ޚަބަރު
ފުރަތަމަ ދައުރު ނިންމުމަށްފަހު މަޖިލިސް ދެ ހަފްތާގެ ޗުއްޓީއަކަށް

ރައްޔިތުންގެ މަޖިލިސް ---
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފަހު ޖަލްސާ މިއަދު ބޭއްވުމަށްފަހު، ދެ ހަފްތާގެ ޗުއްޓީއަކަށް މަޖިލިސް ގޮސްފިއެވެ.
މިއަދުގެ ޖަލްސާ ނިންމާލައްވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، މިއަދަކީ މި ދައުރުގެ ފަހު ޖަލްސާ ކަމަށެވެ. އަދި މި އަހަރުގެ ފެބުރުއަރީ މަހު ފެށި މި ދައުރުގައި 9 ބިލެއް ވަނީ ނިންމާފައެވެ.
މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން، މަޖިލީހުގެ ޖަލްސާތައް ކޮންމެ އަހަރަކު ބަހާލާފައި ވަނީ ތިން ދައުރަކަށެވެ. އެގޮތުން ފުރަތަމަ ދައުރު ފެބުރުއަރީން 15 މެއިއަށް ކުރިޔަށްދާއިރު، ދެވަނަ ދައުރު ކުރިޔަށް ދާނީ ޖޫންއިން އޯގަސްޓު 15 އަށެވެ. އަދި އަހަރުގެ ފަހު ދައުރު އޮންނަނީ އޮކްޓޯބަރުން ނޮވެންބަރަށެވެ.
މި ދައުރުގެ ޖަލްސާތަކުގެ ތަފާސް ހިސާބުތަކަށް ބަލާލާއިރު، ޖުމްލަ 32 ޖަލްސާ ވަނީ ބާއްވާފައެވެ. އަދި 193 ކޮމެޓީ ބައްދަލުވުން ބާއްވައި، 59 ގަޑިއިރު ޖަލްސާތަކުގައި ހޭދަކޮށް އަދި 9 ބިލު ވަނީ ފާސްކޮށްފައެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައި އޮތް ޖުމްލަ %77 މަސައްކަތް މި ދައުރުގައި މި ވަނީ ނިމިފައި.
އަބްދުއްރަހީމް ވިދާޅުވިއެވެ.
މި ދައުރުގައި ނިންމި ގިނަ ބިލުތަކަކީ މިދިޔަ އަހަރު ހުށަހެޅުމަށްފަހު ކޮމެޓީ މަރުހަލާގައި ހުރި ބިލުތަކެވެ.
މަޖިލީހުން މި ދައުރުގައި ފާސްކޮށްފައިވާ ބައެއް ބިލުތަކަށް ބަލާލާއިރު، ދޮޅު އަހަރު ނެތްނަމަ ބައި-އިލެކްޝަން ނުބާއްވަން ފާސްކުރުމާއި، އޭޖީ އޮފީސް މިނިވަންކުރަން ނިންމުމާއި، 2007ގެ ޖީލުން ފެށިގެން ދުންފަތް މަނާކުރުމަށް ފާސްކުރުމާއި އަދި އިޒްރޭލު ޕާސްޕޯޓު މަނާކުރުން ހިމެނެއެވެ.