ޚަބަރު
މި އަހަރު ޙައްޖަށްދާ ދިވެހިންނަށް ގިނަ ފަސޭހަތަކެއް

ހައްޖުވެރިންތަކެއް އެއަރޕޯޓުގައި ---
ޙައްޖުވެރިންނަށް ލުއިފަސޭހަކޮށްދިނުމަށް، ސަޢުދީ ވިޝަން 2030ގައި ހިމެނޭ މައްކާ ރޫޓް އިނިޝިއޭޓިވްގައި މި އަހަރުން ފެށިގެން ރާއްޖެ ހިމެނުމަށް ސައުދީ ސަރުކާރުން ނިންމާފައިވުމާ ގުޅިގެން، ރާއްޖެއިން މި އަހަރު ޙައްޖަށްދާ ފަރާތްތަކަށް ގިނަ ލުއި ފަސޭހަތަކެއް ލިބިގެންދާނެއެވެ.
އޭގެ ތެރޭގައި އިމިގްރޭޝަން ކްލިއަރެންސްގައި ލިބިދޭ ފަސޭހަތަކާއި، ލަގެޖު އުފުލުމުގައި ވެސް ގިނަ ފަސޭހަތަކެއް ލިބިގެންދާނެއެވެ.
ސައުދީ ސަރުކާރުން ޙިއްސާކޮށްފައިވާ ގޮތުގައި، މި އިނިޝިއޭޓިވްގެ ދަށުން ޙައްޖުވެރިންނަށް ފަސްކަމެއް ފަސޭހަވެގެން ދާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ:
- ޙައްޖު ވެރިންގެ ބަޔޯމެޓްރިކްސް ޑޭޓާ އެއްކުރެވި، އެމީހުންގެ ޞިއްޙީ އަދި ރައްކާތެރިކަމުގެ ޝަރުޠުތައް ފުރިހަމަކުރާކަން ޔަޤީންކުރުމާއެކު އިލެކްޓްރޯނިކް ޙައްޖު ވިސާ ލިބޭނެގޮތް މެގުފަހިވުން.
- ފުރާ ޓާމިނަލް (ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް)ގައި ފަސިންޖަރުގެ ތަކެތި ރަޖިސްޓަރީކޮށް، ދަތުރުމަތީގެ ތަކެތި ވަކިކޮށް ޓެގުއެޅުވުމަށްފަހު ބޯޑިންގ ޕާސް ދޫކުރުން.
- ޙައްޖުވެރިންގެ އަމިއްލަ ޤައުމުގެ ވައިގެ ބަނދަރުތަކުން ފުރުމުގެ ކުރިން، މި އިނީޝިއޭޓިވްގެ ޚާއްޞަ ޕާސްޕޯޓް ޓީމުން ސަޢުދީއަށް ވަނުމުގެ އިޖުރާޢަތްތައް ނިންމައި، ޖިއްދާ އަދި މަދީނާގެ އެރައިވަލް ޓާމިނަލްއަށް ދިއުމުގެ ހުއްދަ ލިބުން.
- ސަޢޫދީ ޢަރަބިއްޔާ އެއަރޕޯޓުގައި ޙައްޖުވެރިންނަށް ކަނޑައަޅާފައިވާ ޓާރމިނަލްއަށް އައުމާއެކު، ޙައްޖުވެރިންނަށް ހަމަޖައްސާފައިވާ ހޮޓަލަށް ވަގުތުން ދެވޭނެ އިންތިޒާމް ހަމަޖެހުން.
- ޙައްޖުވެރިންގެ ފޮށިތައް އެއަޕޯޓުން ލިބެންދެން އެރައިވަލް ޓަރމިނަލްގައި ޙައްޖުވެރިން މަޑުކުރުމަކާ ނުލައި، ފޮށިތައް ޙައްޖުވެރިން ތިބޭ ހޮޓަލަށް ސީދާ ރައްދުކޮށްދިނުން.
އެހެންކަމުން، މި ޕްރޮގްރާމްގެ ދަށުން ޙައްޖުވެރިންނަށް ލިބޭނެ އެންމެ ބޮޑު ފަސޭހައަކީ އަމިއްލަ ޤައުމުން ފުރުމުގެ ކުރިން، ދެ ޤައުމުގެ އިމިގްރޭޝަނުން ކުރަންޖެހޭ ކަންކަން އަމިއްލަ ޤައުމުގެ އެއަރޕޯޓްގައި ތިބެ ނިންމޭނެ ގޮތް ހަމަޖެހި، ޖިއްދާގެ އެއާޕޯޓްގެ އިމިގްރޭޝަންގައި ޙައްޖުވެރިން މަޑުކުރަން ނުޖެހި ސީދާ ހޮޓަލަށް ދެވުންކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
މައްކާ ރޫޓްގައި ރާއްޖެ ހިމަނައި ދިނުމަށް އިސްލާމިކް މިނިސްޓްރީން ރަސްމީކޮށް އެދިފައިވަނީ މީގެ ދެ މަަސްކުރިނެވެ. އެއީ މިކަމާގުޅޭ ގޮތުން ސަޢޫދީ އަރަބިއްޔާގެ ޙައްޖު މިނިސްޓްރީއާ އެކު ކުރެވުނު ގިނަ މަޝްވަރާތަކަށް ފަހުގައެވެ.
އެހެންކަމުން ރާއްޖެއަށް މި ފުރުޞަތު ލިބިގެން ދިޔުމަކީ ސައޫދީ އަރަބިއްޔާ އިން ރާއްޖޭގެ ރައްޔިތުންނާ މެދު ދެކޭ އަޚުވަންތަ ގާތްކަން ރަމްޒުކޮށްދޭ ކަމެއްކަމަށް އިސްލާމީ ވުޒާރާއިން ބުނެއެވެ.