ވިޔަފާރި / ޚަބަރު
އޭޓީއެމްގެ ޚިދުމަތް ނ އަތޮޅުގެ ހުރިހާ ރަށަކަށް ފުޅާކޮށްފި

ނ. އަތޮޅުގައި އޭޓީއެމް ޚިދުމަތް ފުޅާކުރުމަށް ބޭއްވުނު ރަސްމިއްޔާތެއްގެ ތެރެއިން، ފޮޓޯ: ބީއެމްއެލް
ނ. އަތޮޅުގެ އިތުރު 7 ރަށަށް އޭޓީއެމް ތަޢާރަފްކޮށް، ސެލްފް ސާރވިސް ބޭންކިންގެ ޚިދުމަތް މުޅި ނ އަތޮޅަށް ފުޅާކޮށްފިއެވެ.
ނ. އަތޮޅުގައި އަލަށް އޭޓީއެމްގެ ޚިދުމަތް ފަށާފައި ވަނީ ހެނބަދޫ، ލަންދޫ، ކުޑަފަރީ، މާޅެންދޫ، ޅޮހި، މަގޫދޫ އަދި ފޮއްދޫގައެވެ. މިއާއެކު ނ. އަތޮޅަކީ މުޅި އަތޮޅަށް އޭޓީއެމްގެ ޚިދުމަތް ފުޅާކުރެވުނު ތިންވަނަ އަތޮޅެވެ. މުޅި އަތޮޅަށް އޭޓީއެމްގެ ޚިދުމަތް ދެން ފުޅާކުރެވިފައިވަނީ ހއ. އަތޮޅާއި ދ. އަތޮޅަށެވެ.
މި ކާމިޔާބާ ގުޅިގެން މިނިސްޓަރ އޮފް އިކޮނޮމިކް އެންޑް ޓްރޭޑް، އަލްފާޟިލް މުޙައްމަދު ސަޢީދު ވިދާޅުވީ، މިއީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު, ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ބޭންކިންގެ ޚިދުމަތް ފުޅާ ކުރެއްވުމަށް ވެވަޑައިގެންނެވި ވަޢުދުފުޅުގެ ތެރޭގައި ހިމެނިގެން ހާސިލްކުރެވުނު ކާމިޔާބެއް ކަމަށެވެ.
މި ކާމިޔާބާ ގުޅިގެން މިނިސްޓަރު ސަޢީދު ވަނީ، މި އޭޓީއެމްތަކުގެ ސަބަބުން އެ ރަށްތަކުގައި ދިރިއުޅޭ އާންމު ރައްޔިތުންނަށް ފަސޭހަވެގެން ގޮސްފައިވާ މިންވަރު ހާމަކުރެއްވުމަށް ބައެއް ތަފާސް ހިސާބުވެސް ސޯޝަލް މީޑިއާގައި ޙިއްސާ ކުރައްވާފައެވެ.
އެގޮތުން ދ އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމް ޤާއިމްކޮށް މީގެ ދެ މަހެއް ކުރިން ނިންމާލެވުނުއިރު، މިދިޔަ އެޕްރީލް މަހުގެ ނިޔަލަށް އެ އޭޓީއެމްތަކަށް 14 މިލިއަން ރުފިޔާ ޖަމާކޮށްފައިވާކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މަޢުލޫމާތު ލިބިފައިވާކަމަށް ހާމަކުރެއްވިއެވެ.
ހަމަ އެގޮތަށް، ހއ. އަތޮޅުގައި ބަހައްޓާފައިވާ އޭޓީއެމްތައް މެދުވެރިކޮށް ކޮށްފައިވާ މުޢާމަލާތްތައް ވެސް ހާމަކުރައްވާފައިވެއެވެ.
ބީއެމްއެލްއިން މަޢުލޫމާތު ލިބިފައިވާގޮތުގައި، ހއ އަތޮޅުގައި ބަހައްޓާފައިވާ އޭޓީއެމްތަކުން މިދިޔަ އޭޕްރިލް މަހުގެ ނިޔަލަށް ފައިސާ ޖަމާކުރުމަށްވަނީ 8000 މުއާމަލާތް ހިންގާފައި އެއީ 45 މިލިއަން ރުފިޔާގެ މުއާމަލާތްތައް. އެ އަތޮޅުގައި ފައިސާ ނެގުމަށް ވަނީ 27،000 މުއާމަލާތް ކުރެވިފައި. އެއީ 52 މިލިއަން ރުފިޔާގެ މުއާމަލާތް. މިއީ ގާތްގަނޑަކަށް 5 ހަފްތާތެރޭ ކޮށްފަައިވާ މުއާމަލާތް. މިނިސްޓަރ ސަޢީދު ޙިއްސާކުރައްވާފައި ވެއެވެ.
މީގެ އިތުރުން، މާލެ ފިޔަވާ އަތޮޅުތެރޭގައި ޤާއިމުކޮށްފައިވާ އޭޓީއެމްތަކުން 1.3 ބިލިއަން ރުފިޔާގެ މުއާމަލާތް ކޮށްފައިވާކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ބޭންކް އޮފް މޯލްޑިވްސްއިން ވަނީ މިހާތަނަށް މުޅި ރާއްޖޭގައި 114 ސެލްފްސަރވިސް ބޭންކިންގ ސެންޓަރުގެ އިތުރުން 172 އޭޓީއެމް ޤާއިމްކޮށްފައެވެ.