Ads by Aqeeqa Maldives

ޚަބަރު

ރާއްޖޭގެ ބޯޑަރު ބެލެހެއްޓުމަށް 200 އަށް ވުރެ ގިނަ މީހުން ހޯދަނީ

ރާއްޖޭގެ ބޯޑަރު ބެލެހެއްޓުމަށް 200 އަށް ވުރެ ގިނަ މީހުން ހޯދަނީ

ބޯޑަރު ބެލެހެއްޓުމަށް 200 އަށް ވުރެ ގިނަ މީހުން ހޯދަނީ ---

20 މޭ 2025، 07:23

ދިވެހިރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގައި ހަރަކާތްތެރިވާ މޯލްޑިވްސް އިމިގްރޭޝަނާއި މޯލްޑިވްސް ކަސްޓަމްސް  ސާރވިސްއަށް 200 އަށް ވުރެ ގިނަ މުވައްޒަފުން ހޯދުމަށް އިޢުލާންކޮށްފިއެވެ.

ރާއްޖެއަށް އަންނަ ކޮންމެ މީހަކީ، މި ޤައުމަށް ވަނުމަށް ޙުއްދަ އޮންނަ ގިންތީގެ މީހެއްތޯ ކަށަވަރުކުރުމުގެ ޒިންމާ އިމިގްރޭޝަނަށް އޮންނައިރު، ރާއްޖެ އެތެރެކުރާ ތަކެއްޗަކީ ޤަނޫނުތަކާ ޤަވާއިދުތަކަށް ފެތޭ ތަކެތި ތޯ ކަށަވަރުކުރުމާއި އެތެރެކުރާ ތަކެތީގެ ބާވަތަށް ބަލައި، ނަގަންޖެހޭ ޑިއުޓީ ނެގުމުގެ މަސްއޫލިއްޔަތު އަދާކުރަނީ ކަސްޓަމްސްއިންނެވެ.

އެގޮތުން 50 އޮފިސަރަކު ހޯދުމަށް 24 މެއި ވާ ހޮނިހިރު ދުވަހު އިމިގްރޭޝަނުން ވަނީ ވޯކް-އިން އިންޓަވިއުއެއް ބޭއްވުމަށް ނިންމާފައެވެ. މިއީ މިގޮތަށް އިމިގްރޭޝަންގެ އިންޓަވިއުއެއް ބާއްވާ ފުރަތަމަ ފަހަރުކަން ވަނީ އެ އިދާރައިން ހާމަކޮށްފައިވެއެވެ.

"އިމިގްރޭޝަން އޮފިސަރ ޓްރެއިނީ"ގެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި، ސާނަވީ އިމްތިހާނުން މަދުވެގެން ދެ މާއްދާއިން "ޑީ" ފާސް ލިބިފައިވުމާއެކު، "ދިވެހި" މި މާއްދާއިން ސެކަންޑަރީ ނުވަތަ ހަޔަރ ސެކަންޑަރީ އިމްތިހާނަކުން ދަށްވެގެން "ސީ" ފާސް ލިބިފައިވުން ހިމެނެއެވެ. ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ލެވެލް 3 ގެ ސެޓްފިކެޓެއް ހާސިލްކޮށްފައި އޮންނަން ޖެހެއެވެ. މީގެ އިތުރުން އުމުރުން 40 އަހަރު ފުރިފައި ނުވުމަކީ ވެސް ޝަރުތެކެވެ. 

އިމިގްރޭޝަންގެ ވޯކް-އިން އިންޓަވިއު ކުރިޔަށްދާނީ ހޮނިހިރު ދުވަހުގެ ހެނދުނު 9 އިން ހަވީރު 5 އަށް ގަލޮޅު ސްކޫލްގައެވެ. އިންޓަވިއުއަށް ދާއިރު، ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމާއި، ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ސީވީގެ އިތުރުން އައިޑީކާޑު ގެންދަން ޖެހެއެވެ.



ކަސްޓަމްސްގެ "އެސިސްޓެންޓް ކަސްޓަމްސް އޮފިސަރ"ގެ މަޤާމަށް ހޯދަމުން ދަނީ 164 މުވައްޒަފުންނެވެ. މި މަޤާމަށް ކުރިމަތިލުމަށް  ސާނަވީ އިމްތިހާނުން މަދުވެގެން ދެ މާއްދާއިން "ޑީ" ފާސް ލިބިފައިވުމާއެކު، "ދިވެހި" މި މާއްދާއިން ސެކަންޑަރީ ނުވަތަ ހަޔަރ ސެކަންޑަރީ އިމްތިހާނަކުން ދަށްވެގެން "ސީ" ފާސް ލިބިފައި އޮންނަން ޖެހެއެވެ. މީގެ އިތުރުން ކަސްޓަމްސްގެ ބޭސިކް ފިލިކަލް ޓެސްޓުން ފާސްވުމަކީ ވެސް ޝަރުތެކެވެ.

މި މަޤާމަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ 31 މެއި ވާ ހޮނިހިރު ދުވަހުގެ 14:00އެވެ. މަޤާމަށް އެދި އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ އެ ސަރވިސަސްގެ ރެކްރޫޓްމެންޓް ޕޯޓަލް މެދުވެރިކޮށެވެ. 



މިއީ ރާއްޖޭގެ ތަންފީޒީ ދާއިރާގައި މަސައްކަތްކޮށްލުމަށް ލިބޭ ރަނުގެ ފުރުސަތެއްކަމުގައި ގަބޫލުކުރެވެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS