ވިޔަފާރި
މޫޑީސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަމަހައްޓައިފި

މާލީ ވުޒާރާ

ފަރުދުން
17 މޭ 2025، 12:53
17 މޭ 2025، 12:53
މޫޑީސް ރޭޓިންގުން އެކުލަވާލި އެންމެ ފަހުގެ ޕީރިއަޑިކް ރިވިއުގައި ދިވެހިރާއްޖޭގެ ދިގު މުއްދަތުގެ އިޝުއަރ ރޭޓިންގ ސީއޭއޭ 2 ގައި ދަމަހައްޓައިފިއެވެ.
މޫޑީސްއިން މިމަހުގެ 8 ވަނަ ދުވަހު ބޭއްވި ރޭޓިންގ ކޮމިޓީ ބައްދަލުވުމަށްފަހު އެކުލަވާލި ރިވިއުގައި ފާހަގަކޮށްފައިވަނީ، ކޯވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތަށް ކުރި ނޭދެވޭ އަސަރުގެ ސަބަބުން، އިޤްތިޞާދީ ގޮތުން ބޮޑު ގެއްލުމެއް ލިބިފަިވާކަމަށާއި، ދައުލަތުގެ ދަރަނި އިތުރުވެގެން ދިޔަކަމަށެވެ. އެހެންނަމަވެސް، މިހާރު ފަތުރުވެރިކަން އަލުން އާރާސްތުކުރެވި، އިޤްތިޞާދަށް ހެޔޮ ބަދަލުތަކެއް އަންނަމުންދާކަން މި ރިވިއުގައި ފާހަގަކޮށްފައިވެއެވެ.
މޫޑީސް އިން ފާހަގަކޮށްފައިވާ ގޮތުގައި، ބޭރު ފައިސާގެ ރިޒާވް އިތުރުވަމުން އައި ނަމަވެސް، ކުރިއަށް އޮތް މުއްދަތުގައި ބޮޑެތި ދަރަނިތައް އަދާކުރަން ޖެހުމަކީ ރާއްޖެއާ މެދު އޮތް ކަންބޮޑުވުމެއް ކަމަށެވެ. މިއީ 2026 ވަނަ އަހަރު ދައްކަންޖެހޭ 500 މިލިޔަން ޑޮލަރުގެ ސުކޫކެވެ.
މޫޑީސްއިން ވަނީ މިހާރަށްވުރެ ރޭޓިން ރަނގަޅުކުރަން އިރުޝާދުތަކެއް ދީފައެވެ. އެގޮތުން މާލީ ކަންކަން މިހާރަށް ވުރެ ބޮޑަށް ހަރުދަނާކޮށް އިސްލާހުތައް ގެނައުމާއި، ބޭރު ފައިސާގެ ރިޒާވް މިހާރަށް ވުރެ ބޮޑަށް ހަރުދަނާކޮށް ކުރިއެރުން ލިބޭކަން ކަށަވަރުކުރުމަށް އިރުޝާދުދީފައި ވެއެވެ. ހަމައެއާއެކު ސަރުކާރުގެ ހަރަދުތައް ކުރުމަށާއި ދަރަނި ދެއްކުމަށް ފުދޭ ވަރަށް ފައިނޭންސް ފައިސާ ހޯދޭނޭ ޔަގީންގޮތްތަކެއް ކަށަވަރުކުރުމަށް ވަނީ ބާރުއަޅާފައެވެ.
ދިވެހި ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ވަރަށް ބޮޑަށް ދައްވެފައިވާ ދަނޑިވަޅެއްގައި އިޤްތިޞާދީ މައްސަލަތަކަށް ޙައްލެއް ހޯއްދަވައިދެއްވުމަށް ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އެގޮތުން ތަރައްޤީގެ މަޝްރޫޢުތައްވެސް ކުރިއަށްގެންދަވަމުން، ބޮޑު ޢަދަދެއްގެ ދަރަނި ދައްކާ ޚަލާސްކޮށްފައިވާއިރު، ނުނިމިހުރި ދަރަނި އަދާކުރުމުގެ މަސައްކަތްވެސް ދަނީ ކުރައްވަމުންނެވެ.