Ads by Aqeeqa Maldives

ޚަބަރު

ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު އަންހެނަކާއި ފިރިހެނެއް ހައްޔަރުކޮށްފި

ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު އަންހެނަކާއި ފިރިހެނެއް ހައްޔަރުކޮށްފި

17 މެއި 2025ގައި ހިންގި އޮޕަރޭޝަންގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނދިޔަ ދެ މީހުން ---

18 މޭ 2025، 02:26

ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިޔަށް ގެންދިޔަ އޮޕަރޭޝަނެއްގައި ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު އަންހެނަކާއި ފިރިހެނެއް ހައްޔަރުކޮށްފިއެވެ.

މާލޭ ސިޓީގައި އިއްޔެ ހިންގި މި އޮޕަރޭޝަނުގައި މައްޗަންގޮޅި ގެއަކާއި ހުޅުމާލޭގެ އެޕާޓްމަންޓެއް ބަލައި ފާސްކޮށްފައިވެއެވެ. މި ތަންތަނުން ފެނުނު، މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ ތަކެތީގެ ބަރުދަނުގައި 1058.55 ގްރާމް ހުރިކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

މީގެ އިތުރުން، މަސްތުވާތަކެތި ވިއްކައިގެން ހޯދާފައިވާކަމަށް ބެލެވޭ 7،000އަށް ވުރެ ގިނަ ދިވެހި ރުފިޔާވެސް އެ ތަންތަނުން ފެނިފައިވެއެވެ.

މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ މއ. ދަގަނޑުކެޑިގެ، މާލެ، އުމުރުން 44 އަހަރުގެ ޙަސަން ނިމާލު އާއި ހ. ރީފްވިޔު ހުޅަނގުބައި 3، މާލެ، އުމުރުން 38 އަހަރުގެ ޝިފާނާ ޢަބްދުއްސައްތާރުއެވެ.

މިއީ މަސްތުވާތަކެތި ގެންގުޅެ، ވިއްކައި ވިޔަފާރިކޮށް، ބޭނުންކުރާކަމަށް ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން  ފުލުހުން ހިންގި އޮޕަރޭޝަނެއްކަމަށް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS