ވިޔަފާރި / ޚަބަރު
ހިއްސާއަކަށް 80ރ. ބަހަން އެސްޓީއޯއިން ފާސްކޮށްފި

އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ--- ފޮޓޯ: އެސްޓީއޯ
މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 80ރ. ބެހުމަށް، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ފާސްކޮށްފިއެވެ.
މިއީ 2023 ވަނަ އަހަރު ވެސް، އެ ކުންފުނިން ޙިއްސާއަކަށް ބަހާފައިވާ މިންވަރެވެ.
ރޭ ބާރސެލޯ ނަސަންދުރާގައި ބޭއްވި އެސްޓީއޯގެ އަހަރީ ޖަލްސާގައި ހިއްސާގެ އަދަދު ކަނޑައެޅީ، އެ ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ 99.99 އިންސައްތަ ވޯޓުންނެވެ. އެ ޖަލްސާގައި 162 ޙިއްސާދާރުންނާއި 67 ޕްރޮކްސީ ހޯލްޑަރުން ވަނީ ބައިވެރިވެފައެވެ.
Our Shareholders have approved a dividend of MVR 80 per share for the year 2024. #HappeningNow #STOAGM2024 pic.twitter.com/ysjwpvHVBC
— STO (@stoplc) May 17, 2025
ހިއްސާގެ އަދަދުގެ އިތުރުން، 2023ވަނަ އަހަރުގެ ޔައުމިއްޔާ އާއި 2024ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތައް އަދި ޑިރެކްޓަރުންގެ ރިޕޯޓުވެސް އެ ޖަލްސާގައި ފާސްކޮށްފައިވެއެވެ.
މީގެ އިތުރުން ކުރިއަށް އޮތް އަހަރަށް ކުންފުނީގެ އެކްސްޓާނަލް އޮޑިޓަރެއްގެ ގޮތުގައި ހަމަޖެއްސި ޑެލޮއިޓްއަށް އުޖޫރައެއްގެ ގޮތުގައި 67،500 އެމެރިކާ ޑޮލަރު ދިނުމަށްވެސް މި ޖަލްސާގައި ވަނީ ނިންމާފައެވެ.
Delloite has been reappointed as our External Auditors for 2025. #STOAGM2024 #HappeningNow pic.twitter.com/39KayNkPgo
— STO (@stoplc) May 17, 2025
އަދި ރޭގެ ޖަލްސާގައި ހިއްސާދާރުން ތަމްސީލްކުރާނެ ޑިރެކްޓަރެއްވެސް ވަނީ ހޮވާފައެވެ. މި މަޤާމަށް ހޮވުނީ މުޙައްމަދު އަޙުސަން ސަލީމެވެ، އެއީ 99.71 ހިއްސާދާރުންގެ ވޯޓުންނެވެ.
ހިއްސާއަކަށް 80ރ. ބެހުމަށް ނިންމާފައިވީނަމަވެސް، މިދިޔަ އަހަރު އެ ކުންފުނީގެ ފައިދާ ވަނީ، އޭގެ ކުރީ އަހަރާ އަޅާބަލާއިރު 7 އިންސައްތަ ދަށަށް ގޮސްފައެވެ. ގެއްލުންވި ސަބަބަށް އަލިއަޅުވާލައްވަމުން އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑީރެކްޓަރ ޝިމާދް އިބްރާހިމް ވިދާޅުވީ، އެއީ ދުނޔޭގެ ބާޒާރުގައި ތެލަށް އައި ބަދަލާއި، އެސްޓީއޯއިން ވިއްކަމުން ދިޔަ ތެލުގެ އަގު ހެޔޮކުރުމުން ގެއްލުނު ބައެއް ކަމުގައެވެ.