Ads by Aqeeqa Maldives

ޚަބަރު

ޙައްޖު ކޯޓާ "ގަޑުބަޑު" ކުރިކަމަށް ބުނެ ނޫހެއްގައި އޮތް ވާހަކަތަކެއް ވަޒީރު ޝަޙީމް ދޮގުކުރައްވައިފި

ޙައްޖު ކޯޓާ "ގަޑުބަޑު" ކުރިކަމަށް ބުނެ ނޫހެއްގައި އޮތް ވާހަކަތަކެއް ވަޒީރު ޝަޙީމް ދޮގުކުރައްވައިފި

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. ޝަޙީމް ޢަލީ ސައީދު ---

19 މޭ 2025، 10:23

ޙައްޖު ކޯޓާ "ގަޑުބަޑު" ކުރިކަމަށް ބުނެ ނޫހެއްގައި އޮތް ވާހަކަތަކެއް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. ޝަޙީމް ޢަލީ ސައީދު ދޮގުކުރައްވައިފިއެވެ.

ޙައްޖު ކޯޓާއާ ގުޅިގެން އެ ލިޔުމުގައި އޮތް މައިގަނޑު ވާހަކައަކީ، ޙައްޖަށް ދިއުމަށް ރާއްޖެއަށް ލިބޭ ކޯޓާގެ ބޮޑު އިންސައްތައެއް ސަރުކާރުން ރިޒާވްކޮށް އެ ކޯޓާތަކަށް ސަރުކާރުން އަންގާ ބަޔަކު ފޮނުވާ ވާހަކައެވެ. އެގޮތުން މިދިޔަ އަހަރު ރާއްޖެއިން ޙައްޖަށް ދިޔަ 1،151 މީހުންގެ ތެރެއިން 379 މީހުން ރިޒާވް ކޯޓާގައި ޙައްޖަށް ދިޔަކަމަށް އެ ލިޔުމުގައި އޮތެވެ. އެއީ ޙައްޖަށް ދިޔަ މީހުންގެ %32 އެވެ.

މި ލިޔުމާ ގުޅިގެން ވަޒީރު ޝަޙީމް ވިދާޅުވީ، އެއީ ހަގީގަތާއި ޚިލާފް ވާހަކަތަކެއް ކަމަށާއި، %32 ކޯޓާ މިދިޔަ އަހަރު ސަރުކާރުގެ ބޭނުމަށް ރިޒާވްކޮށްފައި ނުވާނެކަމަށެވެ. ނަމަވެސް ސަރުކާރުތަކުން ކޯޓާ ރިޒާވް ކުރަމުން އައިސްފައި ވަނީ ބޮޑެތި ބަލިތައް ތަޙައްމަލް ކުރަމުންދާ މީހުނަށާއި އުމުރުން 75 އަހަރުން މަތީގެ މީހުންގެ އެހީތެރިންނަށް ކަމަށެވެ. އަދި މީގެ ތެރޭގައި 75 އަހަރުން މަތީގެ ބައެއް މީހުނަށް ދެ އެހީތެރިން ބޭނުންވާ ހާލަތް އަންނަކަން ވެސް ފާހަގަ ކުރެއްވެވިއެވެ.

މީގެ އިތުރުން، ޙައްޖަށް ދާ މީހުން ގިނަވާ މިންވަރަކަށް ގްރޫޕްގެ އެހީތެރިންގެ ގޮތުގައި ގެންދާ މީހުންނާއި، ކައްކާ މީހުންނާއި ޑޮކްޓަރުން އަދި ނަރުހުން ވެސް އިތުރުކުރަންޖެހޭ ކަމަށާއި، ރިޒާވްކުރާ ކޯޓާތަކަކީ މިފަދަ ކަންކަމަށް ޙާއްސަކުރާ ކޯޓާތައްކަމަށް ވަޒީރު ވިދާޅުވިއެވެ.

އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޙައްޖަށް ވަކި ބަޔަކު ފޮނުވުމަށް ލިސްޓެއް ފޮނުވާފައިނުވާކަމަށް ވެސް ވަޒީރު ފާހަގަ ކުރެއްވެވިއެވެ. ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މަސައްކަތް ކުރަނީ، ޙައްޖުގެ ނިޒާމް އިތުރަށް ހަރުދަނާކޮށް ގިނަ ބަޔަކު ޙައްޖަށް ފޮނުވުމުގެ ފުރުސަތު ފަހިކޮށްދިނުމަށްކަމަށް ކަމަށެވެ. އެގޮތުން އަލަށް ޙައްޖަށްދާ މީހުންނަށާއި މުސްކުޅިންނަށް އިސްކަން ދިނުމަށާއި،  ކޮންމެ 5 އަހަރަކުން ނޫނީ ޙައްޖު ތަކުރާރު ނުކުރެވޭ ގޮތް ހެދުމަށް ނިންމީ ނިޒާމު ހަރުދަނާ ކުރުމަށްކަމަށް ވިދާޅުވިއެވެ.

ޙައްޖު ކޯޓާ "ގަޑުބަޑު"ކުރިކަމަށް ބުނެ ލިޔެފައިވާ ލިއުމަކީ، ޙައްޖުވެރިންނަށް ލުއިފަސޭހަކޮށްދިނުމަށް، ސަޢުދީ ވިޝަން 2030ގައި ހިމެނޭ މައްކާ ރޫޓް އިނިޝިއޭޓިވްގައި މި އަހަރުން ފެށިގެން ރާއްޖެ ހިމެނުމަށް ސައުދީ ސަރުކާރުން  ނިންމާފައިވުމާ ގުޅިގެން، ރާއްޖެއިން މި އަހަރު ޙައްޖަށްދާ ފަރާތްތަކަށް ގިނަ ލުއި ފަސޭހަތަކެއް ލިބިގެންދާނެތީ، އެކަމަށް ހިޔަނި އެޅުވުމަށް ލިޔެފައިވާ ލިއުމެއްކަމަށް ވެސް ވަޒީރު ތުހުމަތުކުރެއްވެވިއެވެ.

ވަޒީރުގެ މެސެޖުގައި އެ މަނިކުފާނު ވަނީ ޙައްޖު ކޯޕަރޭޝަންގެ ޚިދުމަތްތެރިކަން ފާހަގަކޮށް އެ ކޯޕަރޭޝަންގެ މުވައްޒަފުންނަށް ޝުކުރު ދަންނަވާފައެވެ. ވަޒީރު ވިދާޅުވީ، މި ސަރުކާރު އައި ފަހުން އެ ކޯޕަރޭޝަންގެ ޚިދުމަތްތައް އިތުރަށް ފުރިހަމަވެފައިވާ ކަމަށެވެ.

ޙައްޖަށް ދާ މީހުންގެ ކިއު އިންތިހާއަށް ބޮޑު ވެގެންދިޔައީ ކޮވިޑް-19ގެ އާލަމީ ވަބާއާ ގުޅިގެން ތިން އަހަރު ދުވަހަށް ޙައްޖައް މީހުން ނުގެންދިއުމަށް ސައުދީ ޢަރަބިއްޔާގެ ސަރުކާރުން ނިންމުމާ ގުޅިގެންނެވެ. މިކަމުގެ ސަބަބުން ތިން ހާސް މީހުން ކިއުއަށް އިތުރުވެގެން ދިޔަކަމަށް ވަޒީރު ޝަޙީމް ހާމަކުރައްވާފައިވެއެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS