސް އެ މީހާ ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ. އަދި އެ ރަށުގެ އިތުރުން، އެ ރަށް ކައިރީގައި އޮންނަ ފަޅު ރަށްތައް ބަލާފައިވާކަން ވެސް ފުލުހުން ހާމަކުރެއެވެ.
މި މީހާއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ގދ. ރަތަފަންދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 7909311 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.