ޚަބަރު
ސުޕްރީމް ކޯޓަށް ދެ ފަނޑިޔާރުން ހޯދުމަށް ހުޅުވާލައިފި

ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓު---
ސުޕްރީމް ކޯޓުގެ ބެންޗުން ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަޤާމަށް ކުރިމަތިލުމަށް ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ)އިން އިޢުލާންކޮށްފިއެވެ.
އެ ކޯޓުގެ ދެ ފަނޑިޔާރުންގެ މަޤާމު ހުސްވެފައި މިވަނީ، ސުލޫކީ މައްސަލައަކާ ގުޅިގެން ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް ޢަލީ މަޤާމުން ވަކިކުރުމަށް އެދި ޖޭއެސްސީއިން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން، އެކަން އެގޮތަށް މަޖިލީހުން ނިންމާފައިވުމާ ގުޅިގެންނެވެ. ފަނޑިޔާރުން ވަކިކުރަން މަޖިލީހުގައި ނެގި ވޯޓުގައި އަޒްމިރަލްދާ އާއި މަހާޒު ވަކިކުރަން ފެންނަ ކަމަށް 68 މެންބަރަކު ވޯޓު ދެއްވި އިރު، ނުފެންނަ ކަމަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ 11 މެންބަރުންނެވެ.
އެގޮތުން ޖޭއެސްސީއިން ކުރި އިޢުލާނުގައި ބުނެފައިވަނީ، މި މަހުގެ 22 ވަނަ ދުވަހުގެ މެންދުރު 12:00ގެ ކުރިން މި މަޤާމަށް އެދި ހުށަހެޅުމުގެ ފުރުސަތު އޮތްކަމަށެވެ.
މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ އެންމެ އަސާސީ ޝަރުތުތަކަށް ބަލާލާއިރު، އުމުރުން 30 އަހަރުވެފައިވުމާއެކު ޤާނޫނީ ނުވަތަ އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވާ، ދާއިރާގައި ހަތް އަހަރު ދުވަހުގެ ތަޖުރިބާހުންނަން ޖެހެއެވެ.
ޖޭއެސްސީގެ އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، ފަނޑިޔާރުކަމަށް ކުރިމަތިލެވޭނީ އެ ކޮމިޝަނުގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށް ނުވަތަ ހާޑް ކޮޕީ ހުށަހަޅައިގެންނެވެ.
ފަނޑިޔާރުންގެ ޤާނޫނުގައިވާ ގޮތުން، މި މަޤާމަށް ކުރިމަތިލާ ފަރާތްތަކާ ކުރިމަތިލާ ފަރާތްތަކާއި ޖޭއެސްސީއިން އިންޓަވިއު ކުރުމަށްފަހު ބޭފުޅަކު އައްޔަނުކުރުމަށް ފޮނުވަން ޖެހެނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. އަދި ފޮނުވި ނަންތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ނަންތަކެއް މަޖިލީހަށް ފޮނުވަން ޖެހެއެވެ. އަދި އެއަށްފަހު ފަނޑިޔާރުން އައްޔަނުކުރަނީ މަޖިލީހުން ފާސްވުމުންނެވެ.